ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ރަނގަޅަށް ޓެސްޓް ކުރެވޭނަމަ ދުވާލަކަށް 300 ކޭސް"

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު ވަރަށް ދަށް ކަމަށާ ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ.

ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވެނީ ވަރަށް މަދުން ކަމަށާ ޓެސްޓް ސްޓެރެޓަޖީ ބަދަލު ކުރަން ޖެހޭ ކަމަށެވެ. މި ހާލަތުގައި ދުވާލެއްގެ މައްޗަށް 300 މީހުންގެ ގައިން އިންފެކްޝަން ފެންނާނެ ކަމަށް ބެލެވޭ ކަމަށާ ނަމަވެސް އެ އަދަދު ނުފެންނަނީ ޓެސްޓް ނުކުރެވޭތީ ކަމަށެވެ.

ޝީނާ ވިދާޅުވީ އިންފެކްޝަންގެ އަސަރު ހަށިގަނޑުގައި ހުރެ، އަލާމާތެއް ނުފެނި އަދި ޓެސްޓްވެސް ނުކުރެވޭތީ ނޭންގި ހުރެ އެހެން މީހުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށާ އެހެންވީމަ ޓެސްޓް ކުރެވޭ ނިސްބަތް އިތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝީނާ ވިދާޅުވިއެވެ.

ޓެސްޓް ކުރެވޭނެ އިންތިޒާމް ދަށްވުމާއި އަދި ފަހުން ޓެސްޓް ކުރެވުމުގެ ސަބަބުން ބައެއް މީހުންނަށް ފަރުވާދޭން ފެށެނީ ހާލަތު ގޯސްވާ ހިސާބަށް ގޮސްފައިވަނިކޮށް ކަމަށާ މި ބަލީގައި ގިނަ ބަޔަކު މަރުވަނީ އެކަމުގެ ސަބަބުން ކަމަށްވެސް ޝީނާ ފާހަގަ ކުރެއްވިއެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒްވެސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެސްޓް ކުރެވޭނެ މެޝިން މަދުވުން ކަމަށެވެ. މިވަގުތު ހުރީ އައިޖީއެމްޗްގައި ހުރި މެޝިންގެ އިތުުރުން ފުލުހުންގެ ލެބްގައި ހުރި މެޝިން ކަމަށާ އެ ނޫނީ މިވަގުތު ކޮވިޑަށް ޓެސްޓް ކުރެވޭނެ އިތުުރު ގޮތްތަކެއް ނެތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ޓެސްޓިން ކެޕޭސިޓީ. އެ ކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 350-400 ދެމެދުގެ އަދަދެއް ކަމަށެވެ. މިމަހުގެ ކުރީކޮޅު އައިޖީއެމްއަޗަށް އިތުރު މެޝިނެއް ގެނައުމަށް މަސައްކަތް ކުރެެވުނު ކަމަށާ އެ މެޝިން ލިބުމުން އިތުރު 200 ސާމްޕަލް ދުވާލެއްގެ މައްޗަށް އިތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މެޝިން މިހާރު މާލެ ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ހެލްތް މިނިސްޓްރީއާއި އެސްޓީއޯ އަދި ރައީސް އޮފީހުންވެސް އިތުރު މެޝިންތައް ހޯދޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށާ އެކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި މެޝިނެއް ލިބޭނަމަ ސަރުކާރު އޮތީ ގަންނަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.