ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ބޭނުންވާ ވަގުތީ ގާނޫނުގެ ބިލުގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި އަންނަ ހަފުތާގައި މަޖިލީހުގައި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބާ ފަސްކުރުމާ ބެހޭ ބިލު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.
އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިއުން އޮންނާނެ ކަމަށާއި ބިލުގެ އިބްތިދާއީ ބަހުސްގެ މަރަހަލާ ވެސް އެ ދުވަހު ފެށުމަށް ވިސްނާފައިވާ ކަމަށެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ގާނޫނީ ލަފާ ދެއްވާފައި ވަނީ ވެސް ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހޯމަ ބިލުގެ ފުރަތަމަ ކިއުން އިއްވާނެ، ބަހުސް ވެސް ފަށާނެ. ކައުންސެލަ ޖެނެރަލް ވެސް އެބަ ވިދާޅުވޭ ބިލުގެ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށް. އެއީ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހު ވެސް އެހާ ކައިރިވެފައި އޮތުމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބު ފަސް ކުރުމަށް ޓަކައި މަޝްވަރާ ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ބައްދަލު ކުރެއްވި އެވެ. ދެ ފަރާތަކުން ކުރި މަޝްވަރާއަށް ފަހުގައި ނިންމީ އިންތިހާބު ފަސް ކުރަން މި ހާލަތަށް ހާއްސަ ވަގުތީ ގާނޫނެއް ގެނައުމަށެވެ.
ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުކުރައްކަލުގެ ހާލަތު އިއުލާންކޮށް އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އިންތިހާބު ފަސް ކުރަން ނިންމީ ވެސް އެ ސަބަބާ ގުޅިގެންނެވެ.
އެންމެ ފުރަތަމަ މި މަހަރުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރި އިންތިހާބު ފަސްކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އެކަމަކު އެ ދުވަހަށް ވެސް އިންތިހާބު ނުބޭއްވޭނެތީ އެ ކަމުގައި ގޮތެއް ނިންމުމަށް އެދި ސުޕްރީމް ކޯޓަށް އީސީން މައްސަލައެއް ހުށަހެޅި އެވެ.
އެކަމަކު އެ މައްސަލައަށް ބޭނުންވަނީ ގާނޫނީ ފަރުވާއެއް ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައި އޭގެ މަސައްކަތް ފެށި އެވެ. އެ ކަމަށް ބޭނުންވާ ގާނޫނުގެ މަސައްކަތް މަޖިލީހުން ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން އީސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ފަހުން އަނބުރާ ނެގި އެވެ.