ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިޝްކާގެ މަރު

ރިޕޯޓެއް ބޭނުމެއް ނުވޭ ؛ ހުރިހާ ކަމެއް އޮތީ ފެންނަން

ކޮވިޑް-19 އިގެ ރާޅު ރާއްޖޭގެ މައި ތޮށި ފޫދުއްވާލައި އެތެރެއަށް ދެމިގަތްތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެހެން ގައުމުތައް ފަދައިން އެ ވައިރަހުގެ ސަބަބުން ޖެހެނީ އާދައިގެ ރޯގާއެއް ނޫން ކަމާއި ވައިރަހުގެ ބިރު އޮތީ ކޮން ބަޔަކަށް ކަމާއި ވައިރަހުން ރައްކާތެރި ވުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިކަން ނޭނގޭ އެކަކު ވެސް މިހާރު ރާއްޖެއަކު ނޫޅެ އެވެ. ކޮވިޑްް ބަލާއާފާތާއެކު ރާއްޖެއިން މިހާރު ވެސް 182 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު ބަލީގައި ސީރިއަސް އަލާމާތްތަކަކީ ކޮބައިކަން އަދި އެ ހާލަތްތަކުގައި ކަންކުރަންވީ ގޮތްވެސް މިވީ އެއް އަހަރު ދުވަހު އޮތީ ދަސްވެ ބާވެފަ އެވެ. އަދި ރާއްޖޭގައި ކޮވިޑް މެނޭޖް ކުރުމުގައި ކަންކަން ބޮއްސުންލާފައި މިންވަރު އޮޅިފައިވާ މީހަކުވެސް މިހާރު ނެތެވެ.

ކޮވިޑްގެ ކަންކަން މެނޭޖް ކުރުމުގައި ރާއްޖެ ވަރަށް ބޮޑަށް ފޭލްވެފައިވި ނަމަވެސް މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް ބުރޫއަރައި މުޅި ސިއްހީ ނިޒާމް ފުށުން ޖެހި ފެއިލް ކޮށްލީ ކޮވިޑް-19 އިގެ ހާލަތޭ މުޅީން ނުބުނެވޭނެ އެވެ. ކޮވިޑް-19 އިގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ މާ ރަނގަޅަކަށް އަދި މާ ހަރުދަނާކޮށެއް ނޫނެވެ.

ކޮވިޑް-19 އާއެކު ބޮޑަށް ހާމަވެ އެނގިގެން ދިޔައީ ދިވެހިންގެ ސިއްހީ ނިޒާމަކީ ބޮއްސުންލާފައިވާ، ހަލާކުވެފައިވާ އަދި އަވަސް "ފަރުވާ" އަށް ބޭނުންވެފައިވާ ނިޒާމެއް ކަމެވެ. އެކަކުވެސް ޒިންމާ ނަގާ ނިޒާމެއް ނޫން ކަމެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ މި މަހުގެ ދެވަނަ ދުވަހު އިމަޖެންސީ ސިއްހީ ފަރުވާއަށް ނުލިބި، ކޮވިޑް ބަލީގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާދިސާއެވެ.

މިޝްކާގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ބުނި ގޮތުގައި އެމްބިއުލަންސަށް ގުޅައިގެން ދެ ގަޑިއިރަށްވުރެ ގިނަ އިރުވުމަށް ފަހު ފޮނުވީ ވޭނެކެެވެ. އެއްވެސް ކަހަލަ އިމަޖެންސީ ފަރުވާ ދެވޭ ވަސީލަތެއް ފޮނުވި އެ ވޭނުގައި ނެތެވެ. އެކަން ވެގެން ދިޔައީ އުފުލާން ޖެހުނު އިތުރު ވޭނަކަށެވެ. މިޝްކާއަށް އަވަސް ފަރުވާ ނުދެވި ހުރިހާ ކަމެއް ނިމިގެން ދިޔައީ ވޭނެއްގަ އެވެ. އެ އާއިލާއާ ގުޅުން އޮންނަ ގާތް އެހެން ފަރާތަކުން ބުނި ގޮތުގައި މިޝްކާގެ މަންމަ އާއި ބައްޕައަށް އެ މީހުންގެ ހަމައެކަނި ދަރިފުޅު ގައިގައި އެންމެ ފަހުވަގުތު އަތް ޖައްސާލަން ވެސް ހުއްދައެއް ނުދީ ވަޅުލީ އެއީ ގައިޑްލައިނާއި ހިލާފު ކަމެއް ކަމަށް ބުނެ އެވެ.

މޮޅު ޕްރޮޓޮކޯލް އާއި ގައިޑްލައިންތައް ފިނި ކޮޓަރީގައި ތިބެ ހަދާފައިވާއިރު ގައިޑްލައިންތަކުގެ ދޯހަޅި ކަމުން ފުރާނަތައް ސަލާމަތް ނުވާ ނަމަ އެއަށްވުރެ ވަކިން ބޮޑު ބޭކާރު އެއްޗަކީ ކޮން އެއްޗެއް ހެއްޔެވެ؟

ކޯލް ސެންޓަރުގެ ތިބި މުވައްޒަފުންނަށް އިމަޖެންސީ ހާލަތުގައި ގުޅާ ފަރާތްތަކަށް ހިދުމަތް ދޭންވީ ކޮން ތަރުތީބަކުން ތޯ ކިޔައި ނުދެވި އަދި މަރަށް މީހަކު ތެޅޭ އިރު ކިއު ތަރުތީބުން މެޑިކަލް ޓީމުން އެޓެންޑްވާ ހާލަތްތަކަށް ދިއުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބައިބޯ އެއް ސިޓީއަކީ މާލެ ސިޓީ ކަމުގައި ވިޔަސް އެންމެ ފަސް އެމްބިއުލާންސާއެކު މެނޭޖް ކުރަމުން ގޮސް މިޝްކާގެ މަރަށް ފަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދެއްވި ޕްރެސް ކޮންފަރެންގައި އެކަމުގައި އިހުމާލު އޮތް ވާހަކަ ތަކުރާރުކޮށް އަމިއްލަފުޅަށް ވިދާޅުވި އެވެ. އަދި އިމަޖެންސީ ފަރުވާ ދެވޭ އޮންނަނީ އޭގެ ތެރެއިން ދެ އެމްބިއުލާންސް ކަމަށް ވިދާޅުވި އެވެ.

މިޝްކާގެ މަރާގުޅޭ ތަހުގީގުގެ ރިޕޯޓަކާ ގުޅިގެން ދޮގަކަށް ފަހުން ދޮގެއް ހަދަމުން ގޮސް ރިޕޯޓެކޭ ބުނާ ލިޔުމެއް ނެރެވުނީ ރޭގަ އެވެ. އެ ރިޕޯޓް ލިބުމަކުން އެ ކުއްޖާ އަލުން އެނބުރި އެއް ވެސް ނާންނާ އެވެ. އެކަމަކު ދެވަނަ ނުވަތަ ތިންވަނަ މިޝްކާއެއް ސަލާމަތް ކުރަން އެޅޭނެ ފިޔަވަޅު ތަކަކީ ކޮބައިކަން ދެނެގަނެވިދާނެ އެވެ.

ކޮވިޑް-19 އިގެ ހަތަރު ވަނަ ރާޅަކާއި ހިސާބަށް ރާއްޖެ ގޮސްފައިވާ އިރު ކަންކަން ތަޖުރިބާކޮށް ދަސްކުރާ ފިޔަވަހި މިހާރު އޮންނަންވާނީ ނިމިފަ އެވެ. މިއީ ހަރުދަނާ ސިޔާސަތުތައް ތަަންފީޒު ކުރަންޖެހޭ ވަގުތެވެ.

"ރައްޔިތުންނާއި ގާތުން ރައްޔިތުންގެ މަންފާ ނުކުރާނެ ސިޔާސަތުތަކެއް ހިފައިގެން ސަރުކާރެއް ނުހިންގޭނެ، އެހާ ހިސާބުން، އެއީ ހެލްތު ނަމަ އެތާނގެ ވަޒީރު ޒިންމާ ނަންގަވައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ" އާންމު މީހަކު އޭނާގެ ހިޔާލު ފާޅުކޮށްފައި ވެއެވެ.

މިޝްކާގެ މަރުގެ ކުރިންވެސް އިހުމާލުތައް

ރާއްޖޭގެ ސިއްހީ ދާއިރާގެ ނާގާބިލުކަން ހާމަވަނީ ހަމަައެކަނި މިޝްކާގެ މަރާ ހަމައިންނެއް ނޫނެވެ. އެވެސް ހިތާމަވެރި ބޮޑު އެއް ހާދިސާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ މާ "ނުރައްކާ" ތަނެއްގެ ގޮތުގައި އާންމުން ސިފަ ކުރާތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟

އެތާނގެ ތެރޭގައި ދޮށީ އުމުރުގެ މީހުން ކޮވިޑް ބަލީގައި ހަނާވާ އިރު، ތަން މިސް މެނޭޖް ވެގެން ގޮސް ބޯ ފެނަށް ޖެހިފައިވެ އެވެ. ރަށުތެރޭގައި އެ އަޑު ހެސް ކިޔާފައި ގަދަވި އެވެ. އެތަނަށް ގެންދާ މީހުންގެ ތެރެއިން ގިނަ ބަޔަކު ފުރާނަ ނެތް މަސްގަނޑު ނެރެންޖެހޭ ވާހަކަތައް އޮވެ އެވެ. އެތަނުގައި މުވައްޒަފުން މަދު ކަމާއެކު ބަލި މީހުނަށް އަޅާނުލެވި ކާން ނުލިބި ގައިން ތާހިރު ނުވެވި ތިބެ އެވެ. އެތަނަށް މިދާ ދުވަހު ވޮލަންޓިއަރުން ހޯދީ ވެސް އެތާނގެ އެތައް ކަމެއް ރަށަށް ފަޅާ އަރައި ރައްޔިތުން އެކަމާ ކެކި އުތުރި އަރަން ފެށުމުންނެވެ.

ރާއްޖެއަށް އެންމެ ރަނގަޅަކަށް ކޮވިޑް ވެކްސިނުގެ ކަންކަން ކޮށެއް ނުދެވުނެވެ. ވެކްސިން ޕްރޮގްރާމް ފެށި ގޮތަކަށް އެކަމެއް އެގޮތަކު ނުހިނގި އެވެ. އެހެން ދިމާވި މެނޭޖް ނުކުރެވިގެނެވެ. ކޮވިޑްޝީލްޑް ފުރަތަމަ ޑޯޒް ޖެހި އެތައް ހާސް ބަޔަަކަށް ދެވަނަ ޑޯޒް ޖަހަން ނުލިބި އެބަތިއްބެވެ. މި ސަރުކާރަށް "އިންޑިއާ ހަދިޔާ" އިން ލިބުނު ވެކްސިން ޑޯޒްތައް މެނޭޖް ކުރާކަށް އެއްގޮތަކަށް ނޭނގުނެވެ. އަނެއްކޮޅުން އިންޑިއާ ރުޅި އަތުވެދާނެތީ އެހެން ތާކުން ފަރުވާއެއް ހޯދާކަށް ނުކެރެ އެވެ. މިހުންނަނީ ހުސް އިހުމާލެވެ.

މީގެ ކުރިއަށް ޖެހިލައި ބަލާއިރު ކޮވިޑްތެރެއިން އެތައް ވައްކަމެކެވެ. ވެންޓިލޭޓަރުގެ ހިޔާނާތާއި ގޭސް ސިލިންޑަރުގެ ހިޔާނާތުގެ މައްސަލަތަކެވެ. ޕްރެޝަރު ބޮޑު ވެގެނާއި ސަރުކާރު ޕާޓީގެ ތެރެއިން ވަޒީރު ޕްރެޝަރަށް ވައްޓާލައިގެން އޭރު ހުންނެވި މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވި އެވެ. މިހާރު މިއޮތީ ވެސް ވަކީން ރަނގަޅު ހާލަތެއްގައެއް ނޫނެވެ. މިހާރުގެ ވަޒީރު އަހުމަދު ނަސީމް އިސްތިއުފާ ނުދެއްވާ ހުންނެވީ ކީއްވެގެން ހެއްޔެވެ؟

އާންމުން ދެކެނީ ވަޒީރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް

ހެލްތް މިނިސްޓަރު ނަސީމްގެ ޕްރެސްގައި އޭނާ ވިދާޅުވި ގޮތުގައި އިހުމާލެއް އޮތް ނަމަ އިސްތިއުފާ ދެއްވާނެ އެވެ. ރިޕޯޓް އެއޮތީ އެވެ. އޭގައި އިހުމާލު ނޫން އެއްޗެއް ކަމެއް ނެތެވެ. އަމިއްލަފުޅު އިހުމާލެއް އޮތްތޯ އަމިއްލަފުޅަށް ބައްލަވާނެ އެވެ. ރިޕޯޓުން އެއޮތީ ފެންނާށެވެ.

ދެން ވިދާޅުވެ ދެއްވީ އޭނާގެ މިނިސްޓްރީގައި 8000 މުވައްޒަފުން ތިބޭ ވާހަަކަ އެވެ. އޭނާ އިންނަވާ ބިލްޑިންގުގައި އެކަނިވެސް 480 އެއްހާ މުވައްޒަފުން މަސައްކަތް ކުރައްވާ ވާހަކައެވެ. އަދި އެންމެންގެ ތެރެއިން މިނިސްޓަރުގެ އިހުމާލު އޮތީ ކޮން ހިސާބަކުންތޯ އަމިއްލަފުޅަށް ސުވާލު އުފެއްދެވި އެވެ. މިއީ ވަޒީރަކު މިފަދަ ކަމަކާ ގުޅުވައި ދައްކަވަން ކޮންކަހަލަ ވާހަަކައެއް ހެއްޔެވެ؟

ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މިނިސްޓަރަކަށް ހިންގަން ހަވާލުވެ ވަޑައިގެންފައިވާ މިނިސްޓްރީއެއްގެ މަސްއޫލިއްޔަތުގައި ކަންކަން ފޭލިވުުމުން ޒިންމާ ނުނެންގެވޭ ނަމަ އިސްތިއުފާ އަށް ގޮވާ އަޑު ކެނޑިގެނެއް ނުދާނެ އެވެ.

ސިއްހީ ދާއިރާއަށް އާއްމުން އިތުބާރު ކުޑަވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވަޒީރު ނަސީމް އިސްތިއުފާ ދެއްވުމަކީ ރަނގަޅު ގޮތެކެވެ. ގިނަ ބައިވަރު ފަރާތްތަކުން ދަނީ އެކަން އެގޮތަށް ފާހަގަ ވެސް ކުރަމުންނެވެ. ސޯޝަލް މީޑީއާގައި މިނިސްޓަރު ނަސީމްގެ އިސްތިއުފާ ގޮވާލާ ހޭޝްޓެގް ޓްރެންޑް ވެފައި ވެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 އިގެ ކަންކަން ކިރިޔާ ވެސް ނުބެލެހެއްޓިއްޖެ ނަމަ އެ ގައުމެއްގެ ސިއްހީ ވުޒާރާތައް ހިންގުމަށް ކަނޑައެޅިފައިވާ ވެރިން މަގާމުން އިސްތިއުފާ އެބަ ދެއެވެ. މިހާތަނަށް ދުނިޔޭގެ އަށް ގައުމެއްގެ ހެލްތު މިނިސްޓަރުން ވަނީ ކޮވިޑް-19 އިގެ ކަންކަން ނުބެލެހެއްޓިގެން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ދެކުނު އެމެރިކާގެ ޕެރޫ، އިކުއެޑޯ އަދި އާޖެންޓީނާގެ ހެލްތު މިނިސްޓަރުން އިސްތިއުފާ ދެއްވީ ވެކްސިނަށް ހަމަ ހަމަ ފުރުސަތު ނުދެވުމުގެ ތުހުމަތު ތަކާއެކު އެވެ. ސެންޓްރަލް ޔޫރަޕްގެ ޔޫރަޕްގެ އޮސްޓްރިއާގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވީ "އޯވާވޯކް" އެ ބޭފުޅާއަށް ވުރެ ގާބިލް ފިޓު މީހުން ތިބި ކަމަށް ވިދާޅުވެ އެވެ.

މެދު އިރުމައްޗަށް ބަލާއިރު އިރާގުގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވީ ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދާ ބަޔަކު ތިބި ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި 80 މީހުން މަރުވެގެނެވެ. އުރުދުންގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވީ އޮކްސިޖަން ޝޯޓޭޖަކާ އެކު އެވެ.

ސްލޮވާކިއާގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެެއްވީ ކޮވިޑް ރަނގަޅަށް މެނޭޖް ކުރަން އެނގިވަޑައި ނުގަތުމުންނެވެ. މޮންގޯލިއާގެ ހާލަތަކީ އަލަށް އުފަންވި ތުއްތު ކުއްޖަކާއި މައިމީހާއަށް ސިއްހީ ފަރުވާ ދިން ފަރާތުން ކޮވިޑަށް ޕޮޒިޓިވް ވުމުމެވެ. ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު ހިޔާނާތުގެ ތުހުމަތުގަ އެވެ. އެހެންވީއިރު މިހާރު މިއޮތް ހާލަތުގައި އަދި މިޝްކާގެ މަރާ ގުޅިގެން މިނިސްޓަރު ކެރެފާ ނަސީމް އިސްތިފާ ދެއްވަން ކެރިވަޑައިގަންނަވަން ޖެހޭނެ އެވެ. އެކަމަށް ރިޕޯޓެއް ބޭނުމެއް ނުވެއެވެ.