ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް ޝަރީފު

ބިލަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ގޮވާލައިފި

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ގޮވާލައްވައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތިހާބީ މަގާމެއްގެ ދައުރެއް ގާނޫނަކުން ދިގެއް ނުކުރެވޭނެ އެވެ.

ނަމަވެސް ހަސަން ލަތީފު ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ވެސް ކަމަށް ހަސަން ލަތީފު ވިދާޅުވެ އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝަރީފު ވިދާޅުވީ ބިލުގައިވާ ކަންކަމަކީ އޭނާ ވަރަށް ތާއީދު ކުރައްވާ ކަންކަން ކަމަށެވެ. ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ މުއްދަތަށް ނުބޭއްވިއްޖެނަމަ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އޭރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކުން އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ.

ނަމަވެސް ރައްޔިތުންނާއި މަޖިލީހުގެ މެންބަރުންގެ މެދުގައި މަޖިލީހުން ފާސްކުރާ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމާ މެދުގެ ޝައްކެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީއާ އެ ބިލު ހިލާފުވޭތޯ ބެލުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ސުޕްރީމް ކޯޓުގެ ލަފައެއް މި ކަމުގައި މަޖިލީހުން ހޯދަން، މި ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ ބިލާއެކު ކުރިއަށް ދާންވީ، ނޫންނަމަ އެހެން ގޮތެއް ހޯދަން ޖެހޭ" ޝަރީފު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހަށް އެދެވޭނީ މެންބަރުން އެ ގޮތަށް ފާސްކުރުމުން ކަމަށެވެ. އެހެންކަމުން ލަފައަކަށް އެދޭނެ ކަންތައްތައް ހުށަހެޅުމެއްގެ ގޮތުގައި މެންބަރަކު ހުށަހެޅުއްވުމުން އެ ކަމަކަށް ވޯޓަށް އަހާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.