ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިއާ

ފޭކް ބުކިންގެ މައްސަލަ، ފިޔަވަޅު އަޅައި ދޭން އެދެފި

ފޭކް ބުކިން ހައްދައިގެން ޓޫރިސްޓުން ގެނެސް މަގުމަތިކުރާ މައްސަލަގައި ފިޔަވަޅު އަޅައިދޭން އިންޑިއާއިން ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގައި އެދިއްޖެ އެވެ.

އަވަސް އިން މި މައްސަލައާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ޑެޕިޔުޓީ ހައިކޮމިޝަނަރު ރޯހިތު ރަތިޝް ސުވާލު ކުރުމުން އޭނާ ވިދާޅުވީ އިންޑިއާގެ ކަންބޮޑުވުންތައް ރާއްޖޭގެ ސަރުކާރާއި ހިއްސާ ކުރަމުން ގެންދާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރަން މަޝްވަރާ ކުރަމުންދާ ކަމަށާއި އޮޅުވާލައިގެން ފަތުރުވެރިން ގެންނަ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅަން އެދިފައިވާނެ ކަމެވެ.

ރޯހިތު ވިދާޅުވީ ފޭކް ބުކިންގެ ޝިކާރައަކަށް އިންޑިއާގެ ވަރަށް ގިނަ އާއިލާތައް ވެފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. މިކަމާ ގުޅޭތުން އިންޑިއާގެ ސަރުކާރާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން އެތެރެ ކުރަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި އެކަމުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައި ވަނީ އިންޑިއާގެ ޓޫރިސްޓުންނެވެ. ރޯހިތު ވިދާޅުވީ މަގުމަތިވާ ޓޫރިސްޓުނަށް ހައި ކޮމިޝަންގެ ފަރާތުން ރާއްޖޭގެ ސަރުކާރާއި ގުޅިގެން އެހީ ފޯރު ކޮށްދެމުންދާ ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއަކީ މިހާރު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރާ އިންޑިއާ މީހުން ޓްރާންސިޓްވުމާއި ކަރަންޓީން ވުމަށް މަގުބޫލު މަންޒިލެކެވެ. ހާއްސަކޮށް ރާއްޖެއަށް ކަރަންޓީނުވާން އަންނަ އިންޑިއާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ.

ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ. އެހެން ހުށަހަޅާއިރު މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކުގެ ނަމުގައި ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މީހުން ރާއްޖެ އެތެރެވާ މައްސަލަތައް ދަނީ ފެންމަތިވަމުން ނެވެ. އެހެންވެ އެ ތަންތަނަށް އިމިގްރޭޝަނުން ގުޅައި ޗެކް ކުރެ އެވެ.

އެގޮތުން، އޮޅުވާލައިގެން ޓްރެފިކް ކުރި 180 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލާފައިވާއިރު، އޭގެ ކުރިން ރާއްޖެ އައި ބަޔަކަށް ފަސް ތަރީގެ ހޮޓަލެއް ކަމަށް ބުނެ ބުކިން ހައްދާފައި އޮތީ ފަޅު ގެއެއްގެ ނަމުގަ އެވެ.

މީގެ އިތުރުން ޓޫރިސްޓުން މީހުން ދިރިއުޅޭ ގެތަކުގައި ބަހައްޓާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެންވެ އެޗްޕީއޭއިން އިންސްޕެކްޝަންތަކެއް ވެސް ވަނީ ފަށާފަ އެވެ.

އަދި ދެކުނު އޭޝިއާ ގައުމުތަކުން ޓްރާންސިޓް ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ގޭގޭގައި ބޭތިއްބުން ހުއްޓުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.