ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ބޯޑަރު ހުޅުވިފަހުން އިމްޕޯޓެޑް ކޭހެއް އަދި ނެތް"

Jul 27, 2020

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ޓޫރިސްޓުން އަލުން އަންނަން ފަށާފައިވާއިރު، ބޭރުން އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އިގެ ކޭހެއް އަދި ފެނިފައި ނުވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން އިމްޕޯޓެޑް އެއްވެސް ކޭހެއް އަދި ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

"[އަލުން ހުޅުވާލި ފަހުން] ރާއްޖެ އެތެރެވި މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ހުރި ކަމަށް އަދި ރިޕޯޓް ކޮށްފައެއް ނުވޭ. އަދި ރިސޯޓަކުން ވެސް އެފަދަ ރިޕޯޓެއް އަދި ލިބިފައެއް ނެތް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ހުޅުވި ފަހުން މިދިއަ ހުކުރު ދުވަހާ ހަމައަށް 904 ޓޫރިސްޓުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި، މިހާރު ދުނިޔޭގައި އެ ބަލި އެންމެ ބޮޑަށް ފެތުރޭ އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. މަސްތަކަކަށް ފަހު އަލުން ބޯޑަރު ހުޅުވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މި މަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުނެވެ.