ކޮވިޑްގެ ބަލާ މުސީބާތުގައި އޭޕްރީލް ފަހު ހަފުތާއިން ފެށިގެން ޖޫންގެ ފުރަތަމަ ހަފުތާއާ ހަަމައަށް ދިވެހިން ހޭދަކުރީ ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ދުވަސްތަކެވެ. އެ މުއްދަތުގެ ތެރޭގައި 111 މީހަކު ކޮވިޑްގައި މަރުވިއެވެ. 25،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ ކުރީން އެއްވެސް ބައްޔެއް ނެތް މީހުންނެވެ. އެ މީހުން މަރުވެދިޔައީ ކޮވިޑް ބަލީގައެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެ ރައްކާތެރިކަމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެއީ މީގެ ދެ ތިން ހަފުތާ ކުރީންނެވެ. މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 ކާފިއު ހިންގަން ފެށިއެވެ. އަދި ހެނދުނު 8:00 އިން ހަވީރު 4:00 ހުއްދަ ނެތި ބޭރުގައި އުޅުން މަނާ ކުރިއެވެ. އެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީ ވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.
މީގެ އިތުރުން މިސްކިތްތައް ބަންދުކޮށް ކެފޭ، ރެސްޓޯރަންޓްތަކުގައި ތަޅު ވެސ އެޅުވި އެވެ. މޮނިޓަރިންއަށް ގެންނަ ކޮންމެ ރަށެއްގައި ކާފިއު ހިންގާ ވަރަށް ޒަރޫރީ ބޭނުންތަކަށް ނޫނީ ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތް ހެދިއެވެ. މިހެން ގޮސް ވަރަށް ގިނަ ފިޔަވަޅުތައް އެޅިއެވެ.
މި ފިޔަވަޅުތައް ފުރަތަމަ ނެގީ ދެ ހަފުތާގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވެ އިތުރު ހަފްތާއަކަށް ވަނީ ފިޔަވަޅުތައް ދަމާލާފަ އެވެ. އެ މުއްދަތު ވެސް ދެ ދުވަސް ފަހުން ހަމަވާނެ އެވެ. އިތުރު ހަފުތާއަކަށް ފިޔަވަޅުތައް ދަންމާލާނެ ކަމަށް ކުރީން ވަނީ އިޝާރާތް ކޮށްފަ އެވެ.
އިއްޔެ ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަޝްވަރާތައް ފެށިކަން އިއުލާނު ކޮށްފަ އެވެ.
އެޗްއީއޯސީގެ ނޫސްްވެރިންގެ ބައްދަލުވުންތައް ޗެއާ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި މި ހަފުތާ ނިމުމުން އިތުރު ލުއިތައް ދޭން މަޝްވަރާތައް ވަނީ ފަށާފަ އެވެ. އަދި ރައްކާތެރިކަމާއެކު ދެވެން އޮތް އެންމެ ބޮޑަކަށް ލުއި ދޭން ވިސްނަ އެވެ.
"މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް ހަފްތާގައި ކަންކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގައި. މިހާރު އޮތް ރިސްޓްރިކްޝަންތަކުގެ ތެރެއިން ލުއި ދެވޭނީ ކޮން ކަންތަައްތަކަކަށްތޯ. ދެވެން އޮތް މިންވަރަކަށް ލުއި ދޭން ބޭނުންވޭ އެޗްޕީގެ ފަރާތުންވެސް. ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫ ދެމުން ދިއުމުން. އެހެންވީމަ އިދާރަކުރެއްވިއްޔާ މި ހަފުތާ ނިމޭއިރުގައި ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މި ރިސްޓްރިކްޑެޓް މެޝާތަކަށް އަންނަ ބަދަލު،" މަބުރޫކް ވިދާޅުވި އެވެ.
ލުއި ތަކާމެދު އަދި ގޮތްތަކެއް ނިންމާފައި ނުވާތީ ފިޔަވަޅުތަކަށް ގެންނާނެ ބަދަލެއް އަދި ނޭނގެ އެވެ.
އެ ލުއިތައް ޔަގީން ނުވިނަމަވެސް ލުއި ދިނުމުގެ މަޝްވަރާތައް މިހާރު އެބައޮތެވެ. ލުއި ލިބުން އޮތީ އަދި ލިބޭ ލުއިތައް ބިނާވާނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ސަމާލުކަން ދޭ މިންވަރަކަށެވެ. ފިޔަވަޅުތަކަށް ތަބާވުމަކީ ކޮވިޑްގެ ނަންބަރުތައް ދަށްކުރަން އޮތް ހަމައެކަނި އޮތެވެ. އޭގެ ހެއްކަކީ މީގެ ދެތިން ހަފުތާ ކުރީން 1500 ގައި ހުރި ޕޮޒިޓިވް ނަންބަރު 100 އިން ދަށަށް ދިއުމެވެ. މިއީ ފިޔަވަޅުތަކަށް އާންމުން ކިޔަމަންވުމުގެ ނަތީޖާ އެވެ.
ފިޔަވަޅުތަކަށް ތަބާ ނުވެ އުޅޭ އެތައް ބަޔަކު ވެސް އުޅެ އެވެ. އެއީ ހަގީގަތެވެ. މާސްކު ނާޅާ ބޭރުގައި އުޅުމާއި ކާފިއު ވަގުތު ބޭރުގައި އުޅުން އަދި ވެހިކަލް ދުއްވައިގެން ނުވަތަ ޕާމިޓްނެތި ބޭރުގައި އުޅެގެން ކޮންމެ ދުވަހަކު 1000 ވުރެ ގިނަ މީހުން ޖޫރިމަނާ ކުރެއެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޖޫރިމަނާގެ ނަންބަރު ހުރީ އެވަރުގަ އެވެ. މާސްކު ނާޅައިގެން 267 މީހަކު ޖޫރިމަނާ ކުރިއެވެ. ކާފިއު ވަގުތުގައި ހުއްދަނެތި ބޭރުގައި އުޅެގެން 603 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން ވެސް 147 މީހަކު ޖޫރިމަނާ ކުރިއެވެ. މިއީ ހަރުކަށި ފިޔަވަޅުތަކެއް އަޅާ ފުލުހުންނާއި ސިފައިން ނެރެ މަގުމަތި ބަލަހައްޓަމުންދާ ވަގުތެއްގައި ވަރަށް މަތީ ނަންބަރެކެވެ.
ޖޫރިމަނާ ކުރެވެނީވެސް ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ނިސްބަތުން ވަރަށް މަދު އަދަދެކެވެ. މިއީ ކޮވިޑްގެ ހާލަތު އަލުން ގޯސްވެދާނެ ފަދަ އަމަލުތަކެވެ. އެފަދަ ކަންކަމުން ހުރަސް އެޅެނީ ލިބެން އޮތް ލުއިތަކެވެ.
ސިއްހީ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ ކޮވިޑްގެ އެންމެ ފަހު ސާޖެއް ނޫނެވެ. އިތުރު ސާޖުތައް އައުމުގެ ފުރުސަތު އަދިވެސް ބޮޑެވެ. އެހެން ވިދާޅުވާ ސަބަބަކީ ކޮވިޑްގެ އާ ވޭރިއަންޓްތައް އުފެދި ފެތުރުން ހަލުވި ވަމުންދާ މިންވަރެވެ. އެހެންވީމަ ނުރައްކާ ފިލާ ދިޔައީ ކަަމަށް އެއްގޮތަކަށްވެސް ބަލައިގެން ނުވާނެ އެވެ.
އެހެންވީމަ މިއީ ފިޔަވަޅުތަކަށް އެންމެން އެކުގައި ބޯލަބަންވީ ވަގުތެވެ. ރަނުން ރަނަށް އަކުރުން އަކުރަށް ފިޔަވަޅުތަކަށް ތަބާވުން މުހިންމެވެ. އޭރުން ލުއި ލިބުން އަވަސްވެ ކޮވިޑްގެ ނުރައްކާ ނެތި ދިއުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް އެކަންވާނެ އެވެ.