ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާނޫނު އަސާސީ އިސްލާހު ކުރުން

ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނު އަސާސީ އިސްލާހުކޮށްފި

ކޮވިޑް-19 ގެ ބަލިކަމުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. -- މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ބުރާސްފަތި ދުވަހަށް ހަމަވެ އެވެ. --

ސުޕްރީމް ކޯޓުގެ ލަފައަށް ރިއާޔަތްކޮށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އިސްލާހު ގެނެސް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން އެ ގޮތަށް ބިލު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުގައި ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތަކީ 66 މެންބަރުންނެވެ.

ނަވާރަވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގައި ތިއްބެވީ 65 މެންބަރުންނެވެ. ގާނޫނު އަސާސީގެ މި އިސްލާހު ފާސްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީ އާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ބައެއް މެންބަރުންގެ ވެސް ވޯޓާ އެކުގަ އެވެ. އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެއްވެސް މެންބަރަކު މި ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

މިރޭގެ މި ޖަލްސާ ފެށުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކައަށް ހުރަސް އެޅުމުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރުނެވެ. ޝިޔާމް އެ ކަމަށް ދެކޮޅު ހެއްދެވުމުން އޭނާ މަޖިލީހުން ނެރުނީ އެމްޑީޕީގެ މެންބަރުން އަޑު ގަދަ ކުރައްވައި މަޖިލީހުގެ ސާޖެޓް އޮފް އާމްސް ފޮނުވައިގެންނެވެ.

އެ ހަމަޖެހުންތަކުގެ ތެރޭގައި މެންބަރުންނަށް އަނިޔާވި ކަމަށް އެމްޑީޕީން ވެސް އަދި ޕީޕީއެމުން ވެސް ބުނެފައިވެ އެވެ. އެ ހަމަނުޖެހުންތަކަށް ފަހު، ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ހުރިހާ މެންބަރުން ވަނީ ޝިޔާމާ އެކު ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ.

މަޖިލީހުން މިރޭ ފާސްކޮށް ގާނޫނު އަސާސީގައި އިތުރުކުރި އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. ކައުންސިލަރުން ތިބެވޭނެ އުސޫލުތައް ހިމެނޭ ސަންސެޓް ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް މާއްދާގައިވެ އެވެ.

ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން ފުރަތަމަ ފޮނުވީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާއަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އެއާ މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތައް ބޮޑުވެގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުނެވެ.

ސުޕްރީމް ކޯޓުން ލަފާ ދިނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ހަމައެކަނި ލާމަރުކަޒީ ބާބުގެ ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާ އިސްލާހުކޮށްފިނަމަ އެ މާއްދާގެ އެހެން ބައިތަކަށް އަރައިރުން ވެދާނެ ކަމަށެވެ. އެހެންކަމުން އެ ބާބުގައި ނުވަތަ ގާނޫނު އަސާސީގެ ތޭރަވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ލަފާ ދިނެވެ.

ކޯޓުގެ ލަފައާ އެ ގޮތަށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނަން މިރޭ ފާސްކުރިއިރު، އެ މާއްދާގެ ދަށުން ފާސްކުރަން ޖެހޭ ސަންސެޓް ގާނޫނުގެ ގޮތުގައި ފާސްކުރަން ނިންމާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސަންސެޓް ގާނޫނުގެ ބިލެކެވެ.

ނަމަވެސް އެ ބިލަކީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ސަންސެޓް ގާނޫނަކުން ދައުރު ދެންމޭނެ ކަމަށް ވިދާޅުވެ ހަސަން ލަތީފު ހުށަހެޅުއްވި ބިލެކެވެ. އެކަމަކު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އާއި ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ ދައުރު ދަންމަން ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހު، ސަންސެޓް ގާނޫނެއް ފާސްކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބަޔާން ކުރަން އެމްޑީޕީން ނިންމީ އެ އިންތިގާލީ މާއްދާގެ މުއްދަތުގައި އައިސްދާނެ އިތުރު ގާނޫނީ މައްސަލަތަކަށް ހައްލެއް ގެނެސްދޭން ކައުންސިލަރުން މަގާމުގައި ތިބެވޭނެ އުސޫލުތައް ހިމެނުމަށެވެ.