ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި މީހުންގެ ތެރެއިން އެކަކު އަދިވެސް ފެނިފައިނުވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
އެކި ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެންއޯސީން އެކަން ހާމަކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެ މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އަދި އެތަނުން އެކަކު ހޯދަމުންދަނިކޮށް އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައިކަން ވަނީ އެނގިފައެވެ. އަދި ފަހުން ތިން މީހަކު ވަނީ ފެނިފައެވެ. ފިލައިގެން އުޅެމުންދިޔައީ ބިދޭސީންނެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ނުފެނިގެން ހޯދަމުންދާ މީހާގެ ހަބަރެއް އަދި ނުވާ ކަމަށެވެ. ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މީހާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް އެންއީއޯސީން ކުރިން ބުނިނަމަވެސް 10 ދުވަސްވީއިރުވެސް އެކަން ކޮށްފައިނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މަބުރޫކް ވިދާޅުވީ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތް އަދިވެސް އެދިވަޑައިގަންނަވަނީ ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިއުމަށް ކަމަށެވެ.
އެކަމުގެ ސަބަބުން މުޖްތަމައަށް ބޮޑު ނުރައްކަލެއް އޮންނާނެ ނޫންތޯ ދެންނެވުމުން މަބުރޫކް ވިދާޅުވީ ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތްއިރު އުޅެން ޖެހޭނީ ކޮންމެ މީހެއްގެ ގައިގައިވެސް ބަލި ހުންނާނެ ކަމަށް ބަލައިގެން ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތްއިރު ވަރަށް ގިނަ މީހުންނަށް ބަލި ޖެހި، އެކަން ނޭންގި ވާނެ ކަމަށެވެ. އެހެން ކަމުން މެޑިކަލީ ބަލާއިރު ކޮމިއުނިޓީ ޓްރާސްމިޝަނެއް އުޅޭއިރު ބަލި ޖެހިފައިވާ އެންމެ މީހަކު ފިލައިގެން އުޅުމަކީ ރިސްކް ބޮޑުވާނެ ކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.