ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގެ ޓްރެވަލް އޭޖެންޓުނާ މައުލޫމާތު ހިއްސާކޮށްފި

Jul 30, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި މަހު އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާގުޅޭ މައުލޫމާތު އިންޑިއާގެ ޓްރެވަލް މާކެޓުގެ ފަރާތްތަކާ ހިއްސާކޮށްފި އެވެ.

އިންޑިއާގައި ހުންނަ ދިވެހި އެމްބަސީ އާއި ކޮންސިއުލޭޓުގެ އިތުރުން، ފޮރިން އަދި ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި އެމްއެމްޕީއާރްސީ ގުޅިގެން އޮންލައިކޮށް އިއްޔެ ބޭއްވި ވެބިނާގައި، އިންޑިއާގެ އެކި ކަންކޮޅުތަކުން 180 އަށް ވުރެ ގިނަ އައުޓްބައުންޑް ޓްރެވަލް އޮޕަރޭޓަރުން ވަނީ ބައިވެރިވެފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވެބިނާގައި ބައިވެރިވި އޭޖަންޓުންނަށް ޓޫރިސްޓުންގެ ރައްކާތެރިކަމަށް އެއާޕޯޓުގެ އިތުރުން ރިސޯޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ފްލައިޓުތައް އޮޕަރޭޓުކުރަން ފެށުމުން، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އިންޑިއާގެ ގިނަ ބައަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

އިންޑިއާއަކީ ޓޫރިޒަމަށް ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެކެވެ. އެގޮތުން، މިދިއަ އަހަރު 160،000 އަށް ވުރެ ގިނަ އިންޑިއާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 83 ޕަސަންޓުގެ އިތުރުވުމެކެވެ.

އިންޑިއާގެ ޓްރެވަލް މާކެޓުގެ ފަރާތްތަކާއެކު މިފަދަ ވެބިނާއެއް ބާއްވާފައި ވަނީ، އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން އެދިފައި ވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާލާފައި ނުވި ނަމަވެސް، ރާއްޖެއާ ދެމެދު ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ "އެއާ ކޮރިޑޯ" އެއް ގާއިމު ކުރަން ރާއްޖޭން ރަސްމީކޮށް އެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ދެ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،500 އެއްހާ ޓޫރިސްޓުންނެވެ. ނަމަވެސް، އަހަރުގެ ފަހުކޮޅު އެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.