ކުރީގެ ސަރުކާރުގައި ޗައިނާ އިން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާއިރު، އެކަމަށް ލުއި ނުދޭ ކަމަށް ވިދާޅުވެ، ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭސް ދަންނަވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަ ބޮޑުވެގެން އުޅެނީ ކުރީގެ ސަރުކާރުން ހާއްސަކޮށް ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާ ކަމަށެވެ.
މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، ކޮވިޑް-19 އިގެ ހާލަތުގައި މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދުވެސް އާމްދަނީ އެއް ނުލިބި އިނދަޖެހިފައިވާ ދަނޑިވަޅެއްގައި އެ ފައިސާ ހޯދަން ޗައިނާފަދަ ބޮޑު ގައުމަކުން މަސައްކަތްކުރާތީ އެމަނިކުފާނު ވަނީ ހަރުއަޑުން ޗައިނާއަށް ފާޑުވިދާޅުވެފައި އެވެ.
"މުޅި ދުނިޔެ އެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކުވެސް ހުރީކީއެއް ނޫން. ލާރިއެއް ފޮނުވާލެވޭނެ މިންވަރުވެސް ހުޅުވާފައެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ؟ ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން މި ރާއްޖެއަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބަލިވި ގަޑީގައި އެ ފައިސާ ހޯދަން ޗައިނާ އިން އުޅުމަކީ މުޅި ދުނިޔެވެސް ދަންނަ އިންސާފެއް ނޫން ކަމަށާއި، އެކަން އެގޮތަށް މެދުވެރީ، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ.
"މިއަދު މި ބަޖެޓު ފެންނާންއޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް، ތަކުރާރުކޮށް ދަންނަވާނަން، މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑި ހުތުރުކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަންޖެހެނީ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަމަވެސް، އެ ހުރިހާ ދަތިކަމެއްގެ ތެރެއިންވެސް ރާއްޖޭގެ މާލިއްޔަތަށް އެމްޑީޕީ ސަރުކާރެއްގައި ގެއްލުމެއް ނުލިބޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ހުރިހާ ލޯނުތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނބުރާ ދައްކާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ދަރަނި ފަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެ ދަރަނި ލަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެ ދަރަނި ކުޑަވެސް ކުރެވޭނެ،" ރާއްޖޭން ދޭން އޮތް އެއްޗެއް ދެވޭނީ، އެފަދަ ހާލަތަކަށް އެނބުރި އާދެވެމުންކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަށް ދީފައިވާ ލޯނުތަކަށް ޗައިނާ އިން ލުއި ނުދޭކަމަށް ނަޝީދު ވިދާޅުވިއިރު، ކޮވިޑް-19 އާ ގުޅިގެން ސީދާ ޗައިނާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ލޯނުތައް ފަސްކޮށްދޭން ވަނީ ނިންމައިފަ އެވެ.
އަދި ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ދެ ގައުމުން ކުރަމުންދާއިރު، އެ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުވެސް ވަނީ ވިދާޅުވެފައި އެވެ.