ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެމްއެމްއޭގެ އެމްއާރުއާރު ދަށްކޮށް، ޑޮލަރު ވިއްކުން އިތުރު ކުރަނީ

ފައިސާ ދައުރު ކުރުން އިތުރު ކުރަން، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރުއާރު) ދަށްކޮށް، ޑޮލަރު ވިއްކުން އިތުރު ކުރަން ނިންމައިފި އެވެ.

ސަރުކާރުން ތައާރަފު ކުރި "2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީ" ޕެކޭޖާ ބެހޭ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ލިކުއިޑިޓީ އިތުރު ކުރުމަށްޓަކައި އެމްއެމްއޭގެ މިނިމަމް ރިޒާވް ރިކުއާމަންޓް ފަސް ޕަސެންޓާ ހަމަ އަށް ދަށްކުރަން ނިންމާފައިވާ ކަމަށެވެ.

"މީގެ ބޭނުމަކީ ފައިސާ ދައުރު ކުރާ ވަރު އިތުރު ކުރުން. ބާޒާރު ތެރޭގައި ފައިސާ ދަތުރުވާވަރު އިތުރުވާނެ، ރިކުއާމަންޓް ދަށްކުރީމަ،" ގަވަރުނަރު ވިދާޅުވި އެވެ.

150 މިލިއަން ޑޮލަރު ބޭންކް ތަކަށް

ގަވަރުނަރު އިތުރަށް ވިދާޅުވީ މީގެ އިތުރުން އަޅަން ނިންމާފައިވާ އަނެއް ފިޔަވަޅަކީ ޑޮލަރު އިތުރު ކުރަން ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެގޮތުން 150 މިލިއަން ޑޮލަރުގެ ފެސިލީޓީއެއް ބޭންކް ތަކަށް ދޭނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

"ކުރި އަށް އޮތް ތާނގައި އަންނާނެ ކަމަށް ކަމަށް ބަލާތީ ޑޮލަރަށް އެ ޕްރެޝަރު އަންނަނީ. އެހެންވެ އަންނަ ހަފުތާ އިން ފެށިގެން ޑޮލަރު ވިއްކުން އިތުރު ކުރާނަން،" ހާޝިމް ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި އިންޑިއާ އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ސްވޮޕް ޑޮލަރު ފެސިލިޓީއަކީ ބޭނުން ނުކޮށް ހުރި ފެސިލިޓީއެއް ކަމަށެވެ.

"ބޭންކް ތަކަށް ދަތިތަކެއް އައިސްފިނަމަ އެ ފެސިޓީ ޔޫސް ކުރާނީ،" ހާޝިމް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ހީނަރުވެ، ބޭރު ފައިސާ ލިބުން ދަނީ ދަތިވަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުންވެސް ދަށަށް ދާނެ ކަމަށް ވަނީ ބެލިފަ އެވެ.