ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލަތު ގޯސްވިއިރު ހުރިހާ ވެރިން ކޮބާ؟

ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ މުޅި ރާއްޖެ ވަނީ ހާސްކަމުގެ ތެރެއަށް ވެއްޓި ކަންބޮޑުވެފަ އެވެ. ކޮވިޑްގައި މަރުވާ މީހުންގެ އަދަދުވެސް އާދަޔާ ހިލާފަށް އިތުރުވެ އެންމެން ބިރުވެރިކަމެއްގަ އެވެ. މިމަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެއިން 45 މީހަކު މަރުވެއްޖެ އެވެ. ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު މިވަނީ 118 އަށް އަރާފަ އެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު މިއީ ބޮޑު އަދަދެކެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ އަދަދެކެވެ. މިހާލަތަށް ކަންކަން ދިޔައީ އެތައް ކަމެއްގައި އިހްމާލުވެ، ފަރުވާ ކުޑަ ކުރުމުންނެވެ. ސިޔާސީ ބޭނުމަށް ވަރަށް ގިނަ ގޯސްތަކެއް ވެސް ހަދައިގެނެވެ.

ހާލަތު މިހާ ގޯސްވެގެން ދިޔައިރު ކަމާ ގުޅޭ ވެރިންނެއް ނުފެނެ އެވެ. އެހެންވެ ޖަވާބު ނުލިބޭ ސުވާލުތައް ވަރަށް ގިނަ އެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ކޮބައި ހެއްޔެވެ؟ ޓެގް ޓީމުގެ އިސްވެރިންނާއި އެޗްޕީއޭގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު ގެއްލިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ސިންގަޕޫރުން ގަންނަން ފައިސާ ދައްކާފައިވާ ހަތް ލައްކަ ޑޯޒް ވެކްސިނާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ހޯދަން ކުރާ މަސައްކަތަކީ ކޮބައި ހެއްޔެވެ؟ އެ ވެކްސިން ލިބޭނީ ކޮން އިރަކުން ހެެއްޔެވެ؟ އިންތިޒާމުތައް ބޮއްސުންލައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވީ ކީއްވެ ހެއްޔެވެ؟ ކޮވިޑް ފެސިލިޓީތައް ފުރުނީ ހެއްޔެވެ؟

މިފަދަ ސުވާލުތަކަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ޖަވާބު ދެއްވަމުން އެ ގެންދަވަނީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފެނި ވަޑައިގަންނަވާ ދިމާއަކުން ފައްޓަވައިގެން ގޮސް މުޅިން އެހެން ވާހަކައަކުންނެވެ. އެ ޖަވާބުތައް ދެއްވުމުގައި މަބުރޫކް ވެސް ވަރަށް ބޮޑަށް "ބަލިވެއްޖެ" ކަމަށް ފެނެ އެވެ.

ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ތަރުޖަމާނު މަބްރޫކް ފިޔަވައި ކަމާ ގުޅޭ އިސްވެރިން ނުކުންނަވައި ނޫސްވެރިންގެ ސުވާލުތަކާއި އާންމުންގެ ޝަކުވާތަކަށް ސާފު ޖަވާބު ތަކެއް ދެއްވާން ޖެހެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިވަގުތު ނޫސްވެރިންނާ ބައްދަލު ކުރައްވަން ވާނީ ހެލްތު މިނިސްޓަރު ނަސީމެވެ. އެންއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ޓެގް ޓީމުގެ އިސްވެރިޔާ ޑރ. އަލީ ލަތީފެވެ.

އޮޑިދަށުން ޖަހާލާފައިވާ ކޮވިޑްގެ ހާލަތު ރަނގަޅު ކުރަން އެޗްޕީއޭގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު ކުރައްވާ މަސައްކަތް އެކަމަނާ ސާފު ކޮށްދެއްވަން ޖެހިފައިވެ އެވެ. މިއީ މައިމޫނާ ގިނަ ގިނައިން ފެންނަންވީ ވަގުތެވެ. ކޮވިޑްގެ މި ހާލަތުގައި ވެރިން، އެބޭފުޅުންގެ ކޮޓަރިކޮޅުގައި އެކަނި ތިއްބަވައިގެން ކަންކަން ހަމައަށް އެޅުވޭ ވަރަށް ވުރެ މިހާރު ރާއްޖޭގެ ހާލަތު ގޯހެވެ.

ރާއްޖެއިން އޯޑަރުކޮށް، ފައިސާ ދައްކާފައިވާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒް ޖޫންގައި ލިބޭނެކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވާ، އެ ޔަގީންކަން ތަކުރާރު ކޮށްދެއްވަންވީ ހެލްތު މިނިސްޓަރެވެ. އިންޑިއާގެ ވެކްސިން ލިބޭނެ ދުވަހެއް ވިދާޅުވެ ދެއްވަންވީ މިނިސްޓަރު ނަސީމެވެ. އެޗްޕީއޭގެ އިންތިޒާމުތައް ބޮއްސުންލައިގެން އުޅޭ ސަބަބުތައް ވިދާޅުވެ ދެއްވަން ނުކުންނަވަންވީ މައިމޫނާ އެވެ.

އެޗްޕީއޭއަށް ސިޔާސީ ނުފޫޒު އޮތް ނަމަ އެ ވާހަކަ ވެސް މައިމޫނާ ވިދާޅުވެ ދެއްވަން ވާނެ އެވެ. ހާލަތު ރަނގަޅު ކުރަން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ނަތީޖާ ފެންނަ ނަމަ، އެ ފެންނަ ގޮތެއް ވިދާޅުވެ ދެއްވަންވީ މިނިސްޓަރު ނަސީމާއި މައިމޫނާ އެއް ހާޒިރެއްގައި ތިއްބަވައިގެންނެވެ.

ޓެގް ޓީމުގެ އިސް ބައެއް ޑޮކްޓަރުންނަށް މަޖިލީހުގެ މެންބަރުން ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ހަގީގަތް ވިދާޅުވެ ދެއްވަން ވާނީ ސީދާ އެބޭފުޅުންނެވެ. ތުހުމަތުތަކާއެކު ގެއްލުމުން ރައްޔިތުން ކަންބޮޑުވެ އެވެ. ކޮވިޑް ފެސިލިޓީ ތަކުގައި މީހުން މަރުވުން އިތުރުވީ ސަބަބު މިހާލަތުގައި ވިދާޅުވެ ދެއްވަން އެންމެ ރަނގަޅު ވާނީ ޑރ. އަލީ ލަތީފާއި ޑރ. ނަޒްލާ ފަދަ ތަޖުރިބާކާރު ސީނިއާ ޑޮކްޓަރުންނެވެ. ފެސިލިޓީ ތަކުގައި ބަލި މީހުން ގިނަވެގެން ފަރުވާ ދިނުމަށް "ނުކަތާފައިވާނަމަ" އެ ވާހަކަ ވެސް ވިދާޅުވެ ދެއްވާށެވެ. އެ ޖަވާބުތައް ދެއްވަން "މެސެންޖަރެއްގެ" ދައުރު އަދާކުރައްވަން އަބަދު މަބްރޫކާ ހަވާލު ކުރެއްވީމާ ވާއެއް ނުވާއެއް ނޭނގެ އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މިދިޔަ އެއް އަހަރުގެ ތެރޭގައި 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެބަ ބުނެ އެވެ. އެ ހަރަދު ކުރި ކަމަކާއި، ހަރަދާއި އެއްވަރުގެ ނަތީޖާއެއް ފެނޭތޯ ފިނޭންސް މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތް ވެސް ވިދާޅުވެ ދެއްވަން އެބަޖެހެ އެވެ.

ރާއްޖެ މިހާލަތަށް އައީ ރައްޔިތުންގެ ތެރެއިން ބަޔަކު ފަރުދީ ޒިންމާއަށް ވެސް އިހްމާލުވުމުންނެވެ. އެކަމަކު އެޗްޕީއޭގެ އިހްމާލު މާ ބޮޑެވެ. އެޗްޕީއޭ އިނ ހަދާފައިވާ ގޯސްތައް ވެސް މާ ގިނަ އެވެ. އެޗްޕީއޭގެ ތެރެއިން އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް މާ ގިނަ އެވެ.

އެޗްޕީއޭގެ ފުރަތަމަ އިހްމާލަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ފަރުދީ ޒިންމާއަށް އިހްމާލު ވާނެ ކަމަށް ބަލައި އެކަމުން ނުކުންނާނެ ނަތީޖާއަށް ތައްޔާރުވެފައި ނެތުމެވެ. ތައްޔާރުވެފައި އޮތް ކަމަށް ގަބޫލު ކުރަން ދަތިވަނީ މިއަދު ހާލަތު ފެންނަން އޮތް ގޮތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ގުނާ އަދަދު ނުކުރެވޭ ވަރަށް އެކި ކަންކަމުގައި ހަދާފައިވާ އުސޫލުތައް ތަކުން ލިބުނު މާބޮޑު ފައިދާއެއް ނެތެވެ. އެއާ ހިލާފަށް ލިބުނު ބޮޑެތި ގެއްލުންތައް ފެންނަން އެބަހުއްޓެވެ. އެޗްޕީއޭގެ އުސޫލުތައް ގިނަވެގެންނާއި، އުސޫލުތައް އިސްލާހު ކުރަމުން ދިޔަލެއް އަވަސްކަމުންނާއި، ބާތިލް ކުރާ އުސޫލެއް، އަލަށް ވުޖޫދުވާ އުސޫލެއް ނޭނގި ރައްޔިތުން ތިބެނީ "ވާނުވާ" ގައެވެ. އެޗްޕީއޭގެ އޮފިޝަލުންނަށް ވެސް އެކަމުގެ ސަބަބުން އޮޅުންތައް އަރައި ހެދިފައި ހުރި ގޯސްތައް މަދެއް ނޫނެވެ. ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އުސޫލުތަކަށް އެޗްޕީއޭ އިން ގެނައި ބަދަލުތަކަކީ މިހާރުގެ ހާލަތަށް ކަންކަން އައި އެއް ސަބަބެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިގެން މާލެ ލޮކްޑައުން ކުރީ އޭޕްރީލް 15، 2020 ގައެވެ. އެކަމަކު އޭރަށް ވުރެ ހުރިހާ ގޮތަކުން ވެސް މިއަދުގެ ހާލަތު ނުރައްކާވެފައި ސީރިއަސް އެވެ. އޭރު ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިއަށް ނުކުންނެވި އެވެ. ރައްޔިތުންގެ ޝަކުވާ ތަކަށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. ކޮރަޕްޝަންގެ ތުހުމަތެއްގައި އަމީން މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހުމަކީ އެއީ އަދި މުޅިން އެހެން ކަމެކެވެ.