ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިގުތިސޯދުގައި ދިރުން ނެތްނަމަ، މިނިވަންކަމަށް ނުރައްކާވާނެ: ރައީސް

Jul 26, 2020
5

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގެނެވޭނީ، ސިޔާސީ ވާދަވެރިންވެސް ހިމެނޭގޮތަށް ހުރިހާ ރައްޔިތުން ސަރުކާރުއާއެކު އެއް މަންޒިލަކަށް މަސައްކަތްކޮށްގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހާ ރާއްޖެ ކުރިމަތިލާންޖެހިފައިވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ކަމަށެވެ.

ރައީސް ވިދާޅުވީ މި ބަލީގެ ހިޔަނި ނޭޅޭ އެންމެ އާއިލާއެއް މިރާއްޖޭގައިވެސް ނެތް ކަމަށާއި، މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަށް އެކަނި ނޫން ކަމަށެވެ.

"ކޮވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގުތިސޯދު ކަރުތާފެނަށް ގަންބާލައިފި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލެވިފައިވީ ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، ޓޫރިޒަމްގެ ހަގީގީ މަންފާ ހޯދެންނެތް ކަމަށެވެ.

"އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން،" ރައީސް ގޮވާލެއްވި އެވެ.

މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ބޮޑުކަމާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ގުރްބާނީގެ މަތިވެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގުތިސޯދަށް ކުރިމަތިވާ ހީނަރުކަން. ގައުމުގެ އިގްތިސޯދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގެ ތެރެއިން، ސިޔާސީ ވާދަވެރިންނަށްވެސް އެމަނިކުފާނު ވަނީ ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.

"... ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން،" ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށާއި ގައުމަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގައުމު ކުރިއަރުވައި ތަރައްގީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށް ކޮންމެ ދިވެއްސެއްގެ ވިސްނުންވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އަދި އެކަން ހާސިލުކުރެވޭނީ، ތަރައްގީއަކީ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ގަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ތަރައްގީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ، ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން. އަބަދުވެސް އިއްޔެއަށްވުރެ މިއަދު ތަރައްގީކޮށް، އަދި އެއަށްވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެން. ހަޔާތުގެ ފިޔަވަޅުމަތީ ހުއްޓި ނުހުރެ، ބަދަލުވުމުގެ ރާސްތާގައި ކުރިއަށް ގޮސްގެން،" ރައީސް ވިދާޅުވި އެވެ.