ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ހެދުމަށް ގާނޫނު އަސާާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައި މިރޭ ޖަލްސާ ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މިރޭ 9:00 ގައި މަޖިލީހުގެ ޖަލްސާ ފައްޓަވާނެ ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުންގެ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑެތެވެ. މި ބަލިމަޑުކަމުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. އެހެންވެ ބިލުގެ މަސައްކަތް ދަނީ ދިގުދެމިގެނެވެ.
މި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތުގެ ފިލްޒާގެ ލަފާ ވެސް ވަނީ ހޯއްދަވައިފަ އެވެ. އެ ދެ ބޭފުޅުން ވެސް ލަފާ ދެއްވަނީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށެވެ. ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނެ ކަމަށެވެ.
ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް ވެސް ބައެއް މެންބަރުންނަށް އެއްބަސްނުވެވެތީ އެ ކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ. ސުޕްރީމް ކޯޓުގެ ލަފާ ހޯދުމުގެ ގަރާރެއް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޣަފޫރު ހުށަހެޅުއްވީ، ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް މެންބަރުންނަށް އެއްބަސްނުވެވޭތީ ދެން ލަފާ ހޯދެވެން އޮތް ތަަނަކީ ސުޕްރީމް ކޯޓު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ފަހުންނެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހެޅިއިރު، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެޖޯރިޓީން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ތަޅުމަށް ބަލައިގަނެ އެ މަސައްކަތް ކުރުމަށެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އަދިވެސް ބައެއް މެންބަރުން ވަރަށް ދެކޮޅެވެ.
ބިލު ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރަކު ތިއްބެވި އެވެ. އެއިން ބައެއް މެންބަރުން މިއަދު ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. ޕާޓީން ނެރޭ ވިޕާ އެއް ގޮތަށް ވޯޓު ނުދެއްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވި އެވެ.