ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލަރުންނާ މެދު ގޮތެއް ނިންމަން އީދު ބަންދުގައި މަޖިލިސް ބާއްވަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކޮށްފައިވާތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތެއް ހެދުމަށް އީދު ބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމައިފި އެވެ.

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް
ހުށަހަޅުއްވައިފަ އެވެ. އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ އެވެ.

މި ބިލު ހުށަހަޅުއްވާފައި ވަނިކޮށް ވަގުތީ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގުކުރަން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ގޮތަށް ބިލެއް ހުށަހެޅުއްވީ ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުން ނުވާތީ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތްތައް ކުރުމަށް އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބިލުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މި މަހުގެ 26، 27، އަދި 28 ވަނަ ދުވަހުގަ އެވެ. އެއީ ފިތުރު އީދު ދުވަހަށް ފަހު އަންނަ ސަރުކާރު ބަންދު ދުވަސްތަކެކެވެ. ދެން އެންމެ އަވަހަށް ޖަލްސާއެއް ބާއްވާނީ ވެސް މި މަހުގެ 26 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

މަޖިލީހުގައި ފުރަތަމަ ކޮށްފައި ވަނީ ހަސަން ލަތީފުގެ ބިލުގެ މަސައްކަތެވެ. އެ ބިލުގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި އެވެ. ކޮމިޓީގައި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.

ނަމަވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައި ވަނީ ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ދެ ބޭފުޅުން ވެސް ލަފާ ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގައި އެޖެންޑާ ކުރީ ވެސް އޭގެ ފަހުންނެވެ. ބިލު އަދި އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ. ބިލު ތަޅުމަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމާނީ އެ މަރުހަލާއަށް ފަހުގަ އެވެ.

މި މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ. ގިނަ މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. އަދި ބައެއް މެންބަރުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބޭނުން ނުވެ ވާހަކަ ދެއްކެވި އެވެ.