ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ދައުރު ދަންމަން ހުށައެޅި ބިލް އެޖެންޑާކޮށްފި

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކޮށްފައިވާތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އެކުލަވާލައި ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ވަނީ އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ހުށަހަޅާފައިވަނިކޮށް، ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ވަގުތީ ގާނޫނެއްގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެވެ. ސަރުކާރުގެ ބިލުގެ ބަދަލުގައި މަޖިލީހުގައި އެޖެންޑާކޮށް ކުރިއަށް ގެންދިޔައީ ހަސަން ލަތީފުގެ ބިލެވެ.

ހަސަން ލަތީފުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ނިންމައި މަޖިލީހުގެ ތަޅުމަށް އެ ބިލު ބަލައިގަނެ ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީއަށް ވެސް ފޮނުވި އެވެ. ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ލާމަރުކަޒީ ކޮމިޓީން ކުރި އެވެ.

ނަމަވެސް ސަރުކާރުން ފުރަތަމަ ހުށަހެޅި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގައި އަލުން އެޖެންޑާ ކުރީ ހަސަން ލަތީފުގެ ބިލަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ބިލެއް ކަމަށް ބަންޑާރަ ނައިބު ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވުމުންނެވެ.

ރިފްއަތާއި ފިލްޒާ ވެސް ލަފާ ދެއްވާފައި ވަނީ އާންމު ނޫނީ ވަގުތީ ގާނޫނަކުން ވެސް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީގައިވާ އެ މައްދާ އިސްލާހުކޮށްގެން ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައިވަނިކޮށް ހަސަން ލަތީފު ވަގުތީ ގާނޫނެއްގެ ބިލެއް ހުށަހެޅީ، މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ދެކޮޅު ހެއްދެވުމުންނެވެ. މި މައްސަލަގާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ.