ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމުމުން އެ ޕާޓީގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ނުރުހުން ފާޅު ކުރައްވައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވެ އެވެ. އެ ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުނީ އެ ގްރޫޕްގެ 42 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެންބަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު އޭގެ ތެރެއިން އެއް މެންބަރަކީ އިންތި އެވެ. ޕާލިމެންޓްރީ ގްރޫޕްގެ އެ ވިޕާ ގުޅިގެން މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން އިންތި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.
މިއަދު ތަޅުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނަމަ "މިއީ ހަމަ ގަދަ ބައެއް" ކަމަށެވެ. މިއީ ގާނޫނު އަސާސީ އިސްލާހު ކުރެވޭ ހާލަތެއްގެ ގޮތުގައި ދެކޭނަމަ "މިއީ ގަދަ ބައެއް" ކަމަށެވެ. ގައުމު އޮތީ ނުރައްކަލެއްގެ ހާލަަތުގައި ދެކޭނަމަ "މިއީ ގަދަ ބައެއް" ކަމަށެވެ.
އިންތި ވިދާޅުވީ ގުދުރަތީ ކަމަކާ ގުޅިގެން ދީނީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ހާލަތަށް އައިސް ލުއި ލިބޭއިރު ގާނޫނު އަސާސީއާއި ގާނޫނުގައި ބުނާ މުއްދަތަކަށް އިންތިހާބު ނުބޭއްވުމުން މުއައްސަސާތައް ކުށްވެރިވާނެ ހާލަތެއް ނޯންނާނެ ކަމަށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ހައްލުތަކެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ރައްޔިތުން ގޭބަންދުގައި ތިބޭ މިފަދަ ހާލަތެއްގައި ގާނޫނު އަސާސީ އިސްލާހު ކޮށްގެން ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރެވެން ވާނީ އެ ކަމާ ދެކޮޅު ރައްޔިތުންނަށް އިހުތިޖާޖަށް ނުކުވޭ ހާލަތެއްގައި ކަމަށެވެ.
"މިއީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ހާލަތެއްތޯ. ކޮން ކަހަލަ ވިސްނުމެއްތޯ އަޅުގަނޑުމެން މި ގެންގުޅެނީ. ކިހިނެއްތޯ މި ދުސްތޫރުތައް މި މާނަކުރަނީ. ކޮން ކަހަލަ ވިޕް ތަކެއްތޯ މި ނެރެނީ. ކޮން ކަހަލަ ލަފާތަކެއް ތޯ މި ދެނީ. ކޮން ޖަންގައްޔަކުން ނެރޭ އުސޫލުތަކެއްތަ މިއީ." ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ، މިއަދު ކައުންސިލަރުންގެ ދައުރު ދިގުކުރަން ގާނޫނު އަސާސީ އިސްލާހު ކުރާނަމަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ދައިރާއި ރިޔާސީ ދައުރު ދިގުކޮށްދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. ވިދާޅުވީ، ގާނޫނު އަސާސީއާއި ދައުލަތުގެ ދުސްތޫރާ ގުޅޭ ކަމެއްގައި ވޯޓު ދޭނީ އަމިއްލަ ނަފުސު އެދޭ ގޮތަށް ކަމަށެވެ.
"އާންމު ގާނޫނެއް ނަމަ ޕާޓީން އެދޭ ގޮތަށް، ދައުލަތުގެ ވެރިން ދޭ ލަފައާ އެއް ގޮތަށް އަޅުގަނޑު ވޯޓު ދޭނަން، ނަމަވެސް ގާނޫނު އަސާސީގެ ކަމެއްގައި، ދައުލަތުގެ ދުސްތޫރާ ގުޅޭ ކަމެއްގައި، އަޅުގަނޑުގެ އަމިއްލަ ނަފުސަށް ކޮންވިންސްވާ ގޮތަކަށް އަޅުގަނޑު ވޯޓު ދޭނީ. ޕާޓީން ނިންމާ ގޮތަކަށް ނޫން." އިންތި ވިދާޅުވި އެވެ.
އިންތިގެ އިތުރުން ވެސް ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން މިއަދު ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. އެ މެންބަރުން ވެސް ވިދާޅުވަމުން ގެންދެވީ ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ވިސްނުމަކަށް ނުވާނެ ކަމަށެވެ.