ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑްގެ ކޮންޓްރޯލް ގެއްލި، ގޯހުން ގޯހަށް

ރާއްޖެ ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި 438 ހޭދަވެފައި ވެއެވެ. މިދިޔަ މުއްދަތުގެ ތެރޭގައި 48،601 މީހަކަށް އެ ބަލި ޖެހިފައި ވެއެވެ. މިވަގުތުވެސް 18،843 މީހަކު ބަލިން ފަސޭހަ ނުވެ އެބަތިއްބެވެ. ބަލީގައި 112 މީހަކު މަރުވެފައިވާއިރު ކޮވިޑްގައި ދިވެހިން މިހާރު ތަޖުރިބާ ކުރަމުން ދަނީ އެންމެ ނުރައްކާތެރި ދުވަސްތަކެވެ. ޕޮޒިޓިވް ނަންބަރު ހާހުން މަތީގައި ހުންނަތާ 11 ދުވަސްވީއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރެއްގަ އެވެ. މި މަހު އެކަނިވެސް 39 މީހަކު މަރުވެއްޖެ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތް މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 61 މީހަކު މަރުވެއްޖެ އެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ދިވެހިން މި ތިބީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގެ ތެރޭގަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ 105 ރަށެއްގައި 2969 މީހަކަށް މިހާރު ވެސް ބަލި ޖެހިފައި ވެއެވެ. 63 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް ބަންދު ކޮށްފައެވެ. ރާއްޖޭގެ މަދު ރަށްތަކެއްގައި ނޫނީ ކޮވިޑްގެ ބަލި މީހުން ތިބިއިރު ކޮވިޑަށް ފަރުވާ ދޭން ތައްޔާރު ކޮށްފައިވާ ފެސިލިޓީތަކާއި ސެންޓަރުތައް އަދި ހޮސްޕިޓަލްތައް ވަނީ ފުރުމާ ގާތުގަ އެވެ. ގިނަ ތަންތަން ހުރީ ފުރިފައެވެ.

މިވަގުތު 272 މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 260 މީހަކަށް ފަރުވާ ދެނީ ވޯޑްގައެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ 14 މީހަކު ވެއެވެ. ނުވަ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވަރަށް މަތީ ނަންބަރުތަކެކެވެ. ވަސީލަތުގެ ގޮތުންނާއި ސިއްހީ ހިދުމަތްތެރިންނަށް ބެލި ނަމަވެސް ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ މިދަނޑިވަޅުގައި ފަރުވާ ދިނުން ލަސްވާ ކަމުގެ ޝަކުވާތައް ދަނީ އިތުރު ވަމުން ފުނިޖެހެމުންނެވެ. މިދިޔަ 24 ގަޑިއިރަށް ބަލާއިރު ވެސް އެފަދަ ގިނަ ޝަކުވާތަކެއް އާންމުން ވަނީ ސޯޝަލް މީޑިއާގަައި ހިއްސާކޮށްފަ އެވެ.

ހިދުމަތް ހޯދަން ދިއުމުން އެހެން ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ފޮނުވާލުމުގެ މައްސަލަތަކާއި ހޮސްޕިޓަލްތަކަށް ގޮސް ފަރުވާއަށް އެދޭތާ އެތައް އިރެއްވާއިރު ވެސް ފަރުވާ ނުފެށޭ ކަމުގެ ޝަކުވާތައް ބޮޑުވެ ހަމައިން ނައްޓާ ހިސާބަށް ގޮސްފައި ވެއެވެ. ހައިރިސްކު ކެޓަގަރީތައް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި ފަރުވާ ލިބުން ލަސްވާ ކަމުގެ އެތައް ޝަކުވާތަކެއް ވެސް ފެންމަތިވެފައި ވެއެވެ.

މިދިޔަ 11 ދުވަހުގެ ކޮވިޑް ނަންބަރު

  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް
  • މެއި 13 - 1216 މީހަކު ޕޮޒިޓިވް
  • މެއި 14 - 1467 މީހަކު ޕޮޒިޓިވް
  • މެއި 15 - 1007 މީހަކު ޕޮޒިޓިވް
  • މެއި 16 - 741 މީހަކު ޕޮޒިޓިވް
  • މެއި 17 - 1433 މީހަކު ޕޮޒިޓިވް
  • މެއި 18 - 1465 މީހަކު ޕޮޒިޓިވް
  • މެއި 19 - 1187 މީހަކު ޕޮޒިޓިވް

ކޮވިޑްގެ ހާލަތު މިހާރު އޮތީ ސިއްހީ ނިޒާމަށް ނުކަތާ ވަރުގަ އެވެ. ކަމާބެހޭ އިދާރާތަކުން ވެސް ބުނަނަނީ އެހެނެވެ. މިހާރަށްވުރެ ހާލަތު ގޯސްވެއްޖެނަމަ ލިބެންޖެހޭ އެކަށީގެންވާ ފަރުވާ ނުލިބި އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ދެ އެވެ. ރާއްޖޭގައި ހުރީ މަދު އަދަދެއްގެ ވެންޓިލޭޓަރެވެ. މިހާރު ވެސް ނުވަ މީހަކު ވެންޓިލޭޓަރުގައި އޮތްއިރު ވެންޓިލޭޓަރަށްލާ މީހަކު އާންމު ހާލަތަށް ގެނެވެނީ މަދުވެގެން ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެހެންވެ އިތުރު ބަޔަކު ވެންޓިލޭޓަރަށްލާން ޖެހިއްޖެ ހާލަތެއްގައި އެކަން ނުކުރެވުން އޮތީ ވަރަށް ގާތުގަ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ކޮވިޑްގައި ބޮޑުވަރު ވަނީ އުމުރުން ދޮށީ މީހުނަށެވެ. ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. ބަލިމަޑުކަމުގެ ކުރީކޮޅު އެހެން ހީވެފައި އޮތް ނަމަވެސް އެކަން މިހާރު ވަނީ ބަދަލުވެފަ އެވެ. މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދާ 14 މީހުންގެ ތެރެއިން 35 ޕަަސެންޓް މީހުންނަކީ ޒުވާނުންނެވެ. ކޮވިޑް ޖެހި ކުއްލިއަކަށް ބޮޑުވަރުވެ ހާލަތު ގޯސްވާ މީހުންގެ ތެރޭގައި ވެސް ޒުވާނުން ހިމެނޭ އަދަދު ދަނީ އިތުރުވަމުންނެވެ. ދާދި ފަހުން އުމުރުން 35 އަހަރުގެ އަންހެނަކު ވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ވެކްސިން ޖެހުން މުހިންމު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެސް ދަނީ ތިން ބާވަތެއްގެ ވެކްސިން ދެމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފާމް އަދި ފައިޒާ ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވެ އެ ވެކްސިން ޖެހުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް ސިނޯފާމް އާއި ފައިޒާ ވެކްސިން ދަނީ ދެމުންނެވެ. ފައިޒާ ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އަދި މާބަނޑު މީހުންނަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިވަގުތަށް ލިބިފައިވާ އެންމެ މުހިންމު ވަސީލަތަކީ ވެކްސިނެވެ. ހާއްސަކޮށް ހައިރިސްކު މީހުން ވެކްސިން ފުރިހަމަ ކުރުން ވަރަށް މުހިންމެވެ.

މި މަހުގެ މިހާތަނަށް 39 މީހަކު ކޮވިޑް-19 ބަލީގައި މަރުވެފައިވާއިރު އޭގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިނުވާ މީހުން ކަމަށް ޓެގް ޓީމުން ބުނެއެވެ. ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި ގޮތުގައި މި މަހު ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން މަރުވެފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 24 ޕަސެންޓް މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ބަލަނީ ފުރަތަމަ ޑޯޒް ޖަހާތާ 14 ދުވަސް ވެފައި ވުމެވެ. މަރުވި މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 12 ޕަސެންޓް މީހުންނެވެ.

މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.

ފިޔަވަޅުތަކަށް ބޯލެބުލުން މުހިންމު

ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މާލެ ސަރަހައްދުގައި 12 ގަޑިއިރުގެ ކާފިއުއެއް ދަނީ ހިންގަމުންނެވެ. މިސްކިތުގެ ޖަމާއަތް ވަނީ ހުއްޓާލާފަ އެވެ. ސުކޫލު މަދަރުސާތަކާއި ޔުނިވާސިޓީތައް ހުރީ ބަންދު ކޮށްފައެވެ. ހޮޓާ، ކެފޭ ރެސްޓޯރަންތައް ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް ފިޔަވަޅުތަކާ ހިލާފުވުގެން ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާ ކުރަން ޖެހެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރީން އެޅި ފިޔަވަޅުތަކަށް އާންމުން ވަރަށް ބޮޑަށް ތަބާވި އެވެ. ހާއްސަކޮށް ބަލިމަޑުކަމުގެ ކުރީކޮޅު އެވެ. ގޭގައި ބަންދުވެ އެތައް މަހެއް ހޭދަކުރީ މުއައްސަސާތަކުގެ އިލްތިމާސަށެވެ. އަމިއްލަ ސަލާމަތާއި މުޅި މުޖްތަމައުގެ ރައްކާތެރި ކަމަށް ޓަކައެވެ. ބަލީން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވެގެނެވެ.

ނަމަވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ބައެއް ފަހަރު އަމަލު ކުރެވޭ ގޮތާއި ފިޔަވަޅުތައް ހަރުކަށި ކުރުމުގައި އަމަލު ކޮށްފައިވާ ގޮތުން އެތައް ބައެއްގެ އިތުބާރު މުއައްސަސާތަކަށް ގެއްލިފައި ވެއެވެ. ވަކި ކަމަކަށް އަމާޒުކޮށް ކޮންމެ ބުރާސްފަތި ދުވަހެެއްގެ ރޭ ފިޔަވަޅުތައް ހަރުކަށި ކުރި ދުވަސްތަކެއް ވެސް ހިނގައްޖެ އެވެ. އިންތިހާބަށް ފިޔަވަޅުތައް އެތައް ލުއިތަކެއް ދިނެވެ. މިފަދަ އެތައް ސަބަބާހެދި އަލުން ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް އެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ތަބާނުވެ ދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުންގެ އެބައޮތެވެ.

ނަމަވެސް ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ޕޮޒިޓިވް ނަންބަރު ކޮންމެ ދުވަހަކު މައްޗަށް ދާއިރު މި ހާލަތު މި ގޮތުގައި ދެމިގެން ހިނގައްޖެނަމަ އިތުރު އެތައް ހާސް ބަޔަކު ބަލިވެދާނެ އެވެ. ބަލީގެ ހާލަތު ގޯސްވެ އިތުރު އެތައް ބަޔަކު މަރުވެދާނެ އެވެ.

އޭޕްރީލް 15، 2020 އިން ފެށިގެން ޑިސެންބަރު 31، 2020 ގެ ނިޔަލަށް ޕޮޒިޓިވްވީ 13،753 މީހުންނެވެ. ނަމަވެސް މިދިޔަ ފަސް މަހު އެ ނަންބަރު ވަނީ 48،608 އަރާފައެވެ. މާނައަކީ އެންމެ ފަސް މަހުން 34،855 މީހަކަށް ބަލި ޖެހިފައިވުމެވެ. މި މަހުގެ ފުރަތަމަ މިދިޔަ 19 ދުވަސްތެރޭ 18،773 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ނުވަ މަހުން ބަލި ޖެހުނު މީހުންގެ އަދަދަށް ވުރެ ފަސް މަހުން ބަލި ޖެހުނު މީހުންގެ އަދަދު އެތައް ހާހެއް އިތުރުވެ.

އަނެއްކޮޅުން އަތޮޅުތެރޭގެ 105 ރަށެއްގައި އެތައް ސަތޭކަ ބަލި މީހަކު އެބަތިއްބެވެ. އެހެންވީމަ މިއީ ކޮވިޑްގެ ހާލަތު މިއަށްވުރެ ގޯސްވުމުގެ ކުރީން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ބޯލަން ޖެހޭ ވަގުތެކެވެ. މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި އެއީ މަޖުބޫރު ކަމެކެވެ. އެހެން ނޫނީ ހާލަތު މާބޮޑަށް ގޯސްވެ ހިތާމަ ކުރަން ޖެހިދާނެ އެވެ.