ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެ އަލުން ބަންދު ކުރަން ރައީސް ނަޝީދު ދެކޮޅު

Jul 29, 2020
9

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައި ވާއިރު، ލޮކްޑައުނަކަށް އެނބުރި ގޮސް، ގައުމު އަލުން ބަންދު ކުރަން ގޮވާލާ އަޑުތައް ގަދަވަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ރައްދު ދެއްވައި ދެކޮޅު ހައްދަވައިފި އެވެ.

ދެ މަސް ދުވަހަށް ފަހު މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދަށް ގެނައި ލޮކްޑައުން އުވާލާފައިވާއިރު، މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރުތައް ވެސް ވަނީ އަލުން ފަތުރުވެރިންނަށް ހުޅުވާލައިފަ އެވެ.

ނަމަވެސް، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެގޮތުން، 137 މީހުނާއެކު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކުރިއާ ހިލާފަށް ބަލި ޖެހޭ މީހުންގެ ތެރެއަށް ދިވެހިންގެ އަދަދު ގިނަވާތީ، ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި އެކަން ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައި ވެއެވެ. އެހެންވެ މާލެ އަނެއްކާވެސް ލޮކްޑައުންކޮށް، ބޯޑަރުތައް ވެސް އަލުން ބަންދުކުރަންޖެހޭ ކަމަށް، އާއްމު ބައެއް ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ހިންގާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެކަމާ ގުޅިގެން، ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރާއްޖެ އަލުން ބަންދު ކުރުމުގެ ވިސްނުމަކީ ދިވެހީންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ތަކުރާރުކޮށް ބުނަމުންދާ ފަދައިން، މި ބައްޔާއެކު އުޅެވޭނެ ގޮތް ދިވެހީން ވެސް ހޯދަންޖެހޭނެ ކަމަށެވެ.

"ރޯގާ އިން ސަލާމަތްވުމަށްޓަކައި، ގައުމު ބަންދުކޮށް، ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަ ދީފިނަމަ، ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އިއްޔެގެ ރެކޯޑް އަދަދާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފަ އެވެ. އަދި ލޮކްޑައުން އުވާލިފަހުން، މިހާރު ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ދިވެހީންގެ އަދަދު ވަނީ ބިދޭސީންނަށް ވުރެ މައްޗަށް އަރައިފަ އެވެ.