ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރޭ މެންދަމު ބޭއްވި ޖަލްސާއެއްގައި ވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް އިތުރު ކުރަން ފާސްކޮށްފަ އެވެ. ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައީ 74 މެންބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 66 މެންބަރުންނެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ހަވަނަ އިސްލާހު ރައީސް ސޯޅިހް މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ. އެއާއެކު އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު މި ވަނީ ދެމިގެން ގޮސްފަ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ބުރާސްފަތި ދުވަހަށް ހަމަވެ އެވެ. އެ ދައުރު ދަންމަން ސަރުކާރުން ފުރަތަމަ ފޮނުވީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާއަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކަމާ މެދު ހިޔާލު ތަފާތުވުން ބޮޑުވެ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުނެވެ.
ސުޕްރީމް ކޯޓުން ލަފާ ދިނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ހަމައެކަނި ލާމަރުކަޒީ ބާބުގެ ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާ އިސްލާހުކޮށްފިނަމަ އެ މާއްދާގެ އެހެން ބައިތަކަށް އަރައިރުން ވެދާނެ ކަމަށެވެ. އެހެންކަމުން އެ ބާބުގައި ނުވަތަ ގާނޫނު އަސާސީގެ ތޭރަވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ލަފާ ދިނެވެ.
މަޖިލީހުން ރޭ ފާސްކޮށްފައި ވަނީ އެ ކޯޓުގެ ލަފައާ އެ ގޮތަށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. ކައުންސިލަރުން ތިބެވޭނެ އުސޫލުތައް ހިމެނޭ ސަންސެޓް ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް މާއްދާގައިވެ އެވެ.
އިންތިގާލީ އެ މާއްދާގެ ދަށުން ފާސްކުރަން ޖެހޭ ސަންސެޓް ގާނޫނުގެ ގޮތުގައި ފާސްކުރަން ނިންމާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސަންސެޓް ގާނޫނުގެ ބިލެކެވެ. އެ ބިލުގައި ވަނީ އިންތިގާލީ މުއްދަތުގައި ކައުންސިލަރުން މަގާމުގައި ތިބޭނެ ގޮތްތަކުގެ އުސޫލުތަކެއް ހިމަނައިފަ އެވެ.
ރައީސް ސޯލިހް ތަސްދީގު ނުކުރައްވާ އެ ބިލުގައި އިންތިގާލީ އެ ކައުންސިލްތަކުގެ ބައެއް ކަންކަން ނިންމުމުގެ ކުރިން އެލްޖީއޭގެ ހުއްދައެއް ހޯދަން އޮވެ އެވެ. އަދި ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވެ ހުސްވާ ކައުންސިލަރުގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވޭނެތީ އަމަލު ކުރާނެ އުސޫލުތަކެއް ވެސް ބިލުގައިވެ އެވެ.
ނަވާރަވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގައި ތިއްބެވީ 65 މެންބަރުންނެވެ. ގާނޫނު އަސާސީގެ މި އިސްލާހު ފާސްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީ އާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ބައެއް މެންބަރުންގެ ވެސް ވޯޓާ އެކުގަ އެވެ. އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެއްވެސް މެންބަރަކު މި ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ރޭގެ ޖަލްސާ ފެށުމާ އެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވުމުން އޭނާ އެ ކަމަށް ދެކޮޅު ހެއްދެވި އެވެ. ޝިޔާމް އެ ތަނުން ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި ހިފައިގަނެގެން ގެންގޮސްގެނެވެ. އެ ހަމަނުޖެހުންތަކަށް ފަހު، ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ހުރިހާ މެންބަރުން ވަނީ ޝިޔާމާ އެކު ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ.