ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އަތްދޮވުމާ ހަމައިން ފަރުދީ ޒިންމާއެއް ނުނިމޭ!

Mar 17, 2020

"ނުކައި ނުބޮއި، ނުނިދާ، އާއިލާތައް ދޫކޮށްފައި އަޅުގަނޑުމެން މިހާ ބޮޑު މަސައްކަތެއް ކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ." މިއީ މިދިޔަ ހޮނިހިރު ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ވާހަކަފުޅެކެވެ.

އެ ދުވަހު ހުރިހާ ދިވެހި ރައްޔިތުންނަށް ނަޒްލާ ދެއްވީ ވަރަށް ވަރުގަދަ މުހިންމު މެސެޖެކެވެ. މިހާރު ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ބަޔަކު މިހާރު ރާއްޖޭން ވެސް ފެނިފައިވާއިރު، ގައުމަށް މިވަގުތު ދިމާވެގެން މިއުޅެނީ ގައުމީ މައްސަލަ އެކެވެ. ކޮންމެ ރައްޔިތަކާ ގުޅުންހުރި ބަލާއާފާތެކެވެ. މިހާރު އޮތް ސަރުކާރަށް ކިތަންމެ ވަރަކަށް ތާއީދު ކުރި ނަމަވެސް ނޫނީ ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް، މިކަން ހަމައެކަނި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ.

ނަޒްލާ އެ ވިދާޅުވި ގޮތަށް މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް ކޮންމެ ދިވެއްސެއްގެ ވެސް ހިތްވަރާއި އެއްބާރުލުން ބޭނުންވެ އެވެ. ގަބޫލު ކުރަން ކިތަންމެ ދަތިނަމަވެސް، ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލަނބަން ލާޒިމުވެ އެވެ.

ތިމާ އެކަނި ރައްކާތެރިވުމަކުން ނުފުދޭ

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަތުރުވެރިއެއްގެ ކިބައިން ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށް އެ ބަލި ޖެހުނުކަން އިއުލާނު ކުރުމާއެކު، ހުރިހާ އެންމެން ދުއްވައިގަތީ ބޭސް ފިހާރަތަކަށެވެ. އޭރު ނެގި ރާޅާއެކު، ފިހާރަތަކުގައި ހުރި މާސްކުތަކާއި ހޭންޑް ސެނިޓައިޒަރު ފުޅިތައް ފިހާރާތަކުގެ ހަރުގަނޑުތަކުން ދޮވެލައި ހުސްކޮށްލި އެވެ.

މާސްކު އަޅަންޖެހެނީ ބަލި މީހުން އެކަނި ކަމަށާއި، ހޭންޑް ސެނިޓައިޒަރުގެ ބަދަލުގައި ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން މާ ރަނގަޅުކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން ދިޔަ އަޑުތައް އެއްވެސް މީހަކު ނޭހި އެވެ.

އެ ތަކެތި ގެންގޮސް ގޮދަޑިދޮށުގައި ފޮރުވި މީހުނާ ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. ތިމާ އެކަނި މުޅި ގައިގައި ފޮނު އަރަންދެން ސެނިޓައިޒާ ވެށިޔަސް، އެ ވައިރަހުން ރައްކާތެރިވާނެ ހެއްޔެވެ؟ އެ ވައިރަހަކީ ގައިން ގަޔަށް ދަތުރުކުރާ ބައްޔަކަށްވާއިރު، އެއިން ސަލާމަތް ވާނީ، އެންމެންވެސް ރާއްކާތެރިވެ ތިބެގެނެވެ. ފިހާރަތަކުގައި ލިބެންހުރި ހުރިހާ ސެނިޓައިޒާ ފުޅިތަކާއި މާސްކުތައް ގަނެލައިގެން، ކޮންމެހެން ބޭނުންވާ ބަޔަކަށް އެ ތަކެތި ނުލިބިއްޖެނަމަ، ތިމާއަށްވެސް ރައްކާތެރިކަމެއްނެތްކަން ވިސްނެންވެއްޖެ އެވެ.

ކާބޯތަކެތި ގުދަން ނުކުރޭ

ހޭންޑް ސެނިޓައިޒާ އާއި މާސްކުގެ އިތުރުން، ދެން އެއްކަލަ މީހުން ދުވީ ކާބޯތަކެތި ފިހާރަތަކުން ހުސްކުރުމުގެ މިޝަނެއްގަ އެވެ. ގޭގެ ސިޓިން ރޫމަށް ވައްދާލީ ކާޑު ވެސް ބަސްތާއިންނެވެ. ނޫޑުލިހާއި ބިސް ވެސް ކޭސްކޭހުންނެވެ. އޭރުވެސް އެކަން ނުކުރުމަށް ސަރުކާރުން ދިޔައީ އެދެމުންނެވެ.

"މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިންރޫމް ކާޑު ގުދަނަކަށް ހަދަންވީ ވަގުތެއް ނޫން، އަދި ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންވީ ވަގުތެއް ވެސް ނޫން،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެ ދުވަސްވަރު އިލްތިމާސް ކުރައްވާފައިވެ އެވެ.

ސަރުކާރުގެ އިތުރުން، ރާއްޖޭގައި މުދާ ހޯލްސޭލް ކުރާ ފަރާތްތަކުން ވެސް ތަކުރާރުކޮށް ބުނަމުން ދަނީ ކާޑުގެ ބާވަތްތަކާއި ކާބޯތަކެތީގެ އެހެން ބާވަތްތައް ވެސް ލިބުމުގައި އެއްވެސް ދައްޗެއް ނޫޅޭ ކަމަށެވެ. އަދި މިފަދަ ބާވަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ވެސް އެ ތަކެތީގެ ޝޯޓޭޖްއެއް އައިސްގެން އުޅެނީ އެއް ފަހަރާ ގިނަ އަދަދެއްގެ ބާވަތްތައް އާންމުންގެ ފަރާތުން ގަތުމުގެ ސަބަބުންކަމަށް ބުންޏެވެ.

މިކަމަކީވެސް އެއްވެސް މީހަކަށް ވިސްނައިދޭންޖެހޭނެ ކަމެއް ނޫނެވެ. ނޫނީ ފަހުމްނުވާ ވަރުގެ އަރަތެއްވެސް ނޫނެވެ. ކުރިއަށް އޮތް ތިން ހަތަރު މަހަށް ބޭނުންވާ ވަރަށް އެކަކު ގޮސް ކާބޯތަކެތި ގަނެފިނަމަ، ތަކެތި ލިބުމުގައި ދައްޗެއް ކުރިމަތިވާނެ އެވެ. ސަބަބަކީ އަމްރުވެސް ވިދާޅުވި ފަދައިން، ފިހާރަތައް ހުސްކޮށްލުމުން، ގުދަނުން އަލުން މުދާ ގެންނަން ހޭދަވާ ވަގުތު ފިހާރަ ހުސްވެފައި ހުރުމެވެ. އަދި އެއަށްވުރެ ހާލަތު ގޯސްވާ ހިސާބަށް މީހުން ގުދަން ކުރާ އުސޫލުން، ގުދަންތަކުންވެސް ކާބޯތަކެތީގެ ސްޓޮކް ހުސްވާވަރަށް ގަންނަނަމަ، އެ ތަކެތި ބޭރުން އަލުން ގެނެވެންދެން، ފިހާރަތަކުގައި މުދާނެތިދާ ވަގުތު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ވާހަކަ އެވެ.

"ގޭގައި ތިބެ ބަލަ"

ދެން އޮތީ އެންމެ ބޮޑު ވާހަކަ އެވެ. މިހާރު ފަރުދީ ޒިންމާ އެންމެ މުހިއްމު މައްސަލަ އެވެ. މި ބަލާއާފާތް ރާއްޖޭން ވެސް ފެނުމާއެކު ސަރުކާރުން ކޮންމެ ދުވަހަކު ދެ އިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އަމާޒުވާ އެއް ސުވާލަށް މިހާރު ރައްޔިތުންވެސް ނިކަން ފަރިތަވާނެ އެވެ. ރޯގާގެ އަލާމާތްތައް ހުރެގެން ގޭގައި އެކަހެރިވާން ބުނާ މީހުން އާއްމުންގެ ތެރެއަށް ނުކުމެ އުޅޭ ކަމުގެ ޝަކުވާ އެވެ.

ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިގެން ނޫނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ވަގުތީ ގޮތުން ބަންދުކުރާ ރިސޯޓުތަކާއި ރަށްތަކުން މީހުން ބޭރުވާ ކަމުގެ ތުހުމަތެވެ. ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކުރުމާއެކު ރަށްރަށުން ރިސޯޓުތަކަށް މީހުން ދިޔުމާއި، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން ވެސް މިހާރު އެވަނީ މަނާ ކޮށްފަ އެވެ.

ނަމަވެސް، އެ ކަމަށް ކިޔަމަން ނުވާން ބޭނުންވާ ބަޔަކު އުޅޭކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެނބުރި ރަށަށްދާން ކެތްމަދުވެގެން އުޅޭ ވާހަކަ އެވެ.

މިކަހަލަ ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި، ކޮންމެ މީހަކުވެސް އެ މީހެއްގެ އާއިލާ ކައިރީގައި ތިބެން ބޭނުން ވާނެ އެވެ. ރަށު ބަންދުގައި ތިބެން ކޮންމެ މީހަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ. އެކަމަކު މުޅި ދުނިޔެއެކޭ އެއް ފަދައިން ރާއްޖެއަށް ވެސް ކުރިމަތިވެގެން މި އުޅޭނީ އެންމެ މީހަކަށް ވުރެ ބޮޑު މައްސަލަ އެކެވެ. މިއީ ކާރިސާ އެއްގެ ވަގުތެވެ. މުޅި ދުނިޔެއަށް ބަލާއާފާތެކެވެ.

އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރުކުރުން ހުއްޓުވައިގެން ނޫނީ ހިފަހައްޓައިގެން މެނުވީ، މި ބަލި ފެތުރުން ނުހުއްޓުވޭނެކަން މުޅި ދުނިޔެއަށް ބަލައިލި ނަމަވެސް އެ އޮތީ ފެންނާށެވެ. މިއީ ސަރުކާރުން އެކަނި ދައްކާ ތޯތޯ ވާހަކައެއް ނޫންކަން، ދިވެހިން އަބަދު މިސާލެއްގެ ގޮތުގައި ނަގައި، ޔޫރަޕުން ވެސް ސާފެވެ.

ބަލި ޖެހުނު މީހަކާ ގާތްވާ ފަސް ޕަސެންޓާއި 10 ޕަސަންޓް މީހުނަށް އެ ބަލިޖެހޭ ކަމަށް ބުނަމުން ދާއިރު، ގިނަ ގައުމުތަކުން ބޮޑެތި އެއްވުންތަކާއި، ކުޅިވަރު މުބާރާތްތަކާއި ސިނަމާތައް ފަދަ ތަންތަން ބަންދު ކުރަމުން ދަނީ އެ ސަބަބާހެދި އެވެ.

ދުނިޔޭގެ އެކި ލީޑަރުން ހިމެނޭ ގޮތަށް މިހާރު އެންމެ އާއްމުކޮށް އިވޭ އެއް ބަހަކީ ސޯޝަލް ޑިސްޓަންސިންގް އިތުރު ކުރުމަށް ކުރާ އިލްތިމާސެވެ. ސޯޝަލް ޑިސްޓަންސިންގެ މާނައަކީ މީހުންގެ ދޭތެރޭގައި ހުންނަ ދުރުމިން އިތުރު ކުރުމެވެ. ނުވަތަ ލާމެހުން ކުޑަ ކުރުމެވެ. އެގޮތުން، ދެ މީހެއްގެ ދެމެދު ހުންނަ ދުރުމިން އިތުރު ކުރުމަށްޓަކައި، ގޭގައި މަޑުކުރުމާއި، މީހުން ގިނަ ތަންތަނަށް ނުދިޔުން ހިމެނެ އެވެ.

އެކަމުގައި ހަމައެކަނި އޮތް ހައްލަކީ ފަރުދީ ޒިންމާ އެވެ. ކޮވިޑް-19ގެ އަލާމާތްތަކަކީ އާއްމު ރޯގާތަކުގައި ވެސް ހުންނަ އަލާމާތްތަކަކަށް ވާތީ، ރޯގާ ޖެހިފައި ތިބި މީހުން "ސެލްފް - އައިސޮލޭޓް" ނުވަތަ އަމިއްލައަށް އެކަހެރިވެ، ގޭގައި މަޑުކުރަން އިލްތިމާސް ކުރަނީ ވަރަށް މުހިއްމު ބޭނުމެއްގަ އެވެ.

ކޮވިޑް-19 ޖެހުމުގެ ފުރުސަތު ނެތް މީހަ ކުވެސް، ރޯގާގެ އަލާމާތްތައް ހުރި ނަމަ، ފަރުދީ ޒިންމާ އަދާކޮށް، މީހުންގެ ތެރެއަށް ނުނުކުމެ ގޭގައި މަޑު ކުރުމުން، މުޖުތަމައުގައި ރޯގާ ފެތުރުން މަދު ކުރެވެ އެވެ. ރޯގާ ފެތުރިގެން ހިނގައްޖެނަމަ، ކޮވިޑް-19 ޖެހިފައި ތިބި މީހުން ދެނެގަނެ، ޓެސްޓް ކުރުމުގެ މަސައްކަތް އިތުރަށް އުނދަގޫ ވެގެންދެ އެވެ.

ސަރުކާރުންވެސް ތަކުރާރުކޮށް ބުނާ ފަދައިން، ބަންދު ކުރާ ރަށްތަކާއި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް ވަށައިގެން ސަލާމަތީ ބާރުތަކުން ފޯރިމަރާނެ ފަދަ ވަސީލަތްތަކެއް ރާއްޖެއަކު ނެތެވެ. ގޭގައި އެކަހެރި ކުރާ މީހާގެ ގޭގެ ދޮރޯށި ކައިރީގައި ފުލުހަކު ނުބެހެއްޓޭނެ އެވެ. ބަންދުކޮށްފައިވާ ރަށަކުން، ފުރަ ދަންވަރު، ޑިންގީ ގަނޑަކަށް އަރައިގެން އެހެން ރަށަކުން ދިޔުން ހުއްޓުވޭނީ ތިމާ އަމިއްލައަށް އެކަން ނުކުރާނަމަ އެވެ. ފިނި ބުރެއް ޖަހައިލާ ހިތުން، ގޭގައި އައިސޮލޭޓްކޮށްފައި ހުންނަ މީހާ އަށްވެސް އޮތީ އެއް ހަމަ އެކެވެ.

މިހާރު ދުނިޔެ ވެއްޓިފައިވަނީ މިއިން ޒަމާނެއްގައި ނުދެކޭ ފަދަ ދަތި އުނދަގުލެއްގެ ތެރެއަށެވެ. މި ބަލި ފެތުރޭ މިންވަރަށް އަދިވެސް މަޑުޖެހުމެއްނެތް އިރު، މިކަމުން އެއްވެސް ގައުމަކަށް އަވަހަކަށް އަރައިގަނެވޭނެ ގޮތެއް ނެތެވެ. ކުރިއަށް އޮތީ ވެސް ދަތި ދުވަސްތަކެވެ. އުނދަގޫ ތަކެވެ.

އެހެން މީހަކާ ދޭތެރޭ ވިސްނާލަން ބޭނުންނުވާކަމަށްވާނަމަ، ތިމާގެ އަމިއްލަ އާއިލާ އާ މެދު ވިސްނާށެވެ. އެބަލީގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ އުމުރުން ދުވަސްވީ މީހުންކަމަށްވާއިރު، މުސްކުޅި ކާފަ އާއި މާމަ ސަލާމަތް ކުރާށެވެ.

ވަގުތު ފާއިތުނުވަނީސް ފަރުދީ ޒިންމާ އަދާކުރާށެވެ. މިއީ ކޮންމެ ރައްޔިތެއްގެ ވެސް ބޭނުން ގައުމަށް ޖެހިފައިވާ އެންމެ މުހިއްމު ދަނޑިވަޅެވެ.