އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. ސަރުކާރުން ފޮނުވާފައި ވަނީ އެ އަންނަ ގާނޫނީ ހުސްކަމުގެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުން ތިބުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސަ އެވެ.
ޣަފޫރު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަން މެންބަރުންނަށް އިއްތިފާގު ނުވެވޭ ކަމަށެވެ. ގާނޫނީ ހުސްކަން ފޫބެއްދެން އޮތް ގާނޫނީ ހަމައަކީ ކޮބައި ކަމާއި ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގުކުރުމުން އަންނާނެ ގާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ތަޅުމަށް ހުށަހެޅިއިރު، ކައުންސިލްތަކަށް އަންނަ ގާނޫނީ ހުސްކަން ފޫބެއްދޭނީ ކައުންސިލްތަކުގެ ދައުރު ދިރުކުރަން ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހަށް ލަފާ ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޣަފޫރު ހުށަހެޅުއްވިއިރު، އޭގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް ބައެއް މެންބަރުންނަށް އެއްބަސްނުވެވޭތީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މި ކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ. ބައެއް މެންބަރުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ބަލައިގަނެ މަސައްކަތް ކުރިއަށް ގެންދަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ރޭ ނިންމާފައިވެ އެވެ. ބެލެވޭ ގޮތުގައި ބިލު ފާސްކުރުމާ ގުޅޭ ގޮތުން އަދިވެސް މެންބަރުންގެ މެދުގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުންތައް އެބަ އުޅެ އެވެ.