ރާއްޖޭގައި ކޮވިޑް-19 އިގެ ނަމްބަރުތައް މަތިވި ނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުން އެ ބައްޔަށް ޕޮޒިޓިވްވާ އަދަދު އެއް ވަރެއްގައި ހުރީ ހިފެހެއްޓިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް ޓޫރިސްޓުން ކޮވިޑް ބައްޔަށް ޕޮޒިޓިވާ ނިސްބަތް ހުރީ 0.09 ޕަސެންޓުގަ އެވެ. މިއީ ކޮންމެ 1،000 ޓޫރިސްޓުންގެ ތެރެއިން ނުވަ ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ނަމްބަރުން ދައްކައިދެނީ ރާއްޖެއަކީ މި ހާލަތުގައި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި އެއް މަންޒިލް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އާދެވެނީ 72 ގަޑިއިރުގެ ޕީސީއާރް ނެރެޓިވް ޓެސްޓެއް އޮވެގެނެވެ. މި ބަދަލާއެކު ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރު ވެގެން ދިޔަ އެވެ.
ކޮވިޑް-19 ރާއްޖޭން ފެނުމާއެކު ބޯޑަރު ބަންދު ކޮށްފައި ވަނީ މާޗް 15 ވަނަ ދުވަހު އެވެ. އަދި އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 555،000 މީހުން އައިސްފައި ވެއެވެ. މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށްވުރެ މައްޗެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ ޓޫރިސްޓުންގެ އަދަދު ދަށް ނަމަވެސް އާއްމުންގެ ތެރޭގައި މި ބަލި ފަތުރޭ މިންވަރު ވަނީ މަތިވެފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައްކާތެރިކަމުގެ އަޅާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.