ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށް ފަހު ރާއްޖޭގެ ބޯޑަރު މިދިއަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން، އިއްޔެއާ ހަމައަށް އޮޕަރޭޓު ކުރަމުން ދަނީ 61 ރިސޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ 150 އަށް ވުރެ ގިނަ ރިސޯޓުގެ ތެރެއިން، 61 ރިސޯޓެއް މިހާރު ވެސް ވަނީ އޮޕަޜޭޝަން ފަށައިގެން ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށައިފަ އެވެ.
އޭގެ އިތުރުން، ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތްދޭން ހަތަރު ތަނަކަށް އިއްޔެގެ ނިޔަލަށް ވަނީ ހުއްދަ ދީފަ އެެވެ.
އެގޮތުން، ބ. އަތޮޅު އަމިއްލަ ފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ހުއްދަ ދީފައިވެ އެވެ.
ނަމަވެސް، ގެސްޓުހައުސްތަކާއި ހޮޓާތައްއް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީހެއް ސަރުކާރުން އަދި އިއުލާންކޮށްފައެެއް ނުވެ އެވެ.
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ސަފާރީތަކަށް ވެސް ހުޅުވާލާފައިވާއިރު، އެ ހުއްދަ މިހާތަނަށް 22 ސަފާރީއަކަށް ވަނީ ދޫކޮށްފަ އެވެ.
ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ.