ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަޖެޓު ސަޕޯޓަށް އިންޑިއާއިން 250 މިލިއަން ޑޮލަރު

Aug 13, 2020

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު (3.9 ބިލިއަން ރުފިޔާ) ރާއްޖެއަށް ދޭން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިން އެހީ ދޭން ނިންމާފައިވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިއަހަރު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ވަނީ ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން، މިހާރުވެސް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން މި ސަރުކާރުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖެއްގައިވެސް ސޮއި ކުރައްވައިފަ އެވެ.

އިންޑިއާގެ އެ އިގްތިސޯދީ ޕެކޭޖްގެ ދަށުން މިހާތަނަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީއެއް މިދިޔަ އަހަރު ރާއްޖެއަށް ދީފައިވެ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޭންކްގެ ސަބްސްކްރިޕްޝަނެއް ވެސް މިދިޔަ އަހަރު ދިނެވެ.