ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގާނޫނީ ހަމައަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ސަރުކާރުން ފޮނުވި އިސްލާހު އުނިކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތުގެ އުސޫލުތަކާއެކު ސަންސެޓް ގާނޫނެއް ފާސްކުރަން ވެސް ހުށަހެޅުމުގައިވެ އެވެ.
އާޒިމްގެ އެ ހުށަހެޅުއްވުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުއްވުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ތަޅުމުގައި އަދި ވޯޓަކަށް އަހަން ޖެހެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އެ ތާރީހަށް ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތެވެ. އެ އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމުގެ ގޮތުން ސަރުކާރުން ގާނޫނު އަސާސީ އިސްލާހު ކުރަން ފޮނުވީ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ ވެސް ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލުތައް ބަޔާން ކުރާ 231 ވަނަ މާއްދާގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
ސުޕްރީމް ކޯޓުން އެ ގޮތަށް ލަފާ ދިނީ ސަރުކާރުން ފޮނުވި ގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ހިމެނޭ ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްދާ އެކަނި ބަދަލުކޮށްފިނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އެއްކޮށް އަރައިރުން ވާނެތީ އެވެ. އެ މާއްދާ އެކަނި ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެ ލަފާގައި ބުނެ އެވެ.
ސަރުކާރުގެ ބިލު ފޮނުވުމާއެކު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވި އެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅު ހެއްދެވި އެވެ. ބައެއް މެންބަރުން ބޭނުންވީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.
މި ހިޔާލު ތަފާތުވުމުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސަންސެޓް ގާނޫނެއްގެ ބިލެއް ވެސް ހުށަހެޅުއްވި އެވެ. އެ ބިލު ތަޅުމަށް ބަލައިގަނެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު ވެސް ތަޅުމަށް ފޮނުވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ލަފައަށް އެދުނީ ވެސް އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެނެވެ. އެ ކޯޓުގެ ލަފާ ލިބުމުން މިރޭގެ ކޮމިޓީގައި ހިޔާލު ތަފާތުވެފައިވާ އެމްޑީޕީގެ މެންބަރުން އެއްބަސްވެވަޑައިގެނެންވީ ލަފައާ އެއް ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. އަދި އިތުރު ކުރާ މާއްދާގެ ދަށުން ސަންސެޓް ގާނޫނެއް ފާސްކުރަން ވެސް މެންބަރުންނަށް އެއްބަސްވެވުނެވެ.