އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ.
އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި އެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ލަފާ ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލާގައި ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނު އަސާސީ އިސްލާހު ކުރަން އިއްތިފާގުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް އެއީ އެންމެ ރަނގަޅު ލަފައެއްގެ ގޮތުގައި ފެނިފައި ނުވާ ކަމަށެވެ.
"ބަންޑާރަ ނައިބު ވިދާޅުވާ ގޮތްތަކެއް އެބަވޭ. އަދި ކައުންސިލަ ޖެނެރަލް އިއްތިފާގުވޭ އެ ހަމަތަކާ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެއްބަހެއް ނުވޭ މި ހަމަތަކާއެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ އިތުރުން މަޖިލީހުން ލަފައެއް ހޯދެން އޮތް މުއައްސަސާއަކީ ރާއްޖޭގެ އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގޮތަށް ފާސްކޮށްގެން ކަމަށެވެ.
"ގާނޫނު އަސާސީގައި ދެން ލަފާ ހޯދާ ތަނަކަށް މި އޮންނަނީ ސުޕްރީމް ކޯޓުން، އެ މަގުން ހިނގައިގެން ވަގުތީ ހައްލެއް ލިބިދާނެ ކަމަށް. އެކަން ކުރަން ނިންމާނީ މެންބަރުން. މެންބަރުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނިންމޭނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވާފައިމިވަނީ، ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައާ އެއް ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމާފައި ވަނިކޮށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނުރެމަށް ނިންމީ އެ ޕާޓީގެ 42 މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަން ހަތަރު މެންބަރަކު ވޯޓުު ދެއްވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ބައެއް މެންބަރުން މިއަދު ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. އެ މެންބަރުން އަދިވެސް ގެންދަވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.