ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިއަ މަހުގެ 15 ވަނަ ދުވަހު ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލި ފަހުން، މިދިއަ މަހުގެ ނިޔަލަށް 1،700 އެއްހާ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯޑަރު ހުޅުވާލިފަހުން 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 1،769 ޓޫރިސްޓުންނެވެ.
އެގޮތުން، މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން މިހާތަނަށް 258 ޓޫރިސްޓުން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީއަށް އައިސްފައިވަނީ 189 މީހުނާއެކު އެމެރިކާ އެވެ. ތިންވަނައަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނޭއިރު، ޔޫރަޕުގެ ހަތަރު ގައުމަކުން މިހާތަނަށް 370 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ މިދިއަ މަހުގެ ނިޔަލަށް ޒިޔާރަތްކޮށްފަ އެވެ.
ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ 150 އަށް ވުރެ ގިނަ ރިސޯޓުގެ ތެރެއިން، 61 ރިސޯޓެއް މިހާރު ވެސް ވަނީ އޮޕަޜޭޝަން ފަށައިގެން ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށައިފަ އެވެ.