ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ނެގެޓިވް ކުއްޖަކު ކަރަންޓީނަށް: އިހުމާލެއްތަ؟

ހއ. ތަކަންދޫން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔައީ މިދިއަ ހުކުރު ދުވަހުގެ ހަވީރު 4:15 އެހާކަންހާއިރު އެވެ. "ކާވިޔާ ބޯޓް" ގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ތަކަންދޫއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން ތަކަންދޫ ޓާސްކް ފޯހަށް އަންގާފައި ވަނީ ވެސް ހުކުރު ދުވަހު މެންދުރު 12:45 އެހާކަންހާއިރު އެވެ.

އެހެން ކަމުން ހަތަރު ގަޑިއެއްހާ އިރުގެ ތެރޭގައި ޕޮޒިޓިވްވީ މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސް، ފަރުވާގެ ކަންކަން ފެށުން ވެގެން ދިޔައީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަ ޖެހުމަކަށެވެ.

ނަމަވެސް ދެން ލިބުނީ އިންތިހާއަށް ކަންބޮޑުވާ ހަބަރެކެވެ. ޕޮޒިޓިވްވީ މީހުން ކަރަންޓީން ކުރިތާ 24 ގަޑިއިރު ފަހުން ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން ކުޑަކުއްޖާއަކީ ޕޮޒިޓިވް ކުއްޖެއް ނޫން ކަމެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުއްޖާ ހުރީ ރަށުގައި ގޭގަ އެވެ. އެ ގޯސް ހެދިއްޖެ ކަމަށް އެންގީ އެޗްޕީއޭއިންނެވެ.

ތަކަންދޫން ކަރަންޓީން ކުރީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެވެ. ނަމަވެސް އެ ފިރިހެން ކުއްޖާގެ ނަތީޖާ ނެގެޓިވްވެ، ރަށުގައި ހުރި އެ އުމުރުގެ އަންހެން ކުއްޖެއްގެ ނަތީޖާ ޕޮޒިޓިވް ކަމަށް އެންގިއެވެ. އެހެންވީމަ އޮޅުމަކުން ކަރަންޓީނަށް ގެންދުވުނީ ބަލީގެ އަސަރު ނެތް ކުއްޖެކެވެ. ބަލީގެ އަސަރު ކުއްޖާ ހުރީ ދޫވެފައި ގޭގަ އެވެ.

ކުޑަ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާއަށް ވެސް ކިޔަނީ ވަރަށް އެއްގޮތް ދެ ނަމެވެ. ދެ ނަމުގައި ވެސް ހިމެނެނީ އެއް އަކުރުތަކެކެވެ. ތަފާތުވަނީ އެންމެ ފިއްޔެކެވެ. އެޗްޕީއޭއަށް އޮޅިފައި ވަނީ އޭގެ ސަބަބުންނެވެ. އެހެން ނަމަވެސް އެ އޮޅުން ވެގެން ދިޔައީ ހާސްވެ ހަމަހިމޭންވެފައި އޮތް ތަކަންދޫއަށް އިތުރު ހާސްކަމެއް ވެރިވި ސަބަބަކަށެވެ.

އެޗްޕީއޭއިން މައާފަށް އެދުން

އެ މައްސަލާގައި އެންއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވަނީ މައާފަށް އެދި ވަޑައިގެންފަ އެވެ. އަދި އެކަން އެހެން ދިމާވީ އާއިލާ ގޮތުން ގުޅުން އޮތް އެ ދެ ކުދިންގެ ނަން އެއްގޮތްވުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މައުލޫމާތުގެ ކުށަކުން ނަމަވެސް މަބުރޫކަށް ވިދާޅުވެވިފައި ވަނީ ތެދު މައުލޫމާތެއް ނޫނެވެ. އެއީ އާއިލާ ގޮތުން އެއްވެސް ގުޅުމެއް އޮތް ދެ ކުދިންނެއް ނޫނެވެ. އަދި އެއް ގެއެއްގައި އުޅެމުން އައި ދެ ކުދިންނެއްވެސް ނޫނެވެ. އެ ދެ ކުދިންގެ އެއްގޮތް ވެފައި ވަނީ ނަމާއި އުމުރެވެ. އަދި އެއީ ދެ އާއިލާއަކަށް ނިސްބަތްވާ ދެ ޖިންސުގެ ދެ ކުދިންނެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ވަރަށް ބޮޑު އިހުމާލެކެވެ. ކޮވިޑް ފެތުރެން ފެށިފަހުން ތަފާތު ކަންކަން ދިމާވެއްޖެ އެވެ. ނަމަވެސް މިއީ އޮޅިގެން ބަލިމީހާ ބެހެއްޓުމަށް ފަހު ރަނގަޅަށް ހުރި މީހަކު ފަރުވާއަށް، ކަރަންޓީނަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ރޭ މައާފަށް އެދި ވަޑައިގަތުމަށް ފަހު މަބުރޫކް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވީ ކުއްޖާ ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވެއެވެ. ނަމަވެސް އިއްޔެ ހަވީރު ކުއްޖާގެ މަންމައާ ގުޅުމަށްފަހު ކަރަންޓީން ފެސިލިޓީއަށް ދިއުމަށް ދަރިފުޅާއެކު ތައްޔާރުވެ ހުރުމަށްފަހު މިއަދު އިރުއެރިއިރު ވެސް އެޗްޕީއޭގެ ޓީމުގެ ހަބަރެއް ނެތެވެ. އެ މަންމަ އިއްޔެ ހަވީރާއި ރޭ ހޭދަކުރީ ދެން ވާނެ ގޮތެއް ނޭނގި ބިރުވެރި ކަމާއި ކަންބޮޑުވުމެއްގަ އެވެ.

ކުރިން ޕޮޒިޓިވްވީ މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ހޭދަވީ އެންމެ ހަތަރު ގަޑިއިރު ނަމަވެސް މިފަހަރު އެކަން ގޮތަކަށް ނުހިނގަ އެވެ.

އަނެއްކޮޅުން އޮޅިގެން ކަރަންޓީން ފެސިލީޓިއަށް ގެންދެވުނު ކުޑަކުއްޖާ އާއި އޭނާގެ މަންމަ ވަނީ މިހާރު މާލެ ގެނެސްފަ އެވެ. އެ ދެ މައިން މިހާރު ތިބީ ހުޅުލޭ އައިލެންޑް ހޮލެޓްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ކަރަންޓީން ކުރި 37 އަހަރުގެ އަންހެން މީހާ ހުރީ ދޮނަކުޅި ހައިޑަވޭގަ އެވެ.

މިއީވެސް ކިހިނެއް ހިނގައި ދިޔަކަމެއް ކަމެއް އެޗްޕީއޭ އާއި އެންއީއޯސީއިން ސާފެއް ނުވެ އެވެ.

ކަރަންޓީނަށް އޮޅިގެން ގެންދިޔަ ކުއްޖަކީ ޕޮޒިޓިވެފައިވާ އޭނާގެ މަންމަގެ ކްލޯސް ކޮންޓެކެވެ. އެހެންވީމަ އެ ކުއްޖާއަކީ ބަލި ހުރިތޯ ބަލަން އަލުން ޓެސްޓް ކުރަންޖެހޭ ކުއްޖެކެވެ. އޮޅުމަކުން ނަމަވެސް އެ ކުއްޖާ ކަރަންޓީނަށް ގެންދެވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ޕޮޒިޓިވްވި ކުއްޖާ ރަށުގައި ބެހެއްޓުމެވެ. އަދި އެކަން އެނގުމުން ވެސް އެ ކުއްޖާ ކަރަންޓީން ފެސިލިޓީއަށް ނުގެންގޮސް ގިނަ އިރުތަކެއް ހޭދަ ކުރަން ޖެހުމެވެ.

އިތުރު މީހުންގެ ސާމްޕަލް ނަގަންޖެހޭ

ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ޕޮޒިޓިވްވުމުން އެއިން ދަތުރުކުރި އެންމެން ބައްޔަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ރަށްތަކުގެ ޓާސްކްފޯސްތަކުން ނިންމި ނަމަވެސް އެޗްޕީއޭއިން ފުރަތަމަ ނިންމީ ހުރިހާ އެންމެން ޓެސްޓް ނުކުރުމަށެވެ. ނަމަވެސް ފަހުން އެންމެން ޓެސްޓް ކުރަން ނިންމީ ގިނަ ކަންބޮޑުވުންތަކެއް ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމުންނެވެ. އަދި ރަށްރަށުގެ ޓާސްކް ފޯސްތަކާއި ކައުންސިލްތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.

ތަކަންދޫގެ 36 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ ތިން މީހުންނެވެ. ބާކީ 33 މީހުންގެ ނަތީޖާ ނެގެޓިވް އެވެ. އަދި ދެވަނަ ފަަހަރަށް އެމީހުން ޓެސްޓް ކުުރަން އިއްޔެ ވަނީ ސާމްޕަލް ނަގާފަ އެވެ.

އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވީ ތިން މީހުންނަކީ ވެސް ބޮޑު އާއިލާއަކާއެކު ދިިރިއުޅެމުން އަންނަ މީހުންނެވެ. އެގޮތުން 37 އަހަރުގެ މީހާ ދިރިއުޅުނު ގޭގައި ވެސް އެތައް ބަޔަކު ދިރިއުޅެ އެވެ. އަދި 29 އަހަރުގެ އަންހެން މީހާ އުޅުނީ ވެސް އާއިލާއާއެކުގަ އެވެ. މީގެ އިތުުރުން ޕޮޒިިޓްވީ ފަސް އަހަރުގެ ކުއްޖާ ވެސް އޭނާގެ މަންމައާއެކު އުޅެމުން ދިޔައީ އާއިލާއާއެކުގަ އެވެ.

އެ ގެތައް ހުރީ ކަރަންޓީން ކޮށްފައި ނަމަވެސް ގޭތެރޭގައި އާއިލާ އުޅެނީ އެއްކޮށެވެ. ހާއްސަ ކޮށް ކުޑަކުދިންނާ އެކުދިންގެ މައިންނެވެ. ނަމަވެސް ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އިތުރަށް ޓެސްޓް ކުރަން ޖެހޭ މީހުންނާމެދު އަދިވެސް އެޗްޕީއޭއިން ގޮތްތަކެއް ނުނިންމަ އެވެ.

ކުރިން ޓެސްޓްކުރި މީހުންގެ ދެވަނަ ސާމްޕަލް ނެގުމަށްފަހު އެ ޓީމު ފުރައިގެން ދިޔައީ އެވެ. އެހެންވީމަ މިވަގުތަށް ޓެސްޓް ކުރަންޖެހޭ މީހުން އަދި ތިބީ އެވެ. މިކަން ފަސޭހަކޮށް ދޫކޮށްލައިފިނަމަ ދެން ކުރިމަތިލާންޖެހޭ ނުރައްކާ މާ ބޮޑު ވެދާނެ އެވެ.