ފުރަތަމަ ކަމަކަށް، މިހާރު ހުރިހާ ދިވެހީން ވެސް ރަނގަޅަށް ހޭ އަރާ ތިބި ހަގީގަތްތަކެއް ހުލާސާ ކޮށްލާނަމެވެ؛ ރާއްޖޭން ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުނު ފަހުން, ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަށް ލިބުނު ވަގުތުކޮޅުގެ މާ ބޮޑު ފައިދާއެއް ނުނެގި އުޅެނިކޮށް، ނުރައްކާތެރި ޝިފާއެއް ވެސް އަދި ނެތް އެ ބަލީގެ އަލިފާން މިވަނީ ބައި ބޯ މާލޭގައި ރޯވެފަ އެވެ. އާބާދީގެ ބޮޑު ބައެއް ތޮއްޖައްސާފައި އޮތް ވެރިރަށް މިހާރު މިއޮތީ މަސް ދުވަހުގެ ލޮކްޑައުނެއްގަ އެވެ. އަދި ކުރިއަށް އޮތީވެސް ގޭ ބަންދާއި ބިދޭސީ "ހާލި" ތަކުން އިތުރު ކޭސްތައް ފެނުމުގެ ބިރުވެރި ކަމެވެ.
މި ވާހަކަތައް ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް ވެސް މާނައެއް ވެސް ނެތެވެ. ރައްޔިތުން ތިބީ އެއްގޯސްވެފަ އެވެ. ކޮންމެ ދުވަހަކު ދެ އިރު ދެ ދަޅައަށް ޕްރެސް ބާއްވައިގެން ވެސް ހަމަ ގާތްގަނޑަކަށް އެއް ވާހަކަތަކެއް އަޑުއިވޭތީ އެވެ.
ނަމަވެސް މާލެ ލޮކްޑައުންކުރި ފަހުން 20 ދުވަސް ހަމަވާން ދާއިރު، އެ ވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބީރައްޓެހިކަން ހާމަވެގެން ދިއުމާއެކު، ގިނަ ރައްޔިތުންގެ މާޔޫސްކަން ވަނީ ބޮޑުވެފަ އެވެ. -- ވަރަށް މާފު
އިއްޔެ ހަވީރު ރޯދަ ވީއްލާ ގަޑި ކައިރިވާން ދަނިކޮށް ކުއްލި ގޮތަކަށް ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާކަން ރައީސް އޮފީހުން އިއުލާނު ކުރި އެވެ. ކުއްލި އެ ހަބަރާއެކު ރައްޔިތުންގެ މާޔޫސްކަމާއި ހިތްދަތިޗކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭން އުޅެނީ އޭ ހީވެ އުންމީދު އާވެގެން އެންމެން ޓީވީއާ ކައިރިއަށް ޖެހިލި އެވެ. އެންމެނަށް ހީކުރެވުނީ އެފަދަ ގަޑިއެއްގައި ރައީސް ކުއްލި ގޮތަކަށް ގައުމާ މުހާތަބު ކުރައްވާނީ ވަރަށް ބޮޑު ކުއްލި ކަމަކާއިގެން ކަމަށެވެ.
ނަމަވެސް ގާތްގަނޑަކަށް 15 މިނެޓެއްހާއިރުގެ ރިޔާސީ ސްޕީޗް ގައި މުޅީންހެން ދެއްކެވީ މައްސަލަތަކުގެ ވާހަކަ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީން ކަން ފާހަގަ ކުރެއްވުމުގަ އެވެ.
އެއީ މިހާރު ކާކަށް ނޭނގި އޮތް ކަމެއްތޯ އެވެ؟ ކޮވިޑްގެ މި ބަލާއާފާތާއެކު ކުރިމަތިވެގެން އުޅޭ މައްސަލަތައް ރައީސަށް ވުރެ މާ ރަނގަޅަށް ނޫނީ ރައީސާ އެއްވަރަށް ދިވެހި ރައްޔިތުންނަށް މިހާރު އެނގޭނެ އެވެ. ރައީސްގެ ފަރާތްޕުޅުން ރައްޔިތުން ބޭނުންވަނީ ހައްލުތަކެއްގެ ވާހަކަ އަޑު އަހާށެވެ. ނަމަވެސް ވަޒީފާ ގެއްލި، ގޭގެ ކުއްޔާއި ބިލުތައް ނުދެއްކޭ ފަދަ ނިކަމެތި ހާލެއްގައި ގިނަ ބައަކު ތިބިއިރު އަދި މި ހުރިހާ ކަމެއް ހިނދުން ހިނދަށް މީހުނަށް ފޯރުވައިދޭ މިޑިއާ މި މަހުގެ ނިޔަލަށް ގާތްގަނޑަކަށް "މަރުވެ މޫނު އަޅާން ދާއިރު" އެހެން ގައުމުތަކުގެ މިސާލު ނަންގަވައިގެން ރައީސް ސޯލިހު ފަރާތްޕުޅުން އައީ އަދި އިތުރު ދެ މަހެއްހާ ދުވަހު ކެތްތެރިވެ ތިބެންޖެހި ދާނެ ވާހަކަ އެވެ.
"މަސައްކަތް ހުއްޓި، ގޭގައި މިހެން ތިބޭތާ މަސްދުވަސްވީ. އަނެއްކާވެސް ކުލި ދައްކަންވީ، ބިލްތައް ދައްކަންވީ. މުޅި އުމުރު ހޭދަ މިކުރީ ޓެކްސީ ކޮށްގެން ލިބޭ ފައިސާއިން. ކޮންމެ މަހަކު ލިބޭ ފައިސާއިން އެ މަހަކަށް ހަރަދު ކޮށްފައި ބާކީ ކުރާނެ އެއްޗެއް ނޯވޭ. އެހެން ކަމަށްވީއިރު މަސް ދުވަހު ގޭގައި ހުންނަން ޖެހެމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާނީ ކިހިނެއް، މި ހާލަތުގައި ދައުލަތުގެ އެހީތެރިކަމެއް ނުލިބި ދިރިއުޅޭނީ ކިހިނެއް؟ އެއިން ކަމަކަށް ޖަވާބެއް ނުލިބުނު،" ރައީސް ސުޕީޗް އަޑު އެހި މީހަކު ބުންޏެވެ.
މަސައްކަތް ހުއްޓި، ގޭގައި މިހެން ތިބޭތާ މަސްދުވަސްވީ. އަނެއްކާވެސް ކުލި ދައްކަންވީ، ބިލްތައް ދައްކަންވީ. މުޅި އުމުރު ހޭދަ މިކުރީ ޓެކްސީ ކޮށްގެން ލިބޭ ފައިސާއިން. ކޮންމެ މަހަކު ލިބޭ ފައިސާއިން އެ މަހަކަށް ހަރަދު ކޮށްފައި ބާކީ ކުރާނެ އެއްޗެއް ނޯވޭ. އެހެން ކަމަށްވީއިރު މަސް ދުވަހު ގޭގައި ހުންނަން ޖެހެމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާނީ ކިހިނެއް، މި ހާލަތުގައި ދައުލަތުގެ އެހީތެރިކަމެއް ނުލިބި ދިރިއުޅޭނީ ކިހިނެއް؟ އެއިން ކަމަކަށް ޖަވާބެއް ނުލިބުނުއާއްމު ރައްޔިތެއްގެ ހިޔާލު
ރައީސަށް އޮތް އިހުތިރާމާއި ލޯބި ފުރިހަމައަށް އެބަައޮތެވެ. އެމަނިކުފާނު ހަމައެކަނި ވިދާޅުވީތީ ވެސް އަދި ކިތަންމެ ދުވަހަކަށް ވިޔަސް ގޭގައި ތިބެން ތައްޔާރަށް ތިބި ރައްޔިތުން މަދެއް ނުވާނެ އެވެ. ނަމަވެސް މިހާރު ދިރިއުޅޭ ގޭގައި ބައިތިއްބާނީ ކިހާ ދުވަހަކު ކަމެއް ބުނާކަށް ގިނަ މީހުނަކަށް ނޭނގެ އެވެ. މިދިއަ ދެ މަހު ވެސް ކުލި ނުދެއްކިގެން އުޅެނިކޮށް، އަނެއްކާ މުޅި އާ މޭ މަހެއްގެ 10 ވަނަ ދުވަސް އަރާ ހަމަ ކުރަނީ އެވެ.
ގޭގެ ކުއްޔަށް ދޭ މީހުންގެ ދެކެ ބައެއް ފަހަރާ ނުތަނަވަސް ކަމެއް އޮތަސް އޭގެ ތެރެއިން ގިނަ ބައަކީ ހަމައެކަނި ގެއިން ލިބޭ ކުއްޔަށް ބަރޯސާވާ މީހުންކަމީ ވެސް ހަމަ ހަގީގަތް ނޫން ހެއްޔެވެ؟ ކުލި ނުލިބި، ހަރަދު ހަމަނުޖެއްސެންޏާ، އެމީހުންގެ ވެސް ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހި ކެތްތެރިކަން ކޮޅުންލާނެ އެވެ. އެފަދަ ބައެއް މީހުންގެ ދީލަތިކަމާއި އިހުސާންތެރިކަން ވެސް ހުރިވަރުން ކުލި ނެގުން މަޑުޖައްސާލި ނަމަވެސް، މިވަގުތު އާމްދަނީ ލިބޭނެ ގޮތެއް ނެތި ފަހުން އެ މަސްތަކުގެ ކުލި، ކުރިއަށް އޮތް މަސްތަކާއެކު ދައްކާނީ ކިހިނެއް ކޮން ގޮތަކުން ކޮންތާކުން ނަގާފައި ހެއްޔެވެ؟
އިއްޔެ ރައީސްގެ ފަރާތްޕުޅުން އެއިން ސުވާލަކަށް ޖަވާބެއް ނުލިބުނެވެ؛ ފާހަގަ ކުރެއްވީ އެތައް މިލިއަން ޑޮލަރެއް ހަރަދު ކޮށްގެން ހަދާފައިހުރި ރިސޯޓުތައް ފަޅަށް ހުރި ވާހަކަ އެވެ. އެއާ ހިލާފަށް އެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެތަކެއް ހާސް މުވައްޒަފުން ބިކަވެ މަގުމަތިވެފައިވާއިރު، އެ މީހުންގެ ދިރިއުޅުމުގައި މިވަގުތު އޮތް ފަޅުކަމާއި މާޔޫސްކަން ރައީސްގެ ސްޕީޗް ލިޔުއްވި "ސްޕީޗްރައިޓާ" އޮތީ މިސް ކޮށްލާވާފަ އެވެ.
މީގެ އެތައް ހަފުތާއެއް ކުރިން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ އިގުތިސޯދީ ޕެކެޖް / ރިލީފް ޕެކެޖް ވިޔަސް، ވީތަނެއް ނޭނގެ އެވެ. އޭރު އިއުލާނުކުރި ލޯނެއް ލިބުނު ވިޔަފާރިވެރިއަކާ އަދި ބައްދަލެއް ނުވެ އެވެ. އެކަމަކު ރޯދަ މަހެއްގެ އެންމެން ހާސް ކަމުގައި އުޅޭނެ އިރު ފޮހޭންދާން ގަޑިއާ ދިމާކޮށް ރައީސް ދެއްވި ކުއްލި ސްޕީޗުގައި އެކަމަށް އިޝާރާތެއް ކުރެއްވި އަޑެއް ނީވުނެވެ.
އެހާ ހިލާފަށް ވިދާޅުވި އެއް ވާހަކަފުޅަކަށްވީ ކާބޯތަކެއްޗާއި ބޭސް ގެނައުމުގެ މަސައްކަތް ކުރައްވާ ވާހަކަ އެވެ. އެކަން ވެސް އެންއީއޯސީގެ ތަރުޖަމާނަކަށް ކަނޑައަޅުއްވާފައި ހުންނަވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބުރޫކު އަޒީޒު ކޮންމެ ރެއަކު ފަށްފަަށް ކޮށްފައި ތަފްސީލު ކޮށްދެއްވަ އެވެ. މިތައް ހާސް ބަސްތާ ހަނޑޫ، ހަކުރު އަދި ފުށް އެސްޓީއޯ މެދުވެރިކޮށް ފިހާރަތަކަށް ފޯރުކޮށް ދެވުނު އަދަދުތަކާއެކު އޭނާ ވިދާޅުވެ ދެއްވަ އެވެ.
އެކަމަކު އެއީ ރައްޔިތުންނަށް ހިލޭ ލިބޭ ތަކެތިތޯ އެވެ؟ ބޯޓުތަކެއް ބަރުކޮށްގެން ކިތަންމެ ބައިވަރު ސާމާނެއް ރާއްޖެ ގެނައަސް އެ ގަނެވޭނެ ގޮތެއް ނެތިފައި އެތަކެއް ރައްޔިތުންނެއް ތިބި ކަން އެއީ މިއަދުގެ ހަގީގަތެވެ.
"ކޮންމެ ދުވަހަކު ނޫސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލާއި މުހައްމަދު މަބްރޫކް އެބަ ދެއްވާ ބަލީގެ އަޕްޑޭޓްސް. އަދި އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު ދީ، ސަމާލުވެ ތިބުމަށް ވެސް އެދޭ. ރައީސްގެ ހިތާބުގައި އަޑުއަހަން ބޭނުންވީ ރިޕީޓްކޮށް އެ ވާހަކަތަކެއް ނޫން. ރައީސް ވިދާޅުވެ ދެއްވަންވީ، ޖެހިފައިވާ މި ހާލުން އަރައިގަތުމަށް ސަރުކާރުން ކޮށްދޭން ރާވާފައިވާ ކަންކަމުގެ މައުލޫމާތު. ކުއްޔާއި ބިލްތަކުގެ މައްސަލަތަކަށް އޮތް ހައްލު. އާބާދީގެ ބޮޑު ބައެއް ހާލުގައި ޖެހިފައިވާއިރު ރައީސް އެފަދަ ކަމަކަށް އެޑްރެސް ނުކުރެއްވުމަކީ، ލިބުނު މާޔޫސްކަމެއް،" ޒުވާނަކު ބުންޏެވެ.
ކޮންމެ ދުވަހަކު ނޫސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލާއި މުހައްމަދު މަބްރޫކް އެބަ ދެއްވާ ބަލީގެ އަޕްޑޭޓްސް. އަދި އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު ދީ، ސަމާލުވެ ތިބުމަށް ވެސް އެދޭ. ރައީސްގެ ހިތާބުގައި އަޑުއަހަން ބޭނުންވީ ރިޕީޓްކޮށް އެ ވާހަކަތަކެއް ނޫން. ރައީސް ވިދާޅުވެ ދެއްވަންވީ، ޖެހިފައިވާ މި ހާލުން އަރައިގަތުމަށް ސަރުކާރުން ކޮށްދޭން ރާވާފައިވާ ކަންކަމުގެ މައުލޫމާތު. ކުއްޔާއި ބިލްތަކުގެ މައްސަލަތަކަށް އޮތް ހައްލު. އާބާދީގެ ބޮޑު ބައެއް ހާލުގައި ޖެހިފައިވާއިރު ރައީސް އެފަދަ ކަމަކަށް އެޑްރެސް ނުކުރެއްވުމަކީ، ލިބުނު މާޔޫސްކަމެއް،މާޔޫސްވެފައިހުރި ޒުވާނެއް
ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް މުށުތެރޭގައި އޮވެމެ، ރައްޔިތުންގެ އުދާސްތަކަށް ފިނި ކަމެއް ގެނުވައިދޭފަދަ މަންޒަރެއް މި ބަލާއާފާތުގެ ތެރޭގައި އަދިއެއް ނުފެނެ އެވެ. ރައްޔިތުން ނުކުމެ މެޖޯރިޓީ ދިން ރައްޔިތުންގެ މަޖިލީސް ވެސް އޮތީ "ހައުސް އޮފް ކާޑްސް"ގެ އެޕިސޯޑެއް ކުޅުމުގަ އެވެ. "ކައިގެނޭ ފުރާނީ، ނުކައެއް ނުފުރާނަމޭ" ކިޔައިގެން، ހުދާ ކަޅާހާ ސާފުކޮށް އޮތް ކަމެއް ވެސް ދެކޮޅަށް ދަމައި ތަޅުވައި، އެތައް ހަފުތާއެއް މިހާރު ވެސް ބޭކާރު ކޮށްލައިފި އެވެ.
ދިމާވެގެން މިއުޅޭ ބަލާމުސީބާތުގެ ތެރޭގައި ރައްޔިތުންގެ މަންދޫބުންގެ ތޮފި އަޅުއްވައިގެން ތިއްބެވި އިއްޒަތްތެރީން ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލަތަކުގައި އަތްލަން ބޭނުން ނުވެގެން އުޅުއްވާހެން ވެސް މިހާރު ހީވެ އެވެ. ކަރަންޓާއި ފެން ބިލުން 40 ޕަސަންޓް ކީއްކުރަން 99 ޕަސަންޓް ކަނޑާލިޔަސް، ބާކީ އެއް ޕަސެންޓް ދެއްކޭނެ ގޮތެއް ވެސް ރައްޔިތުންނަށް ނެތްކަން އެނގޭ އެންމެ މެންބަރަކު ވެސް ނެތެވެ.
"އަޅުގަނޑު 25 އަހަރު ވަންދެން ކުރި ވިޔަފާރި ނުއަގުގައި މި ވިއްކާލީ... ކުއްޔާއި ބިލުތައް ދެއްކޭނެ ގޮތެއް ނެތިގެން. ސަރުކާރުން އިއުލާނުކުރި ލޯނަށް ވީގޮތެއް ނޭނގޭ. އަޅުގަނޑު ވަޒީފާގައި ގެންގުޅޭ 100 އެއްހާ މުވައްޒަފުން ވެސް ނިކަމެތިވީ. އަޅުގަނޑުގެ މުޅި ލައިވްލިހުޑް ގެއްލިގެން މިދިއައީ، އަޅުގަނޑުފަދަ ކިތައް މީހުން ތިބޭނެ،" ވިޔަފާރިވެރިއަކު ބުުންޏެވެ.
އަޅުގަނޑު 25 އަހަރު ވަންދެން ކުރި ވިޔަފާރި ނުއަގުގައި މި ވިއްކާލީ... ކުއްޔާއި ބިލުތައް ދެއްކޭނެ ގޮތެއް ނެތިގެން. ސަރުކާރުން އިއުލާނުކުރި ލޯނަށް ވީގޮތެއް ނޭނގޭ. އަޅުގަނޑު ވަޒީފާގައި ގެންގުޅޭ 100 އެއްހާ މުވައްޒަފުން ވެސް ނިކަމެތިވީ. އަޅުގަނޑުގެ މުޅި ލައިވްލިހުޑް ގެއްލިގެން މިދިއައީ، އަޅުގަނޑުފަދަ ކިތައް މީހުން ތިބޭނެ،ރާއްޖޭގެ ވިޔަފާރިވެރިއެއް
ރައީސް ސޯލިހުގެ ސްޕީޗްގައި އިގުތިސޯދީ ހަރަކާތްތައް ވީއެންމެ އަވަހަކަށް ފެށޭތޯ މަސައްކަތް ކުރައްވަމުން އަންނަ ވާހަކަ އިޝާރާތް ކުރެއްވި އެވެ. އެކަމަކު އިގުތިސޯދީ ހަރަކާތްތައް ހިންގޭނީ ރައްޔިތުންގެ އަތުގައި ފައިސާ ހުރެގެން ކަމަށް ވާއިރު، އެކަން ޔަގީން ކުރައްވާނެ ގޮތެއް ވިދާޅެއް ނުވެ އެވެ. ސަރުކާރުގެ ޕްލޭނަކީ ކޮބައި ކަމެއް އެއްވެސް ސިފައެއްގައި ތިލަކޮށް ދެއްވާފައެއް ނުވެ އެވެ.
ކުރާނެ ކަންތައް ހުސްވެގެން އެއްބައި ވަޒީރުން އުޅުއްވަނީ ޑެލިވަރީއަށް ނުކުންނަވަ އެވެ. އަނެއް ބައި ވަޒީރުން ނަފުސު ޕްރޮމޯޓް ކުރެއްވުމުގަ އެވެ. އަނެއްބައި ވަޒީރުން ވީތަނެއް ނުވެސް އެނގެ އެވެ.
ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބާރުތަކެއް އޮވެމެ، ފޯނު ބިލު ކަނޑާ ނުލަން ވެސް، މުއާސަލާތީ ކުންފުނިތަކަށް ބައެއް ވަޒީރުން ސޯޝަލް މީޑިއާގައި ކުރައްވަނީ އާއްމު "ރައްޔިތު އަހައްމަދު" ވެސް ކުރާ ފަދަ އިލްތިމާސްގެ ޓްވީޓެކެވެ. އެހެން ހުރިހާ ކަމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރެވޭއިރު، ސީޕްލޭނެއް ޗާޓަރު ކުރައްވައިގެން، ސިއްހީ ވަޒީރާއެކު ދައުލަތުގެ ޓޮޕް ލީގުގެ ޓީމެއް މިފަހުން ކޮވިޑް-19 ފެނުނު ރަށަކަށް ޒިޔާރަތެއް ކުރެއްވީ ވެސް ހަރަދުތައް ކުޑަ ކުރަން ސަރުކާރުން ފައިވިއްދައިގެން އުޅެނި ކޮށެވެ.
ރަހުމަތްތެރި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުން ދޭ އެހީތަކުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ މުސާރަ ވެސް ހަމަޖެހިގެން ދާނެ އެވެ. އެންމެ ދުވަހެއް ވެސް އެއިން ބޭފުޅެއްގެ މުސާރަ ލަހެއް ވެސް ނުވާނެކަން ޔަގީން ކަށަވަރު ވާނެ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަނީ، "އެއް އަޒުމެއްގައި އެއް ރޫހެއްގައި، އެއް އަމާޒަކަށް" ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އާދައިގެ ރައްޔިތު މީހާއަށް އަމާޒު ގެއްލި މިހާރު ވެސް ފިސާރި ރަނގަޅަށް އިނދަ ޖެހިއްޖެ އެވެ. ކުރިއަށްއޮތް ދެ ހަފުތާއެއްގެ ތެރޭގައި އިތުރު ވާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދަދު އެކަންޏެއް ނޫނެވެ. ސަރުކާރުން ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށް ދޭން ޖެހޭ އަދަދު ވެސް އިތުރުވެގެން ދާނެ އެވެ.
ރީތި ރާއްޖެއެއް، ފާގަތި މުސްތަގުބަލެއްގެ އުއްމީދުގައި އިތުރު ދެ ތިން މަހަކަށް "ކެތްތެރިވެދޭށޭ" ރައީސް ވިދާޅުވި ނަމަވެސް، ގިނަ ރައްޔިތުން ތިބީ މާދަމާ ވެސް ވާނެ ގޮތެއް ނޭނގޭ ފަދަ ދެރަ ނިކަމެތި ހާލެއްގަ އެވެ. އެކަމަކު މިވަގުތު ކުރާނެ އިތުރު ކަމެއް ނެތެވެ. އޮތީ އަނެއްކާ ވެސް ރައީސްގެ ގައުމާ މުހާތަބު ކުރައްވާ އާ ވަގުތެއްގެ އިންތިޒާރުގައި ތިބުމެވެ. އަދި އިއްޔެގެ ސްޕީޗާ ތަފާތު އެންމެ ލަފުޒެއް ވެސް އަޑުއިވޭނެ ކަމުގެ އުންމީދުގަ އެވެ.