ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ރައީސް، ކައުންސިލަރުން އައްޔަން ކުރުމުގެ ބަހުސެއް!

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަ ވުމަށް ފަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ރަށްރަށް ހިންގަން ކައުންސިލަރުންތަކެއް އައްޔަން ކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ފަށައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ޖެހިފަ އެވެ.

މިހާރު ގާނޫނުގައި އޮތް އެންމެ ލަސް ތާރީހަށް އިންތިހާބު ފަސްކޮށްފައިވާއިރު، އިތުރަށް ފަސް ކުރަން ބޭނުންވާ ހާއްސަ ގާނޫނުގެ ބިލާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ. ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ގާނޫނީ ލަފާ ލިބުނު ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބު ފޮނުއްވާފައިވާ ބިލު އެޖެންޑާ ކުރާނީ މެންބަރުން އެ ކަމުގައި ބަހުސް ކުރައްވައި ގޮތެއް ނިންމެވުމުންނެވެ. އަދި މެންބަރުން ނިންމަވާ ގޮތަކަށް ކުރިއަށް ގެންދަން އެމަނިކުފާނު ނިންމެވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި މެންބަރުން ވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ބަދަލުގައި ދައުރު ހަމަވާ ދުވަހުން ފެށިގެން އަމަލު ކުރާނެ އެހެން ގޮތްތަކަކާ މެދު ވާހަކަ ދައްކަވައިފަ އެވެ. ބައެއް މެންބަރުން ވަނީ ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ރަށް ހިންގަން ބަޔަކު އައްޔަން ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކައުންސިލަރުންގެ އިންތިހާބީ ދައުރު ހަމަ ވުމަށް ފަހުގައި އެއީ އިންތިހާބީ ބަޔަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން އެ ކައުންސިލަރުންގެ ދައުރު ދިގު ކުރުމުން ވެސް ޖޫން ތިނެއްގެ ފަހުން އެއީ އިންތިހާބީ ކައުންސިލަރުންނެއް ނޫން ކަމަށެވެ.

"ގާނޫނު އަސާސީ ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރީމަ ވެސް އެއީ އިންތިހާބީ ބަޔަކަށް ނުވޭ، އަދި ހަމަ އެ ކައުންސިލަރުން އިތުރު ދުވަސްތަކަކަށް ރައީސް އައްޔަން ކުރާ އެޕޮއިންޓީސް ގޮތުގައި ބެހެއްޓިޔަސް އިންތިހާބީ ބަޔަކަށް ނުވޭ، އެ ދެ ގޮތުން ވެސް ނުވޭ އިންތިހާބީ ބަޔަކަށް،" ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އިންތި ވިދާޅުވި އެވެ.

އިންތިގެ ވާހަކައަށް ތާއީދު ކުރައްވައި ކަނޑިތިމީދު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ކައުންސިލަރުންގެ އިންތހާބީ ދައުރު ދިގު ކުރުމަކީ ވެސް ޑިމޮކްރެޓިކް ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ދައުރު ހަމަވުމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން ރައީސް އައްޔަން ކުރާ ބަޔަކު ކައުންސިލްތަކުގައި ތިބޭ ގޮތެއް ހެދުން ރަނގަޅު ކަމަށެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތުމުން ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ފަސޭހަ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އަންނަނާ ނަތީޖާ މާ ގޯސް ވެދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ މައްސަލައަށް ހައްލެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި ހާލަތުގައި އިދާރީ ދާާއިރާތައް ހިންގުމަށް ރައީސް ގޮތްތަކެއް ކަނޑައެޅިދާނެ ކަމަށް ގާނޫނު އަސާސީން އެމަނިކުފާނަށް ބާރުތަކެއް ލިބިދީފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. އަދި ރައީސް ބަޔަކު އައްޔަން ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާ ނަމަ ސިވިލް ސާވިސް މުވައްޒަފެއްގެ ގޮތުގައި ކައުންސިލަށް އައްޔަން ކުރާ ސެކްރެޓަރީ ޖެނެރަލް ކައްންސިލްތައް ވަގުތީ ގޮތުން ހަވާލު ކުރަން ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިސް ސާވިސް މުވައްޒަފެއްގެ ގޮތުގައި ކައުންސިލްތައް ހިންގަން ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމަށް ރިޒާ ހުށަހެޅުއްވި ހިޔާލަށް އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރުގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ދައުރަށް ވުރެ އިތުރަށް އެންމެ މިނެޓެއް އިތުރު ކުރުމަކީ ވެސް ޑިމޮކްރެޓިކް ހަމަތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ ރައީސް ނުވަތަ ސީއެސްސީން ކައުންސިލްތައް ހިންގަން އާ ސެކްރެޓަރީ ޖެނެރަލްއެއް އައްޔަން ކުރުން އެއީ އެންމެ ކަމުދާ ހައްލު ނޫން ކަމަށެވެ. އޭނާއަށް ފެނެވަޑައިގަންނަވަނީ ރައީސް އާއި މަޖިލީހުން ގުޅިގެން މިހާރު ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ކައްންސިލް ހިންގަން ވަގުތީ ގޮތުން ހަވާލު ކުރަން ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އޭގެ ބަދަލުގައި ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ދެކޮޅު ހެއްދެވެމުން ބެލެވެނީ އެމްޑީޕީގެ ގިނަ މެންބަރުން އެ ވިސްނުމުގައި ގޮތް ނިންމަވާނެ ކަމަށެވެ.