ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރާ ބިލު ތަސްދީގު ކުރައްވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭތީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ގާނޫނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ރައީސް ސޯލިހް ތަސްދީގު ކުރައްވާފައިވާ ކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ތަސްދީގު ކުރެއްވުމުން ކައުންސިލް އިންތިހާބު ވަނީ މި ހާލަތު ނިމެންދެން ފަސްކުރެވިފަ އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭއްވޭން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފަ އެވެ. އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން އިންތިހާބު ފަސް ކުރުމުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނެއްގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާ ގޮތުން އިންތިހާބުގެ ކަންކަމުގެ ތެރެއިން ފަސްވެގެން ދާނީ އިންތިހާބުގެ ވޯޓު ލުމުގެ ކަންކަމެވެ. ދެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓު ލާން ބޭނުންވާ މީހުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް އަލުން ފަށާ ގޮތަށް ބިލުގައިވެ އެވެ.

އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުނަށް އެ ފުރުސަތު އޮންނާނެ ކަމަށް ބިލުގައިވެ އެވެ. މިހާރު ގޮނޑި ކަށަވަރު ވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލު ވާނީ ފާސްކުރެވޭ އިންތިހާބު ބޭއްވުމަށް ފަހު އަލަށް އިންތިހާބުވާ ކައުންސިލް މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެ އެވެ.

އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަންޕެންޝަން ވެސް އުވި، ކުރިން ތިބި މަގާމަށް ރުޖޫއަވާނެ ކަމަށް ބިލުގައިވެ އެވެ. އެ ހިސާބުން އަލުން އިންތިހާބު ބާއްވަން އިއުލާން ކުރަން ދެން އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް މުވައްޒަފުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަމަށް ބިލުގައި ބުނެ އެވެ. އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރާ ދުވަހުން ފެށިގެން އަލުން ސަސްޕެންޝަން ފެށޭނެ ކަމަށް ވެސް އޭގައިވެ އެވެ.

އިންތިހާބު ފަސްކުރުމުގެ ބިލެއްގެ އިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެވެ. ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ އެވެ.

ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއްގެ ގޮތުގައި އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ގޮތަށް ފާސްކުރެވޭނެ ކަމާ މެދު ވެސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ނިންމައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް ނިންމާފަ އެވެ.