ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދައުލަތުގެ އާމްދަނީއަށް 446 މިލިއަން ޑޮލަރުގެ ގެއްލުންވާނެ: ރައީސް

Mar 15, 2020
1

ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުގެ ކުރިންވެސް ޓޫރިސްޓުން އަންނަ މިންވަރު ދަށަށްދާން ފަށައިފި ކަމަށެވެ.

"މިއަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުން އައި މިންވަރު ވަނީ 14.3 ޕަސަންޓް ދަށްވެފައި. އަދި މިމަހުގެ ފުރަތަމަ 10 ދުވަހު އެ އަދަދު ވަނީ 22.8 ޕަސަންޓަށް ވެއްޓިފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން، އެ މިންވަރު ދަށަށްދާ ހަލުވި މިނަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސަންޓު ދަށްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަންނަ ކޮންމެ ހީނަރު ކަމަކުން ރާއްޖޭގެ އިގުތިސާދަށް ވަަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ އެވެ. ޓޫރިޒަމުން ލިބޭ އާމްދަނީ އަކީ ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު މިންވަރެއް ކަމަށާއި ރާއްްޖެ އަށް ލިބޭ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް އެ އިންޑަސްޓްރީން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އަދި އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ މާކެޓުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އާމްދަނީއަށް ކުރަމުންދާ ނޭދެވޭ އަސަރަށް ބަލާއިރު، 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަަށް ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށާއި އާމްދަނީ ދަށްވުމަކީ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ވެސް ހުަރަސްތައް އެޅޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމަކީ ސާކް ސަރަހައްދުގެ އެހެން ގިނަ ގައުމުތަކަކާ ވިޔަފާރީގެ ގޮތުން ގުޅިފައިވާ އިންޑަސްޓްރީއަކަށް ވާތީ ރާއްޖެ އަށް މިއައި ދަތިކަމުގެ އަސަރު، ސާކް ގައުމުތަކަށް ވެސް ކުރާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

"އެހެންވީމާ ފުރިހަމަ އަދި ތަފްސީލީ ސަރަހައްދީ ޕްލޭނެއް އެކުލަވައިލަން [އިންޑިއާގެ] ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން އެކުލަވައިލާ ސްޓްރެޓެޖީއެއްގައި މައިގަނޑު ތިން ކަމެއް ހިމަނަން އެމަނިކުފާނު ގޮވައިލެއްވި އެވެ. އެގޮތުން ހިމަނަން ޖެހޭ ފުރަތަމަ ކަމަކީ ސަރަހައްދީ ގައުމުތަކުގެ ސިއްހަތާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުން ކަމަށާއި ދެވަނަ ކަމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިން ވަނަ ކަމެއްގެ ގޮތުން، ކޮވިޑް-19 އާ ހަނގުރާމަކުރުމުގެ ތަފްސީލީ ސްޓްރެޓެޖީއެއްގައި، ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް ހިމެނެންވާނެ،" ރައީސް ވިދާޅުވި އެވެ.