ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

13 މަހާ ނުބައްދަލު 31 ދުވަސް

ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ދިވެހިން 14 މަސް ދުވަސް ހޭދަ ކޮށްފައިވާއިރު އިއްޔެ ނިމިގެން ދިޔަ މި އަހަރުގެ މޭ މަހަކީ މި ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި މަހެވެ. މަދު ދުވަހެއްގައި ނޫނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ ހާހުން މަތީގަ އެވެ. އެންމެ ދުވަހެއް ފިޔަވައި ކޮންމެ ދުވަހަކު ދެ ތިން ހަތަރު މީހުން މަރުވަމުން ދިޔަ އެވެ. މީހަކު މަރު ނުވާ ހަމަ އެކަނި ދުވަހަކީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ބައެއް ދުވަސް ދުވަހު މަރުގެ ނަންބަރު ހުރީ ދިހަޔަކުން މަތީގަ އެވެ. މެއި 25 ވަނަ ދުވަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ.

މިދިއަ އޭޕްރީލް މަހާއި ހަމައަށް ކޮވިޑްގައި ހޭދަވި 13 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 73 މީހެކެވެ. ނަމަވެސް މޭ މަސް ނިމުނުއިރު ކޮވިޑް މަރުގެ ނަންބަރު ވަނީ 161 އަށް އަރާފަ އެވެ. އޭގެ މާނައަކީ މޭ މަހު އެކަނި ވެސް 88 މީހަކު އެ ބަލީގައި މަރުވެފައި ވެ އެވެ.

އޭޕްރީލް މަސް ނިމުމުނުއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. ނަމަވެސް 31 ދުވަހަށް ފަހު މެއި މަސް ނިމުމުއިރު އެ ނަންބަރު ވަނީ ދެ ގުނަ ވެފަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ. އެހެން ކަމުން މޭ މަހު އެކަނި ވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ކުރީ 13 މަހަށް ވުރެ އިތުރެވެ. ތޭރަ މަސް ދުވަހާއި މި ނިމުނު މޭ މަސް ނުބައްދަލެވެ. މޭ މަހު ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދަކީ 34،561 އެވެ.

މޭ މަހުގެ ވަރަށް ގިނަ ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ 1،400 އިން މަތީގައެވެ. ހާހުން ދަށުގައި ނަންބަރު ހުރީ 10 ދުވަހު އެވެ. އޭގެ ތެރެއިން އަށް ދުވަހުގެ ނަންބަރު ހުރީ 500 އިން މަތީގަ އެވެ. 400 އިން ދަށުގައި ނަންބަރު ހުރީ އެންމެ ދެ ދުވަހު އެވެ.

އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްތައް

  • މެއި 24 - 1،417 މީހަކު ޕޮޒިޓިވް
  • މެއި 23 - 1،559 މީހަކު ޕޮޒިޓިވް
  • މެއި 22 - 1،960 މީހަކު ޕޮޒިޓިވް
  • މެއި 21 - 1،603 މީހަކު ޕޮޒިޓިވް
  • މެއި 20 - 2،194 މީހަކު ޕޮޒިޓިވް
  • މެއި 18 - 1،465 މީހަކު ޕޮޒިޓިވް
  • މެއި 17 - 1،433 މީހަކު ޕޮޒިޓިވް
  • މެއި 14 - 1،467 މީހަކު ޕޮޒިޓިވް
  • މެއި 12 - 1،572 މީހަކު ޕޮޒިޓިވް
  • މެއި 11 - 1،501 މީހަކު ޕޮޒިޓިވް

އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު 2،194 މީހަކަށް ބަލި ޖެހުނެވެ. ބައެއް ދުވަސް ދުވަހުގެ ނަންބަރުތައް މަތިވެފައި ވަނީ އޭގެ ދެތިން ހަތަރު ދުވަސް ކުރީން ނެގި ސާމްޕަލްތަކާ އެކުގަ އެވެ. ނަމަވެސް ކުރީން ނަގާފައިހުރި ސާމްޕަލްތަކުގެ ނަތީޖާތައް ސާފުވެ ބެކްލޮގް ނެތި ވެސް ކޮވިޑް ނަންބަރު ހާހުން ދަށަށް ދިޔައީ މިދިޔަ 15 ދުވަސްތެރޭ އެންމެ ދުވަހެއްގަ އެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ތެރޭގައި ދިވެހިން ތިބިއިރު މިވަގުތު ވެސް 204 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. މުޅި ޖުމްލަ 14 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 138 މީހަކަށް ފަރުވާ ދެމުންދާއިރު ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގައި ހަ މީހަކު، 17 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް އަދި 16 ވަނަ ފަންގިފިލާގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި ހަތް މީހަކަށް އަދި ހުޅުމާލެ ހޮސްޕިޓަލްގައި 21 މީހަކަށް ފަރުވާ ދެމުން ދެއެވެ.

އަތޮޅުތަކުގެ ތެރޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ބ. އޭދަފުއްޓާއި ށ. ފުނަދޫ އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އާއި ލ. ގަމުގެ އިތުރުން ފުވައްމުލަކު ފެސިލިޓީގައި ވެސް ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު

މެއި، 2020 އިން ފެށިގެން އޭޕްރީލް 30، 2021 ގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. މެއި މަހު އެކަނިވެސް 34،561 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް 29، 2020 ގައެވެ. އެ ދުވަހުން ފެށިގެން އޭޕްރީލް 30، 2021 ގެ ނިޔަލަށް 73 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މެއި މަހު އެކަނިވެސް 88 މީހަކު ކޮވިޑްގައި މަރުވިއެވެ. މިހާތަނަށް ކޮވިޑް ޖެހިގެން މަަރުވި މީހުންގެ އަދަދު ވަނީ 161 އަށް އަރާފައެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު މިވަގުތު ވެސް 73 ރަށަކުން ކޮވިޑްގެ ބަލި މީހުން ފެނި އެ ރަށްތައް އޮތީ ބަންދު ކޮށްފަ އެވެ. އެހެން ކަމުން ވެރިރަށް ފިޔަވައި މީހުން ދިރިއުޅޭ އަތޮޅުތަކުގެ 38 ޕަސެންޓް ރަށަށް ވަނީ ކޮވިޑް-19 ފެތުރިފަ އެވެ.

ބަންދުކޮށްފައިވާ ހުރިހާ ރަށެއްގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ. ހާލަތު ގޯސް ރަށްރަށުގައި އަންނަނީ 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ. މާލެ ސަރަހައްދުގައި މިހާރު 16 ގަޑިއިރު ކާފިއު ހިންގަ އެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެ އުޅެވެނީ ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް އެކަންޏެވެ. އެ ޕާމިޓް ދޫކޮށްފައި އޮންނަނީ ކޮންމެ ގެއަކުން ދެ މީހަކަށެވެ. އެ މީހުންނަށް ވެސް ބޭރަށް ނިކުމެވޭނީ ދެ ވަގުތެއްގަ އެވެ.

ފިޔަވަޅުތަކަށް ބޯލަނބާ މިންވަރު ކުޑަ

ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ. އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން ގެންދަނީ މަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެ މުއައްސަސާއަށް ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރައްވަން އަމުރު ކުރައްވާފަ އެވެ.

އެ އަމުރާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން މާލެ އާއި ހުޅުމާލޭގައި ހަރަކާތްތެރި ވެއެވެ.

އިދާރާތަކުން ބުނާ ގޮތުގައި ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް އާންމުންގެ ފަރާތުން އެ ފިޔަވަޅުތަކަށް ބޯލަނބާ މިންވަރު ކުޑައެވެ. މާސްކު ނާޅާ ބޭރުގައި އުޅޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ޖޫރިމަނާ ކުރެއެވެ. ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅެގެންނާއި ވެހިކަލް ދުއްވައިގެން ވެސް އެތައް ސަތޭކަ ބަޔަކު ޖޫރިމަނާ ކުރެއެވެ. މަނާ ވަގުތު ހިދުމަތް ދީގެން ފިހާރަތަކާއި ކެފޭތަކާއި ސައި ހޮޓާތަކަށް ފިޔަވަޅު އަޅައެވެ. ސެލޫންތަކާއި ޖިމްތައް ބަންދު ނުކޮށް ކުރިއަޑް ގެންދާތީ ފިޔަވަޅު އަޅައެވެ.

ކޮންމެ ދުވަހަކުހެން ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާ އަދަދު އުޅެނީ 900 އިން މަތީގަ އެވެ.

މިއީ ކޮވިޑްގެ ހަތަރުވަނަ ރާޅުން ސަލާމަތްވެ އާންމު ހާލަތަށް ރުޖާއަވާން އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ފިޔަވަޅުތަކަށް ތަބާނުވާނަމަ ހާލަތު އަލުން ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެނަމަ މެއި މަހު ކުރަން ޖެހުނު ހިތާމަ ޖޫން މަހުވެސް ކުރަން ޖެހިދާނެ އެވެ. އެތައް ހާސް ބަޔަކަށް ބަލިޖެހި އެތައް ބަޔަކު މަރުވެދާނެ އެވެ. ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ.