ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އަބްދުﷲ މައުސޫމް

ކޮވިޑުގެ ނުރައްކާ އަދިވެސް އެބައޮތް: މައުސޫމް

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް ވަނީ ކޮވިޑްގެ ނުރައްކާ އޮތުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށްވެސް ކަމާ ގުޅޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

މައުސޫމް ވިދާޅުވީ އިއްޔެ ރާއްޖެ އައި ދެކުނު އޭޝިއާގެ ނުވަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ އިންޑިއާ، ލަންކާ އަދި ނޭޕާލުން ރާއްޖެ އައި އެކަކާ ބަންގްލަދޭޝް އިން ރާއްޖެ އައި ހަ މީހުންނެވެ.

ކޮވިޑް ނަންބަރުތަކެއް ހިއްސާކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް ކަމަށެވެ. އެހެންކަމުން އިންތަކާއި މިންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުތައް ބެހެއްޓުމަށް ސަމާލުވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ސަރުކާރުން ވަނީ ލުއިދީފަ އެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަށް ގެނެވިފައިވާ ކަމަށާއި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ކޮވިޑް ނަންބަރުތައް މަޑުމަޑުން ވަނީ އިތުރުވާން ފަށާފަ އެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 73 މީހަކު ހިމެނެ އެވެ. އަދި ރިސޯޓްތަކުން 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 78243 އަށް އަރާފަ އެވެ.

ސަރުކާރުން ޖުލައި 26 އާއި އީދާ ދިމާކޮށް ރަށްތަކަށް ދާން ބޭނުންވާ މީހުންނަށް ލުއި ދިނުމާ ގުޅިގެން އަތޮޅުތެރޭގެ ރަށްތަކުން ފެންނަ ކޭސްތައް އިތުރުވެފައިވެ އެވެ.