ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުން އުވާނުލާ، ލުއިތަކެއް ދޭން ނިންމައިފި

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ހަފުތާއަކަށް ދަމާލާއި ލޮކްޑައުންގެ ހާލަތުގައި ލުއި ތަކެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބައިވެރިވެ ވަޑައިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިރެއިން ފެށިގެން ހާލަތު އާ މަރުހަލާއަށް ގޮސްފައިވާ ކަމަށެވެ.

ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށާ އެ ހާލަތު ދެމިގެން ދާނީ ދެ ހަފުތާގެ މުއްދަތަށް ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމާއި، ދަތުރުފަތުރުކުރުމާއި ވިޔަފާރި ކުރުމަށް ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

މާދަމާއިން ފެށިގެން ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތަކުތައް އިތުރު ކުރުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ގެއަކުންވެސް ތިން މީހުންނަށް ހަފްތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ފުލުހުން މެދުވެރިކޮށްދޭނެ އެވެ. އަދި ބައެއް ކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުުރުން މަސްމާރުކޭޓް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ލޮކްޑައުންގައި މާދަމާއިން ފެށިގެން ލިބޭ ލުއިތައް

  • ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ވަގުތު އިތުރުކުރުން
  • ނިކުމެ އުޅެވޭ ޒޯންތައް އިތުރު ކުރުން
  • ރީ-ޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުން
  • ބައެއް ފިހާރަތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުން
  • ވޯކްޝޮޕްތަކާއި މަސްމާރުކޭޓް ހުޅުވުމުން
  • ބޭންކްގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުން
  • ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީގެ ހުއްދަ ދިނުން
  • ޓެކްސީ އަދި ޕިކަޕުގެ ހިދުމަތުގެ ހުއްދަ ދިނުން
  • ސިއްހީ ހިދުމަތްދޭ ތަންތަނުން އޮންލައިންކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުން
  • ކޮލެޖް، ޔުނިވާސިޓީތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ދިނުން

މިނިސްޓަރު ވިދާޅުވީ ރީޓެއިލް ފިހާރަތަކަށް ހިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމުގެ ތެރެއިން ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ އާއު ފާމަސީ އާއު ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށެވެ.

ނަމަވެސް މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނުތައް ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދޭ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބެންކެގް ހިދުމަތް ފުޅާކުރުމުގެ ގޮތުން ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް އަދި އޭގެ ފަހުން ފަސް ދުވަހަށް ބޭންކް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކަށް ފުރަތަމަ ދެ ހަފްތާގައި ޑެލިވަރީ އަދި އޭގެ ފަހުުން ޓޭކްއަވޭއަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ހާލަތުގައި ލުއި ދީފައިނުވަނީ މިސްކިތްތަކުގައި ޖަމާެއަތް ހެދުމަށް މިސްކިތްތައް ހުޅުވުމަށާއި، ސުކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ އިތުރުން ރަށްރަށައް ދަތުރު ކުރުމަށެވެ. އެކަންކަމަށް ކުރިއަށް އޮތް ދެ ހަފްތާތެެރޭގައި ހުއްދަ ނުދިނުމަށް ނިންމާފައިނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން އެކަންކަމާއި ގުޅޭގޮތުން ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.