ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފާސް ކުރުމަށް ބޭނުންވާ ހާއްސަ ވަގުތީ ގާނޫނުގެ ބިލު މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު މިއަދުގެ ޖަލްސާގައި ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން އިންތިހާބު ފަސް ކުރުމުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނެއްގެ ބިލެއް ސަރުކާރުން ހުށަހެޅީ އެވެ.
ބިލުގައިވާ ގޮތުން ފަސްވެގެން ދާނީ ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ކަންކަމެވެ. އެ އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުނަށް އެ ފުރުސަތު އޮންނާނެ ކަމަށް ބިލުގައިވެ އެވެމިހާރު ގޮނޑި ކަށަވަރު ވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލު ވާނީ ފާސްކުރެވޭ އިންތިހާބު ބޭއްވުމަށް ފަހު އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެ އެވެ.
ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިންތިހާބާ ގުޅޭ އިތުރު މަސައްކަތެއް އީސީން ކުރާ ގޮތަށް ބިލަށް މާއްދާއެއް އިތުރުކޮށްފަ އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލާން ބޭނުންވާ މީހުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަލުން ކުރަން ޖެހޭ ގޮތަށެވެ.
އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަންޕެންޝަން ވެސް އުވި، ކުރިން ތިބި މަގާމަށް ރުޖޫއަވާނެ ކަމަށް ބިލުގައިވެ އެވެ. އެ ހިސާބުން އަލުން އިންތިހާބު ބާއްވަން އިއުލާން ކުރަން ދެން އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް މުވައްޒަފުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަމަށް ބިލުގައި ބުނެ އެވެ. އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރާ ދުވަހުން ފެށިގެން އަލުން ސަސްޕެންޝަން ފެށޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
މީގެ އިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެވެ. ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ އެވެ.
ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއްގެ ގޮތުގައި އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ގޮތަށް ފާސްކުރެވޭނެ ކަމާ މެދު ވެސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތެވެ.