ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޑީއެފްސީން ކުދި ވިޔަފާރިއަށް ލޯނު

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮވިޑުގެ ސަބަބުން ގެއްލުންވާ ކުދި ވިޔަފާރި ތަކަށް 500،000ރ. އާ ހަމައަށް ލޯނު ނެގޭ ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.

"ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީން ތައާރަފު ކޮށްފައިވާ މި ލޯނު ސްކީމު ގެ ދަށުން ލޯނު ދޭނީ، ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ޖެހެނީ ގިނަވެގެން ތިން އަހަރުންނެވެ.

އެސްޑީއެފްސީ އިން ބުނީ މި ލޯނަކީ މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައިދީ އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން ތައާރަފު ކުރާ ލޯނެއް ކަމަށެވެ.

"ކޮވިޑް 19 ވިޔަފާރި އެހީ" ލޯނު ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާމްދަނީ 10 މިލިއަނަށް ވުރެ އިތުރު ނުވުމާއި ކޮވިޑް-19 އާ ގުޅިގެން އަދި ލޯނަށް އެދޭ މުއްދަތުގައި އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފައި ނުވުން ހިމެނެ އެވެ.

"ކޮވިޑް 19 ވިޔަފާރި އެހީ" ލޯނު އަމިއްލަ މަސައްކަތް ކުރާ ފަރާތް ތަކަށް ދޭން ނިންމާފައިވަނީ 18،000 ރުފިޔާ އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި މި ލޯނު ދިނުމުގައި ބަލަނީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރެއިން ހަ މަހު މަސައްކަތް ކޮށް އާމްދަނީއެއް ލިބިފައިވާ މީހުންނަަށެވެ.

އެސްޑީއެފްސީ އިން ބުނީ މި ލޯނު ނަގާ ފަރާތްތަކުން އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެ އެވެ. މި ލޯނަށް އޮންލައިންކޮށް ލޮގިން ވެގެން މިހާރު ކުރިމަތިލެވޭނެ އެވެ. އަދި މި ލޯނަށް އެދޭ ފަރާތްތަކުން 100،000ރ. އަށްވުރެ ލޯނުގެ އަދަދު ކުޑަނަމަ އެ ފައިސާ ދޭނީ އެއް ފަހަރާ އެވެ. އަދި މިއަދަދަށްވުރެ މަތިނަމަ ފައިސާ ދޫކުރާނީ ބަހާލައިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވާން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް ތައާރަފު ކޮށްފައިވެ އެވެ. މި އެހީގެ ޕެކޭޖުގެ ބޮޑު ބައެއް ދެނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ބޭންކުން ލޯނުތައް ހަ މަހަށް ފަސްކޮށްދީފައި ވެ އެވެ. އަދި ރިސޯޓުތަކާއި ބޮޑެތި ވިޔަފާރިތަކަށް ލުއި ލޯނު ސްކީމެއް ތައާރަފުކޮށްފައިވެ އެވެ.