ކޮވިޑް-19 އިގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާއި އިންޑިއާ އާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ގާއިމްކުރުމަށް ނިންމައިފި އެވެ.
މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބަލް އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށެވެ.
ނަމަވެސް، މި އިންތިޒާމުގެ ދަށުން ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.
"ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ހާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނު ނަމަވެސް، އެއާ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރުތައް މިދިއަ ޖުލައި މަހުގެ ތެރޭގައި އަލުން ހުޅުވާލާފައިވާއިރު، މި އެއާ ބަބަލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެކަމަށްވެސް ބުނެފައިވެ އެވެ.
އިންޑިއާއަކީ ޓޫރިޒަމަށް ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެކެވެ. އެގޮތުން، މިދިއަ އަހަރު 160،000 އަށް ވުރެ ގިނަ އިންޑިއާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 83 ޕަސަންޓުގެ އިތުރުވުމެކެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން ރާއްޖޭގައި މަސައްކަތްކުރާ އެތަކެއް ހާސް އިންޑިއާ މީހުން ވަނީ ފްލައިޓުތަކުގެ އިތުރުން އިންޑިއާ އިން ފޮނުވި މަނަވަރުތަކުގައި އަނބުރާ ގެންގޮސްފަ އެވެ.
މި އެއާ ކޮރިޑޯގެ ދަށުން، އެ މީހުން ވެސް ރާއްޖެ އައުމުގެ މަގު ފަހި ވެގެން ދިއުމަކީ މި ޓްރެވަލް ބަބަލްގެ މުހިއްމު ބޭނުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، އެއާ ބަބަލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއާ އިންޑިއާއިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.