ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލަރުންގެ މައްސަލަ: ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ފާސްކޮށްފި

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސަ ހުށަހަޅުއްވާފައިވާ ގަރާރުގައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން މަޖިލީހުން ފާސްކުރީ 61 މެންބަރުންގެ ވޯޓުންނެވެ. ލަފައަކަށް އެދެން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން މަޖިލީހުން ފާސްކުރިއިރު، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައެއް މަޖިލީހުން ހޯއްދެވި އެވެ. އެ ދެ ބޭފުޅުން ވެސް ލަފާ ދެއްވީ ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޣަފޫރު ހުށަހެޅުއްވިއިރު، އޭގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް ބައެއް މެންބަރުންނަށް އެއްބަސްނުވެވޭތީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައިވެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާއި ކައުންސިލަރުންގެ ދައުރު ދަމާލުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.

މިކަމާ ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ އިތުރުން ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ސަންސެޓް ގާނޫނެއްގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެވެ. އެ ބިލު ތަޅުމަށް ބަލައިގަނެ ލާމަރުކަޒީ ކޮމިޓީން އެ ބިލު ވަނީ ދިރާސާކޮށްފަ އެވެ. ކޮމިޓީގެ ރިޕޯޓު ވެސް ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފުތާ ތެރޭގައި ދިމާވެފައިވާ މި މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދެވޭނެ ކަމަށާއި އެ ކަމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.