ހަބަރު

މަޝްރޫއުތައް އަވަސް ވަނީ "ގަދަ 11" އިގެ މެންބަރުންނަށް

ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީ ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުގައި ދެ ފެކްޝަނެއް އުޅޭކަމަށް ތުހުމަތުކުރެވޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި މެންބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް އަވަސްވާކަމަށް ވިލުފުށި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަށް ފާއިތުވި ތިން އަހަރުވެސް ވާރުތަވެގެން އައިސްފައިވަނީ އެއް މަޝްރޫއުތަކެއް ކަމަށާއި، އޭގެ ތެރެއިން އެއްވެސް މަޝްރޫއުއެއް ތަންފީޒު ކުރެވިފައިނުވާ ކަމަށެވެ.

"އަޅުގަނޑަކީ ގަދަ 11 އިގެ މެންބަރަކަށް ނުވެދާނެ. އަޅުގަނޑުމެންގެ ދާއިރާގައިވެސް ތިބީ ދިވެހި ރައްޔިތުންނޭ. އެހެންވީމާ މިހާ ގިނަ ދުވަހު ބަޖެޓު ތަންފީޒުވާނެ ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ބައްލަވައި ދެއްވުމަށް ވަރަށް ބޮޑަށް އެދޭ ވާހަކަ ދަންނަވަން،" ފެކްޝަނެއްގެ ވާހަކައަށް ނުސީދާކޮށް އިޝާރަތްކުރައްވަމުން އަފީފް އެދިވަޑައިގެންނެވި އެވެ.

ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އަފީފް އިތުރަށް ވިދާޅުވީ ކޮވިޑް-19 އިގެ ވެކްސިނެއް އަންނަ އަހަރު ލިބުމުގެ އުއްމީދު އާވެފައިވީ ނަމަވެސް، ވެކްސިނަކާއެކު ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައިވާ ޓޫރިޒަމް ސަރުކާރުން ބަޖެޓުގައި ލަފާކުރާ މިންވަރަށް ރަނގަޅުވާނެކަމަށް ބުނުމަކީ ދަތިކަމެއް ކަމަށެވެ.

އަންނަ އަހަރުވެސް ބަޖެޓު އިންތިހާއަށް ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީ ހޯދަން ސަރުކާރުން އަންދާޒާކުރާ އަދަދުތަކާ ގުޅޭގޮތުން ވެސް އަފީފް މިއަދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ.

"ފިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ، ފައިސާ ލިބޭނޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭކަށް ނެތް ހަމަ ފިނޭންސް މިނިސްޓަރު ފައިސާ ލިބޭނޭ ވިދާޅުވީމާ، ލިބޭނެކަމަކަށް. އެ ލިބޭނެ ގޮތްތަކެއް އެބަ ޖެހޭ އެނގެން. ކޮންތާކުން ކިހިނެއްތޯ ހޯދަނީ. ދެން ވިދާޅުވަނީ ބޮންޑް ސްކޫކް އިޝޫކޮށްގެން ލިބޭނެޔޭ. މިއަހަރު ފެށުނީއްސުރެއް މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސްކޫކް ބޮންޑް ހޯދަން. އަދި މިއަދާ ހަމައަށް ލިބިފައެއްނެތް،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ބަޖެޓުގައި އަދަދުތަކެއް ޖެހިދާނެކަމަށާއި، ނަމަވެސް އެ ބަޖެޓު ތަންފީޒު ނުކުރެވޭނަމަ ރައްޔިތުންގެ މާޔޫސްކަން ބޮޑުވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އަފީފް ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނެގޮތާމެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ލިބޭ އާމްދަނީ ކުޑަވާގޮތަށް އަދި މަޝްރޫއުތައް އިތުރުވާގޮތަށް ވާހަަކަ ދެއްކުން ގަބޫލުނުކުރެވޭ ކަމަށާއި، ދައުލަތަށް އާމްދަނީ ހޯދުމަށް އޮތް މަގުތައް އިތުރުކުރަންޖެހޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.