ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުވާލާއިރު ގައުމުތަކުން އެދޭ ކަންކަން ހަމަޖައްސަނީ

Jun 24, 2020
1

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތް، ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ހުޅުވާލާއިރު، ވަކިވަކި ގައުމުތަކުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ދާކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުރިހާ ގައުމަކަށް ހުޅުވާލި ނަމަވެސް، ބައެއް ގައުމުތަކުގައި އެ ގައުމުތަކުން ބޭރުވާ ރައްޔިތުންނަށް ހާއްސަ އުސޫލުތަކެއް ގެންގުޅޭ ކަމަށެވެ.

"މިސާލަކަށް ޗައިނާ. ޗައިނާ އިން ވަނީ ރާއްޖެ އަށް މީހުން ފޮނުވާނެ ކަމަށް ބުނެފައި. އެކަމަކު އެ މީހުންގެ އަތުގައި އޮންނަން ޖެހޭ ހަތަރު ދުވަހު ކުރީގެ ޕީސީއާރު ޓެސްޓެއް އެ މީހުން ފުރާއިރު. އެގޮތަށްް އެ ހިދުމަތް އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން، ޗައިނާ ސަރުކާރާ ގުޅިގެން، އެއާޕޯޓުގައި ދުވާލަކު 1،000 ޓެސްޓު ހެދޭ ވަރުގެ ކެޕޭސިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެހެން ގައުމުތަކުން ވެސް އެދޭ އެފަދަ ހާއްސަ އުސޫލުތަކާ އެއްގޮަތަށް ރާއްޖެ އަންނަ މީހުނަށް އިންތިޒާމުތައް ހަމަޖައްސާނެ އެވެ.

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށް ފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިން ވަނީ ބުނެފަ އެވެ. އަދި ބޯޑަރު ހުޅުވުމާއެކު، އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޝައުގުވެރިކަން ފާޅުކޮށް، ޖާގައަށް އެދިފައިވާ ކަމަށް ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.