ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫކޭއިން އައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Dec 28, 2020

އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، ޔޫކޭއިން އައި އެ މީހާއަކީ ދާދިފަހުން މާލޭގައި އޮތް ކައިވެނި ހަފްލާއަކުން ޕޮޒިޓިވްވި ކްލަސްޓާއާ ގުޅުން ހުރި މީހެއް ކަމަށެވެ.

ނަމަވެސް، އޭނާ ރާއްޖެ އައިސްފައިވަނީ އެ ކައިވެނި ހަފްލާއަށްފަހު ކަމަށާއި، ނަމަވެސް އޭރު ޔޫކޭން އަންނަ މީހުން ކަރަންޓީނުވާންޖެހޭ އުސޫލަށް އަމަލުކުރަން ފަށާފައިނުވާތީ އޭނާ ކަރަންޓީނުވާން ޖެހިފައިނުވާ ކަމަށެވެ.

އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓުކުރުމުން ކަމަށެވެ.

އިނގިރޭސިވިލާތުން ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ގައުމުން މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ މިދިއަ ހޮނިހިރުން ދުވަހުން ފެށިގެންނެވެ.

ނަމަވެސް، އެ މީހާއަކީ ކޮވިޑުގެ އާ ވައްތަރާ ގުޅުން ހުރި ކޭހެއްކަމަށް އެނގޭނެ ގޮތެއް ނެތް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.

ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ޔޫކޭއަށް ކުރާ ދަތުރުތައް ހުއްޓާލާ ޔޫކޭއަށް އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލާ ޓޫރިޒަމް އަލުން ފަށާފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޔޫކޭ ހިމެނެއެވެ.

އެއާއެކު، އެޗްޕީއޭއިން އިއުލާނުކޮށްފައިވާ އުސޫލުގައި، ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރާނެ ކަމަށެވެ.

އަދި އެ މީހުން ރާއްޖެ އަންނަތާ ފަސް ދުވަހާއި 10 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދާނެ ކަމަށެވެ. އެ ގައުމުން ދެން ރާއްޖެ އާދެވޭނީވެސް 92 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގައެވެ.

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.