ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރަށްތަކަށް އަދި ނުދެވޭނެ

ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ނުގެން ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ވަނީ ދެނުކު އޭޝިއާގެ ފަތުރުވެރިނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އެ ނިންމުން އުވާލާ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެޗްޕީއޭއިން މިއަދު ވަނީ ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފަ އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާނެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި ފަތުރުވެރިން ޓްރާންސިޓްވާން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށަށަައި އެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލު ކުރާނެ ގޮތްތައް މިމަހުގެ 30 ގެ ކުރިން އަންގާނެ ކަމަށް ވެސް އެޗްޕީއޭގެ އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.
ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ލުއިދީ މި މަހުގެ 15 ވަނަ ދުވަހުން އަލުން ވިސާ ދޫކުރާނެ ކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.