ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، އާ ކައުންސިލަރުން އިންތިހާބު ނުކުރޭތީ އަންނަ ގާނޫނީ ހުސް ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ރައްޔިތުންގެ މަޖިލީހަށް ލިބުމުން މިރޭ އެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ލަފާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ޖަލްސާ މިރޭ 9:00 ގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އެހެންކަމުން ސަރުކާރުން ފޮނުވާފައި ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ބިލު ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި މި މައްސަލާގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ސަރުކާރުން ފޮނުވި ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.
މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށެވެ. އެ ހުށަހެޅުއްވުމާ އެއް ގޮތަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ ކޯޓުގެ ލަފައެއް ހޯދަން ފޮނުވަން ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ލަފާ ވަނީ މަޖިލީހަށް މިހާރު ފޮނުވައިފަ އެވެ. އެ ކޯޓުން މަޖިލީހަށް ލަފާ ދީފައި ވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ފަހު ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
މި ލަފާގައި ވަނީ ސަރުކާރުން މިހާރު ފޮނުވާފައިވާ ގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް މި ކަމުގައި މަޖިލީހަށް ގާނޫނީ ލަފާ ދެއްވި އެވެ. އެ ދެ ބޭފުޅުން ލަފާ ދެއްވީ ސަރުކާރުން ފޮނުވާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ދެ ބިލެއް މަޖިލީހުގައި އެބަ އޮތެވެ. އެއީ ސަރުކާރުން ފޮނުވާފައިވާ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސަންސެޓް ގާނޫނުގެ ބިލެކެވެ.