ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުން އަރައިގަތުމަށް ރާއްޖެއަށް ވޯލްޑް ބޭންކުގެ އެހީގެ ޔަގީންކަން

Dec 12, 2020

ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، އިގުތިސޯދު އާ ރޯ ކުރުމަށްޓަކައި ވާލްޑް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ވާލްޑް ބޭންކުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް އަދި އެ ޖަމިއްޔާގެ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ މިދިއަ ހަފްތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، ވާލްޑް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަތުން ކަމަށެވެ.

މި ދަތުރުގައި ވާލްޑް ބޭންކު ވަފްދުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގަވަރުނަރާއި، ކެބިނެޓުގެ ގިނަ ވަޒީރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބަޔާނުގައި ޖަވާސް ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އިގުތިސޯދަށް ކުރިމަތިވާ ހިރާސްތަކުން އަރައިގަނެ، ކުރިއަށް ވުރެ ވަރުގަދަކޮށް އަލުން އިގުތިސޯދު ހިންގައިގަންނަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެއް ކަމަށެވެ.

"އަޅުގަނޑުގެ މި ޒިޔާރަތަކީ، ކޮވިޑް-19 އިގެ ސަބަބުން ސިއްހީ އަދި އިގުތިސޯދީ ހީނަރުކަމުން އަރައިގަނެ، ވަޒީފާތައް އުފައްދައި، ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެ އަލުން ތަރައްގީކޮށް ކުރިއެރުވުމުގައި ވާލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ރަމްޒެއް،" ސަރުކާރާއި އަމިއްލަ ފަރާތްތަކާއި އާއްމުންނާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން ޖަވާސް ވިދާޅުވި އެވެ.

ވާލްޑް ބޭންކުގެ ވަފުދުން ވަނީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިގްތިސާދު ހަރުދަނާކޮށް ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ބުނެފައި އެވެ.

މި ދަނޑިވަޅަކީ ވާލްޑް ބޭންކުގެ އެހީތެރިކަން ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅު ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވެފައިވަނިކޮށް، އާ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ އެ ބަޔާނުގައި ވިދާޅުވީ، މި ދަތުރުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އެ ދަތިތަކުން އަރައިގަތުމަށް ކުރަންހުރި ކަންތައްތަކާއި ފުރުސަތުތައް ދެނެގަނެވިފައިވާ ކަމަށެވެ.

"ފާއިތުވި 42 އަހަރު، ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ވާލްޑް ބޭންކުންގެ ދައުރު ބޮޑުއިރު، ކޮވިޑް-19 އިގެ ހާލަތުން އަރައިގަތުމަށް، މި ބޭންކުގެ ވަސީލަތްތަކާއި ލަފާ، ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދެވޭނެ،" ކަންޑާ ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން، ވާލްޑް ބޭންކުން މިހާރުވެސް ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައި އެވެ.

މިގޮތުން، މިދިއަ އޭޕްރީލް މަހު، 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވަނީ ފޯރުކޮށްދީފަ އެވެ.

މި މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރު ކުރި މީހުންނާއި މަސައްކަތްތެރިނަށް އެހީވާން ސަރުކާރުން ހިންގާ "އިންކަމް ސަޕޯޓް" މަޝްރޫ އަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 198,4 މިލިއަން ރުފިޔާ) ގެ އެހީއެއް ދިނީ މިދިއަ ޖޫން މަހު އެވެ.

މީގެ އިތުރުން، ވާލްޑް ބޭންކުގެ އެހީގައި މިހާރުވެސް ތަފާތު ނުވަ ތަރައްގީ މަޝްރޫއުއެއް ރާއްޖޭގައި ކުރިއަށްދާއިރު، އެ މަޝްރޫއުތަކުގެ އަގު 148 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.