ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jul 27, 2020
1

އިއްޔެ ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު އަވަސް އަށް ވިދާޅުވީ އިއްޔެ ރާއްޖެ އައި ފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ.

"އޭނާ ޓެސްޓު ކުރީ ކޮވިޑް-19 އިގެ އަލާމާތްތައް ހުރެ ގެނެއް ނޫން. ހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުރި ޓެސްޓެއް އެއީ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި މީހާ މިހާރު ހެދިފައިވާ އުސޫލުގެ ދަށުން އެކަހެރިކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށް ފަހު، މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިޔަކު މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ހުޅުވި ފަހުން މިދިއަ ހުކުރު ދުވަހާ ހަމައަށް 904 ޓޫރިސްޓުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި، މިހާރު ދުނިޔޭގައި އެ ބަލި އެންމެ ބޮޑަށް ފެތުރޭ އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.