ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑާއެކު ރާއްޖެ 100 ދުވަސް

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 100 ދުވަސް ވީއެވެ. އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭއާ ހަމައަށް ފޯރާފައިވާކަން އޭގެ އެއް ދުވަސް ކުރިން ޔަގީން ކުރެވުނެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުން ދިވެހި ސަރުކާރަށް އެންގުމުންނެވެ. މާޗް މަހުގެ ހަވަނަ ދުވަސް އެކަން ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރިސޯޓެއް ލޮކްޑައުން ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓެވެ.

އޭގެ ފަހުން ކުރެއްދޫ ރިސޯޓާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއް ވެސް ފެންމަތިވިއެވެ. އިޓަލީ މީހާގެ އަލާމާތްތައް ފެނުނު ނަމަވެސް ޓެސްޓް ކުރުމެއްނެތި އޭނާ ރާއްޖެއިން ފުރުވާލުމުގެ ތުހުމަތު ބޮޑުވެ މައްސަލަ ތަހުގީގު ކުރަން ޕީޖީ ވަނީ ފުލުހަށް އަންގާފައެވެ. އެކަމުގެ ތުހުމަތު ސަރުކާރުގެ ބައެއް އިދާރާތަކާއި އިސްވެރިންނަށް ވެސް ކުރެވުނެވެ. މައްސަލައިގެ ތަހުގީގަށް ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރުގެ ޕާސްޕޯޓްވެސް ހިފެހެއްޓިއެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް މައްސަލައިގެ ތަހުގީގެއް ނުނިމުނެވެ. 100 ދުވަހުން ތަހުގީގު ނުނިމުނީ ނުފޫޒުތަކެއް ހުރެގެން ކަމަށްވެސް ވާހަކަދެކެވެ.

ކޮވިޑްގެ ބަލި މީހުން ފުރަތަމަ ކޮޅު މުޅިން ވެސް ފެންނަމުންދިޔައީ ރިސޯޓްތަކުންތަކުންނެވެ. އަދި ޕޮޒިޓިވްވަމުން ދިޔައީވެސް ފަތުރުވެރިންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފުންނެވެ. އޭގެ ފަހުން ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން އިނގިރޭސިވިލާތުން ރާެއްޖެ އައި ބައެއް ދިވެހިން ބައްޔަށް ޕޮޒިޓިވްވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލު ހާލަތު އިއުލާނުކުރުމަކީ ތާރީހުގައި ލިޔެވުނު ނިންމުމެކެވެ. އެއީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލު ހާލަތާއެކު ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ކަމަކަށް މާލޭ ސިޓީގައި ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ފެށި އެވެ. މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލާ ހޮޓާ ރެސްޓޯރަންޓްތަކުން ހަމައެކަނި ޓޭކްއަވޭގެ ހިދުމަތްދޭ ގޮތަށް ހަމަޖެއްސިއެވެ. މި ފިޔަވަހީގައި އެޅި އެންމެ ބޮޑު ފިޔަވަޅަކީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން "ވަގުތީ" ގޮތުން ހުއްޓުމަކަށް ގެނައުމެވެ. ރާއްޖޭގެ ތާރީހުގައި ނިންމި މި ބޮޑު ނިންމުން އައީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ކަނޑައަޅާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިފައިވާ ނިންމުމެކެވެ. ފުރަތަމަ އެ އިންތިހާބު ފަސްކުރީ އެ މަހުގެ 18 ވަނަ ދުވަހަށެވެ. އެއީ ކޮމިޝަނަށް އިންތިހާބު ފަސްކުރެވޭނެ އެންމެ ދުރު ތާރީހެވެ. ނަމަވެސް އެ މުއްދަތުގައި ނުބޭއްވޭނެކަން ޔަގީންވުމުން އަންނަ އަހަރަށް އިންތިހާބު ވަނީ ފަސްކޮށްފައެވެ. އެކަން ކުރީ ގިނަ "ސަކަރާތް" ތަކަކަށްފަހު މަޖިލީހުން ކުރި މަސައްކަތުންނެވެ.

ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނުމަކީ ކޮވިޑްގެ ބަލިމަޑުކަން އެހެން ހަފުރަތަކަށްދިޔައިކަން އަންގައިދިން ވަރުގަދަ ނިޝާނެކެވެ. މާލެއިން ފުރަތަމަ ކޭސް ފެނުނީ އޭޕްރީލް މަހުގެ 15 ވަަނަ ދުވަހުއެވެ. އެ ކޭސްއާއި ގުޅިގެން 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރި އެވެ. މާލެ ސިޓީން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އަންހެނެކެވެ. އޭގެ ފަހުން އޭނާގެ ތުއްތު ދަރިފުޅެވެ. ލޮކްޑައުންގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ބަަޔަކު ޕޮޒިޓިވްވުމުން ލޮކްޑައުން 48 ގަޑިއިރަށް ދަމާލިއެވެ. ނަމަވެސް ފުލުފުލުގައި ކޭސްތައް ފެންނަން ފެށުމުން ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރިއެވެ. އަދި އެ މުއްދަތު 14 ދުވަހުން 14 ދުވަހުން އިތުރު ކުރަމުންގޮސް، ލޮކްޑައުންގެ ހާލަތު މުޅިން ނިމިފައިވަނީ މިއަދުގެ ނިޔަލަށެވެ.

މެއި މަހަކީ ކޮވިޑަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވީ މަހެވެ. ބައެއް ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ގުނެމުންދިޔަ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 1،000 އެރީވެސް މެއި މަހުގެ ތެރޭގައެވެ. މިހާރު އެ އަދަދު ވަނީ 2،000 އިން މައްޗަށް ގޮސްފައެވެ. ކޮވިޑްގެ ބަލިމަޑުކަމަށް 100 ދުވަސްވީއިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2035 އެވެ.


ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އާންމު ގޮތެއްގައި ކޮވިޑްގެ ބަލި މީހަކު ރަނގަޅުވާން ނަގަނީ 14 ދުވަހުގެ މުއްދަތެއް ނަމަވެސް ބަލި ފެތުރެން ފެށިތާ ކުރީކޮޅު ބައެއް މީހުން ރަނގަޅުނުވެ މަސް ދުވަސް ވެސް ހޭދަވިއެވެ. އަދި ބަލި މީހުން ރަނގަޅުވާ ރޭޓް ލަސްކަން ކަމާބެހޭ އިދާރާތަކުން ވެސް ހާމަކުރިއެވެ. ނަމަވެސް ފަހުން ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ދިޔައީ އިތުރުވަމުންނެވެ. ބަލިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 1311 އަށް އަރާފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 60 ޕަސެންޓެވެ. އެހެން ކަމުން މިވަގުތު ފަރުވާ ހޯދަމުންދަނީ 714 މީހުންނެވެ.

ބަލިމަޑުކަމުގެ 100 ދުވަސްތެރޭ ޓެސްޓް ކުރެވިފައިވަނީ 34،677 ސާމްޕަލެވެ. މިއީ މި މުއްދަތަށް ބަލާއިރު ގިނަ އަދަދެއް ނޫނެވެ. އަދި ސިއްހީ މާހިރުން އުފާވާ އަދަދެއްވެސް ނޫނެވެ. ރާއްޖެއަށް ލިބުނު ޓެސްޓިން ކެޕޭސިޓީއާއި ބަލާއިރުވެސް ރަނގަޅު އަދަދެއް ނޫނެވެ.

ކޮވިޑާއި ގުޅިގެން ގިނަ އަންދާޒާތަކެއް ކުރެވުނެވެ. ކަމާބެހޭ ސިއްހީ މާހިރުންގެ ލަފާގެ މަތިން ދިރާސާތައް ކުރެވުނެވެ. ފުރަތަމަ ކުރެވުނު ދިރާސާގައި ލައްކައެއްހާ މީހުންނަށް މި ބަލި ޖެހޭނެއެވެ. ނަމަވެސް ހާލަތަށް ބަލާ ފަހުން ހެދި ދިރާސާގައި އެ އަދަދު ވަނީ 77،000 ދަށްކޮށްފައެވެ. ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ބެލެވުނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އެއީ ބިރުހުރި ނުރައްކާތެރި ދުވަހަކަށް ވެދާނެ ކަމަށް ލަފާއަދާޒާ ކުރިއެވެ. އެ ދުވަހު އެކަނިވެސް 1600 އެއްހާ މީހުންނަށް ބަލި ޖެހޭނެ ދިރާސާގައިވެއެވެ. އަދި ގިނަ ބަޔަކު އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިދާނެ ކަމަށްވެސް ތަޖުރިބާކާރުން ލަފާކުރިއެވެ.

ނަމަވެސް އެ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 11 މީހުންނެވެ. ރާއްޖެއިން އެކި އުމުރުގެ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި އަހަރު ނުވާ ތުއްތު ކުދިންވެސް ހިމެނެއެވެ. ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުންދާ މީހުންވެސް ހިމެނެއެވެ. އަދި އުމުރުން އައްޑިހައިގެ އަހަރުތައްވެސް ގުނަމުންދާ މީހުން ހިމެނެއެވެ.

ކޮވިޑް ބަލީގައި ގިނަ ބަޔަކު ރާއްޖެއިން މަރުވެދާނެ ކަމަށް ވެސް އޮތީ ލަފާ ކޮށްފައެވެ. އެގޮތުން އެ ބަލީގައި 2،000 މީހުން މަރުވާނެ ކަމަށް ފުރަތަމަ ލަފާ ކުރެވުނެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 9،00 ދަށްކޮށްފައެވެ. ކޮވިޑް ބަލީގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ.

ކޮވިޑް ޖެހުނު އުމުރުން 80 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ބަލިން ރަނގަޅުވީ ފަހުންނެވެ. އޭނާއަކީ ބަނޑުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައިވާ 90 އެއްހާ ދުވަސް ހޭދަކުރި ފަހުން ބަލި ޖެހިފައިވާ މީހުން ފެންނަމުންދާ މިންވަރު މަދުވާން ފެށިއެވެ. ހާއްސަކޮށް ރަށުތެރެއިން ބަލި ޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން ދަށައްދިޔައެވެ. އެހެން ކަމުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނެވެ. އަދި މިއަދަށް ކޮވިޑްގެ ބަލި ރާއްޖެއިން ފެނުނުތާ 100 ދުވަސްވުމާެއެކު ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ހުއްދަ ނެތި ބޭރަށް ނިކުމެވޭނެ ގިނަ ވަގުތުތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ. ފިހާރަތައް ހުޅުވި، މިސްކިތްތައް ހުޅުވިއްޖެއެވެ.

ނަމަވެސް އަދިވެސް ކޮވިޑްގެ ނުރައްކާ މި މުޖްތަމައުން ފިލައިގެން ނުދާ ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އިރުޝާދުތަކަށް ސަމާލުނުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލައިފިނަމަ އަލުން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއްދޭން ޖެހެއެވެ. ގައިދުރުކަން އިސްކޮށް، މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މުޅިން އާންމު ހާލަތަށް ދެވެންދެން ކޮންމެެހެން ނިކުންނަޖެހޭ ހާލަތުގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަކީ މުހިންމު ކަމެކެވެ.