ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަންނަ ހަފުތާ އިގްތިސޯދީ އެހީ ދޫކުރަން ފަށާނެ

Apr 2, 2020
3

ކޮވިޑް-19 އިގެ ސަބަބުން، އިގްތިސޯދަށް ލިބޭ ގެއްލުން ތަކުން އަރައި ގަންނަން ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ "ސްޓިމިއުލަސް ޕެކޭޖު" ގެ އެހީ އަންނަ ހަފުތާ ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ 10 މިލިއަން ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ކުންފުނި ތަކަށް ލޯނު ދޫކުރާނީ ބީއެމްއެލް އިން ކަމަށެވެ.

"އަމިއްލަ މަސައްކަތް ކުރާ ފަރާތްކަށް ލޯނު ދޫކުރާނީ އެސްޑީއެފްސީ މެދުވެރިކޮށް،" އަމީރު ވިދާޅުވި އެވެ.

އަންނަ މަހުން ފެށިގެން ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތް ތަކަށް ތިން މަސް ދުވަހުގެ މުއްދަތަށް އެލަވަންސެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ޕެކޭޖުގެ އެންމެ މުހިންމު ބަޔަކީ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދިނުން. މި ކަމަށް ހާއްސަ ކުރާ 1.5 ބިލިއަން ރުފިޔާއިން ވާނެ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ އިގްތިސޯދީ އެހީގެ ޕެކޭޖުގެ ދަށުން ބޭންކްތަކުގެ ލޯނުތައް ވަނީ ހަ މަސް ދުވަހަށް ފަސްކޮށް ދީފަ އެވެ. މީގެ އިތުރުން ވިޔަފާރިތައް ދަމަހައްޓަން ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޭން ވަނީ ނިންމާފަ އެވެ.